ދީން

ނުވިސްނެނީ އަހަރެންނަށެވެ

އަހަރެން މުސީބާތެއްޖެހޭ ކޮންމެ ހިނދެއްގައި މާތް ﷲ ގެ  ހަޟްރަތުގައި ޝަކުވާކުރަމެވެ. އެހެން މިހެން މިވީ ކީއްވެހެއްޔެވެ؟ އިބަ އިލާހު މިއަޅާދެކެ ލޯބިވެވޮޑިގެން ނުވަނީ ހެއްޔެވެ؟ އިބަ އިލާހުގެ ރަޙްމަތުގެ ނަސީބު މިއަޅާއަށް ނުވަނީހެއްޔެވެ؟ މިއީވެސް އެފަދަ މުސީބާތެއްގެ ވަގުތެކެވެ. އާދައިގެ މަތިން އެއިލާހުގެ ހަޟްރަތުގައި ޝަކުވާދަންނަވާންވީއޭ ހިތައްއަރައި  އިށީންދެއްޖައީމެވެ. އަޖައިބެކެވެ. އެކަލާންގެ ޒިކުރު ކުރުމުން އެއްކިބާވެފައިވާ ފާފައިގެ ކިތައް މަޖިލީހުގައި އަހަރެންނަށް އިށީންދެވިފައި ހުންނާނެބާވައެވެ. ނަމަވެސް އެއިލާހު އިށީންދެވުމުގެ ނިޢުމަތުން މިއަޅާ މަޙުރޫމްކުރެއްވި ހެއްޔެވެ؟ ޝަކުވާޔާގެން އެއަތް އުފުލާލިމެވެ. އެވަގުތު އެ ދެއަތަށް އަހަރެން ބަލައިލީމެވެ. އެއީ ފާފަތަކުން ތަތްތެޅިފައިވާ ހަޑިމުޑުދާރު އަތެކެވެ. އެދެއަތުން ކުރާނީ ، އެއިލާހަށް އުރެދޭފަދަ ކިތައް ކިތަޢް ކަންތައްހެއްޔެވެ؟ އެދެއަތް ވާކޮށް ހަރަކާތް ނުކުރެވޭ ގޮތަށް ހެދުމުގެ ބާރު އެއިލާހަކަށް ނުވޭހެއްޔެވެ؟ ކަރަންޓު ކެނޑި ކުޑަކޮށް ކޮޓަރި އަނދިރިވިއެވެ. އަހަރެންގެ ލޮލަކީވެސް އެކަލާންގެއަށް އުރެދުން ބޮޑު ލޮލެކެވެ. އެލޮލުގެ މުހިއްމުކަން މި އިނގެނީ އަނދިރިވެ ފެނުމަށް ހުރަސްއެޅިގެން ދިޔަ ވަގުތުއެވެ . އެކަލާންގެ ޙަރާމްކުރެއްވި ކިތަންމެ މަންޒަރެއް އެ ދެލޮލުން އަހަރެން ނުބަލަން ހެއްޔެވެ؟ އެ އިލާހު މިއަޅާގެ ފެނުން ގެންދެވުމަށް ކުޅަދުންވަންތަ ނުވޭހެއްޔެވެ؟ އެވަގުތު ގޭގެ ކައިރިން ސައިކަލެއް ދުއްވާފައި ދިޔަ އަޑު އަހަރެންނަށް އިވުނެވެ. ނަމަވެސް ހަމަ އެކަންފަތުން ﷲ ޙަރާމްކުރެއްވި ކިތައް އަޑު އަހާފައިވާނެ ހެއްޔެވެ؟ އިވުމާއި ފެނުމާއި ހިނގުމުގެ ގާބިލް ކަމަކީ ﷲ ދެއްވި ނިޢުމަތެއް ނޫންހެއްޔެވެ؟ އަހަރެންނަކީ އަޖައިބެއްފަދަ އިންސާނެކެވެ. އެހުރިހާ ފާފައެއްކޮށް ތައުބާވުމުގެ ބަދަލުގައި އަހަރެން މިހުރީ އެކަލާންގެ ހަޒުރަތުގައި ޝަކުވާދަންނަވަން ތައްޔާރުވެގެންނެވެ. އެކަލާންގެ ދެއްވެވި ނިޢުމަތްތަކާއެކުގައެވެ. އަހަރެންގެ ހާލާއި މެދު އަހަރެންނަށް ރޮވިއްޖެއެވެ. ހަތަރުދަމު އެއިލާހު ޙަރާމްކުރެއްވި ކަންކަމުގައި އުޅެފައި ، މުސީބާތެއް ކުރިމަތިވުމުން އަހަރެން އުޅުނީ ޝަކުވާކުރާށެވެ. ތައުބާވުމުގެ ބަދަލުގައި އަހަރެން މިވީ އަމިއްލަ އެދުން ބޮޑު އިންސާނަކަށެވެ. މިއީ އިންސާނާއެވެ. އެކަލާންގެ ނިޢުމަތްތައް ހަނދާނުގައި ނުހުރެއެވެ. އަދި އެކަލާންގެ ދެއްވެވި ނިޢުމަތްތަކަށް ޙަރާމްކޯރުވުމުގައި ދުވަސްތައް ހޭދަކުރެއެވެ. ފަހެ މުސީބާތެއް ކުރިމަތިވެއްޖެނަމަ އޭނާގެ ވެރިރައްބުގެ ރަޙްމަތްވަންތަ ކަމާމެދު ސުވާލުއުފައްދައެވެ. އާދޭހެވެ. އެކަލާނގެ ރަޙްމަތް އަހަރެންގެ މައްޗަށް ނުވަނީއެއްނޫނެވެ. އެހެންނެއްކަމަކު އަހަރެންނަށް އެކަން ނުވިސްނެނީއެވެ.
އައްޝައިހު ޙުސައިން ރީޙާން