ޚަބަރު ވިޔަފާރި

ޒުވާނުން ވިޔަފާރި ފަށަން ހާއްސަކޮށްފައިވާ ފައިނޭންސިންގެ ދެ ވަނަ ފިޔަވަހި ހުޅުވާލައިފި

ޒުވާނުން ވިޔަފާރި ފަށަން ހާއްސަކޮށްފައިވާ ފައިނޭންސިންގެ ދެ ވަނަ ފިޔަވަހި ހުޅުވާލައިފި
Advertisement Advertisement

ދިވެހި ޒުވާނުން އަމިއްލަ ކުދި ވިޔަފާރިތައް ފެށުމަށް އެހީތެރިވުމުގެ ގޮތުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ތައާރަފްކޮށްފައިވާ "ޔޫތު އޮންޓްރަޕްރިނާޝިޕް ފައިނޭންސިން" ގެ ދެވަނަ ފިޔަވައްސަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އިއްޔަ ހުޅުވާލައިފި އެވެ.

މިއީ ރާއްޖޭގެ ހުނަރުވެރި ޒުވާނުންގެ ވިޔަފާރި ހިޔާލުތައް ހަގީގަތަކަށް ހެދުމަށްޓަކައި، ފަސޭހަކަމާއެކު މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި އެކުލަވާލާފައިވާ ހާއްސަ ފެސިލިޓީއެކެވެ. އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްފައިވާ މި ފުރުސަތުގެ ދަށުން، އެއްވެސް ރަހުނަކާ ނުލައި އަދި އަމިއްލަ ޖީބުން އެއްވެސް ހަރަދެއް ކުރަން ނުޖެހި 150،000 ރުފިޔާއާ ހަމައަށް ފައިނޭންސިން ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަހަރަކު 7 ޕަސެންޓުގެ ފައިދާ ރޭޓެއްގައި ދޫކުރާ މި ފައިނޭންސިން އަނބުރާ ދެއްކުމަށް 6 މަހުގެ ގްރޭސް ޕީރިއަޑަކާ އެކު، ޖުމްލަ 5 އަހަރުގެ މުއްދަތެއް ލިބިގެންދާނެ އެވެ.

މި ފިޔަވަހީގެ ދަށުން ފައިނޭންސަށް އެދި ހުށަހެޅުމުގެ ކުރިން، ވިޔަފާރީގެ މާލީ ހިސާބުތައް ބަލަހައްޓާނެ ގޮތާއި ވިޔަފާރި ހިންގުމުގައި ސަމާލުކަން ދޭންޖެހޭ މުހިންމު ކަންކަމަށް ޒުވާނުން އަހުލުވެރިކުރުވުމަށް ހާއްސަ އޮންލައިން ޕްރޮގްރާމެއް ފުރިހަމަކުރަން ޖެހެ އެވެ. އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް މި ޕްރޮގްރާމް ފުރިހަމަކުރުމަށްފަހު، މި ފިޔަވައްސަށް ކަނޑައަޅާފައިވާ ޖުމްލަ އަދަދު ހަމަވަންދެން ބީއެމްއެލް ސްވައިޕް އެޕް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް އެ ފަރާތުން މައުލޫމާތު ދެއެވެ.

މި ފައިނޭންސިންއާ ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، މި ސްކީމުގެ ފުރަތަމަ ފިޔަވައްސަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަ ކަމަށާއި، މީގެ ސަބަބުން މިފަދަ އެހީތެރިކަމަކަށް ދިވެހި ޒުވާނުން ބޭނުންވެފައިވާ މިންވަރު ހާމަވެގެންދިޔަ ކަމަށެވެ. އަދި މި ފުރުސަތުގެ ސަބަބުން ޒުވާނުން އެ މީހުން ބޭނުންވާ ދާއިރާތަކުން ކުރިއަށްދިއުމުގެ މަގު ފަހިވެގެންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

"ޔޫތު އޮންޓްރަޕްރިނާޝިޕް ފައިނޭންސިން" ގެ ފުރަތަމަ ފިޔަވަހީގެ ދަށުން ވެސް ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާ އިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި 3،000 އަށް ވުރެ ގިނަ ޒުވާން ވިޔަފާރިވެރިންނަށް 300 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ މި ސްކީމުގެ ތެރެއިން ދޫކޮށްފަ އެވެ.

ކޮމެންޓް

އަދި ކޮމެންޓެއް ނެތް