ރާއްޖޭގެ ޕޭމަންޓް ސިސްޓަމް "ފަވަރަ" އާއި އިންޑިއާގެ "ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް" (ޔޫޕީއައި) ގުޅާލައި، ރުފިޔާ އެކައުންޓްތަކުން ވަގުތުން އިންޑިއާއަށް ފައިސާ ފޮނުވޭ ހިދުމަތް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިފްތިތާހުކޮށްފި އެވެ.
އެމްއެމްއޭގައި އިއްޔާ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އެ ހިދުމަތް ފަށާފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާ ގުޅިގެންނެވެ.
އެ ދެ ބޭންކުގެ ކަސްޓަމަރުންނަށް މިހާރު އިތުރު އެޕްލިކޭޝަނެއް ބޭނުން ކުރުމެއް ނެތި، މޮބައިލް އެޕް ނުވަތަ އިންޓަނެޓް ބޭންކިން މެދުވެރިކޮށް އިންޑިއާގެ ޔޫޕީއައި ބޭނުންކުރާ އެކައުންޓްތަކަށް ފައިސާ ފޮނުވޭނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
އެ ނިޒާމުގެ ދަށުން، ދިވެހި ރުފިޔާ ނުވަތަ އެމެރިކާ ޑޮލަރުން ފައިސާ ދެއްކުމުން ފައިސާ ލިބޭ ފަރާތުގެ އިންޑިއާ ބޭންކް އެކައުންޓަށް ވަގުތުން ފައިސާ ޖަމާވާނީ އިންޑިއާ ރުޕީސް އިންނެވެ.
އެއީ ރާއްޖޭގެ ބޭންކް އެކައުންޓަކުން ހަމަ އެ ބޭންކުގެ އެހެން އެކައުންޓަކަށް ފައިސާ ފޮނުވުން ފަދަ ފަސޭހަ އަދި ރައްކާތެރި މުއާމަލާތެއްގެ ގޮތުގައި އެމްއެމްއޭއިން ވަނީ ސިފަކޮށުރެއެވެ.
ރާއްޖޭގައި ފިޔަވަހިތަކަކަށް ބަހާލައިގެން ފަށާފައިވާ އެ ހިދުމަތުގެ ދަށުން މިވަގުތު ހިމެނެނީ އަމިއްލަ ފަރުދުންގެ މެދުގައި ކުރެވޭ ޕާސަން ޓު ޕާސަން (ޕީ2ޕީ) މުއާމަލާތްތައް އެކަންޏެވެ. އަދި ދެވަނަ ފިޔަވަހީގައި ކިއުއާރް ކޯޑް ބޭނުންކޮށްގެން ވިޔަފާރިތަކަށް ފައިސާ ދެއްކޭނެ ޕާސަން ޓު މާޗަންޓް (ޕީ2އެމް) ނިޒާމު ތައާރަފް ކުރުމުގެ މަޝްވަރާތައް ކުރަމުންދާ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
މިވަގުތު އެ ހިދުމަތް ހަމައެކަނި ރާއްޖެއިން އިންޑިއާއަށް ފައިސާ ފޮނުވުމަށް ބޭނުން ކުރެވޭއިރު، އިންޑިއާއިން ރާއްޖެއަށް ފައިސާ ފޮނުވޭނެ ނިޒާމުގެ ޓެސްޓުތައް ކުރިއަށް އޮތް ދުވަސްތަކުގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
ބޭރު ފައިސާގެ ގަވާއިދާ އެއްގޮތަށް، ކޮންމެ ކަސްޓަމަރަކަށް ވެސް މަހަކު ފޮނުވޭނީ ގިނަވެގެން 24,000 އިންޑިއާ ރުޕީސް (ގާތްގަނޑަކަށް 250 ޑޮލަރު) އެވެ.
އެމްއެމްއޭއިން ބުނިގޮތުގައި، ބޭންކުތަކުން ބޭނުންވެއްޖެ ހާލަތެއްގައި އެއަށްވުރެ ކުޑަ ލިމިޓެއް ކަނޑައެޅުމުގެ އިހުތިޔާރު އެ ބޭންކަކަށް ލިބިގެންވެ އެވެ.
ފައިސާ ފޮނުވުމުގެ ކުރިން، ފައިސާ ލިބޭ ފަރާތުގެ އެކައުންޓްގެ ސައްހަކަން ޔޫޕީއައި މެދުވެރިކޮށް ކަށަވަރު ކުރެވޭނެ އެވެ. އަދި ފައިސާ ފޮނުވާ ފަރާތަށް ބޭނުންވާ އެކްސްޗޭންޖް ރޭޓާއި ބޭންކް ފީތަކާއި ފައިސާ ލިބޭ ފަރާތުގެ ނަން ފެންނާނެ އެވެ.



