ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިންޓަނޭޝަނަލް އީ-ކޮމާސް މުއާމަލާތްތަކަށް ރުފިޔާ ކާޑު ބޭނުންކޮށްގެން ކޮންމެ ދުވަހަކަށް ކުރެވޭނެ މުއާމަލާތްތަކަށް ލިމިޓްތަކެއް ކަނޑައަޅައި، އިތުރަށް ހަރުކަށި ކޮށްފިއެވެ.
އެގޮތުން އެންމެބޮޑަށް ފާހަގަކުރެވެނީ، ކުރިން ޑެއިލީ ލިމިޓެއްނެތި ފައިސާދައްކަމުން އައި މުހިންމު ސަބްސްކްރިޕްޝަންތަކާއި، އެއަރލައިން ޓިކެޓާއި ހޮޓެލް ބުކުންއަށްވެސް މިހާރުވަނީ ލިމިޓެއް ޤާއިމުކޮށްފައެވެ. އެގޮތުން މުހިންމު ސަބްސްކްރިޕްޝަންތަކާއި އެހެނިހެން ޒަރޫރީ ހިދުމަތްތަކަށް ދުވާލަކު 100،000 ޑޮލަރު އަދި ދަތުރުފަތުރާއި ހުރުން (ފްލައިޓް ޓިކެޓާއި ހޮޓެލް ބުކިން) އަށް ދުވާލަކު 200،000 ޑޮލަރުގެ ލިމިޓެއްވަނީ ކަނޑައަޅާފައެވެ.
މިކަމުގެ ސަބަބުން ގިނަބައެއްގެ ޒަރޫރީ ބޭނުންތަކަށް ފައިސާ ދެއްކުމަށް ދަތިތަކެއް އަންނާނެކަން ކަށަވަރެވެ.
އީ-ކޮމާސް މުއާމަލާތްތަކަށް ޑޮލަރު ކަނޑައެޅި ގޮތް
- އެންމެ ގިނައިން ބޭނުންކުރާ އީ-ކޮމާސް މާޗަންޓުން (އެންމެ ގިނައިން ބޭނުންކުރާ 150 ޕްލެޓްފޯމް، މިސާލަކަށް: Temu, Alibaba, Apple, Amazon) ތިން މިލިއަން ޑޮލަރު (ގާތްގަނޑަކަށް ދުވާލަކު 100,000 ޑޮލަރު)
- ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް (Meta/Facebook, Instagram, TikTok ހިމެނޭހެން) 1.5 މިލިއަން ޑޮލަރު (ގާތްގަނޑަކަށް ދުވާލަކު 50,000 ޑޮލަރު)
- ދަތުރުފަތުރާއި ހުރުން (ފްލައިޓް ޓިކެޓާއި ހޮޓެލް ބުކިން) މިއީ ހަ މިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް ދުވާލަކު 200,000 ޑޮލަރު.
- މުހިންމު ސަބްސްކްރިޕްޝަންތަކާއި އެހެނިހެން ޒަރޫރީ ހިދުމަތްތަކަށް ތިން މިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް ދުވާލަކު 100,000 ޑޮލަރު.
- އެހެނިހެން ހުރިހާ ވިޔަފާރިތައް (އިތުރު އީ-ކޮމާސް މުއާމަލާތްތައް) 1.8 މިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް ދުވާލަކު 60,000 ޑޮލަރު.
- ސިއްހީ އަދި ތައުލީމީ ހަރަދުތައް: މިފަދަ ހަރަދުތަކަށް މާޗަންޓް ނުވަތަ ކެޓަގަރީ ލިމިޓެއް ކަނޑައަޅާފައެއްނުވޭ
ބީއެމްއެލް އިން މީޑިއާއާ ހިއްސާކުރި މައުލޫމާތުތަކުގައިވާ ގޮތުން ކޮންމެ ދުވަހެއްގެ ވެސް ކެޓަގަރީ ލިމިޓްތައް ހެނދުނު 7:00 ގައި "ރިސެޓް" ކުރާނެ އެވެ. މިބަދަލާއިއެކު މިކެޓަގަރީތައް ބަހާލާފައިވަނީ، މަހެއްގެ މައްޗަށް ޖުމްލަ 16 މިލިއަން ޑޮލަރާ ހަމައަށެވެ. ބޭންކުން ކުރިން ބުނެފައިވާ ގޮތުގައި އެބޭންކުން ކާޑު ޓްރާންސެކްޝަންތަކަށް މަހެއްގެ މައްޗަށް 45 މިލިއަން ޑޮލަރު ހަރަދުވާއިރު، ޓެމޫއަށް އެކަނިވެސް މަހެއްގެ މައްޗަށް އެވްރެޖްކޮށް 7 މިލިއަން ޑޮލަރު ހަރަދުވެއެވެ.
ކޮމެންޓް
އަދި ކޮމެންޓެއް ނެތް