މައުލޫމާތު ޓެކްނޮލޮޖީ

އޭއައި އަކީ ސައިބާ ސެކިއުރިޓީގެ ވަސީލަތަކަށް އަދި ބޮޑު ނުރައްކަލަކަށްވެސް ވަނީ!

އޭއައި އަކީ ސައިބާ ސެކިއުރިޓީގެ ވަސީލަތަކަށް އަދި ބޮޑު ނުރައްކަލަކަށްވެސް ވަނީ!
Advertisement Advertisement

އިންޑިއާ މޮބައިލް ކޮންގްރެސް (އައިއެމްސީ) 2026 ގައި އިންޑިއާގެ ޓެކްނޮލޮޖީ ކުރިއެރުވުމާ ބެހޭގޮތުން ކުރެވުނު މަޝްވަރާތައް ހަމައެކަނި އަމާޒުވީ އައު ޓެކްނޮލޮޖީތަކާ އައު އިނޮވޭޝަން ތަކުގެ މައްޗަށް އެކަންޏެއް ނޫނެވެ. ޓެކްނޮލޮޖީގައި އިންޑިއާއިން ހޯދަމުން އަންނަ ކުރިއެރުންތަކުގެ އަމާޒަށް ވާސިލްވުމަށް، ފުޅާވަމުންދާ ޑިޖިޓަލް ނިޒާމު ރައްކާތެރިކުރެވޭނެ ގޮތްތަކާއިމެދު އެ ކޮންފަރެންސްގައި ވަރަށްފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

އެ ބައްދަލުވުމުގައި ސައިބާ ސެކިއުރިޓީއަށް ވަނީ ވަރަށް ބޮޑު އިސްކަމެއް ދީފައެވެ. ސައިބާ ސެކިއުރިޓީ ކުންފުނިތަކުން ވަނީ ޓެލެކޮމް ނެޓްވޯކްތަކަށާއި، ކުންފުނިތަކަށާއި، ގުޅުވާލެވިފައިވާ ވަސީލަތްތަކަށް ހަމަލާތައް އަމާޒުވެދާނެ ގޮތްތައް ދައްކާފައެވެ. ފޯޓިނެޓް، ޖިއޯ ކުއަންޓަމް، ނޯކިއާ، އެރިކްސަން، ސިސްކޯ އަދި ކޭޕީއެމްޖީ ފަދަ ކުންފުނިތަކުން ވަނީ އޭއައި ސެކިއުރިޓީ، ނެޓްވޯކް ރައްކާތެރިކަން، ޒީރޯ ޓްރަސްޓް، ކުއަންޓަމް-ސޭފް ސެކިއުރިޓީ އަދި ވިޔަފާރިތަކަށް ހުރި ސައިބާ ނުރައްކާތަކާ ބެހޭ ހައްލުތައް ހުށަހަޅާފައެވެ.

މި ކޮންގްރެސް އިފްތިތާޙުކޮށްދެއްވަމުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ސައިބާ ސްކޭމްތަކާއި "ޑީޕްފޭކް" ތަކާ ދެކޮޅަށް މުޅި ދުނިޔެ ގުޅިގެން މަސައްކަތްކުރާނެ އުސޫލެއް އެކުލަވާލުމަށް ގޮވާލައްވާފައެވެ. ސަބަބަކީ ޑިޖިޓަލް ނުރައްކާތަކަކީ ވަކި ގައުމެއްގެ ބޯޑަރަކަށް ހުއްޓޭ އެއްޗަކަށް ނުވާތީއެވެ. އިންޑިއާގައި ގިނަ ބަޔަކާއި، ވިޔަފާރިތަކާއި، ޚިދުމަތްތައް ޑިޖިޓަލްކޮށް ގުޅުވާލެވޭ ވަރަކަށް، ހަމަލާދޭ ފަރާތްތަކަށް އޮންނަ ފުރުޞަތުތައްވެސް ދަނީ ފުޅާވަމުންނެވެ.

ފޯޓިނެޓް އިންޑިއާގެ އިންޓަރިމް ކަންޓްރީ މެނޭޖަރު ކައުސްތުބް ދޭޝްމުކް ވިދާޅުވި ގޮތުގައި، އެކުންފުނިން ދައްކާލި ސައިބާ ސެކިއުރިޓީ އުފެއްދުންތަކުގެ މައިގަނޑު އަސާސަކީ އޭއައިއެވެ. އެކުންފުނިން ވަނީ މި ކޮންގްރެސްގައި، "ސައިބާ ޑިފެންސް ގޭމް" ތަކެއް އާމުންނަށް ދައްކާލާފައެވެ. މީގެ މަގުސަދަކީ ސައިބާ ރައްކާތެރިކަމަކީ ހަމައެކަނި ފަޔަރވޯލެއް ނުވަތަ ސޮފްޓްވެއަރއެއް އިންސްޓޯލްކުރުން ނޫންކަމާއި، ހަމަލާއެއް އަންނަ ހިނދު މުޅި ސިސްޓަމް މަސައްކަތްކުރާ ގޮތް ދެނެގަތުން މުހިންމުކަން އަންގައިދިނުމެވެ.

އިންޑިއާގައި އެންމެ ބޮޑު ނުރައްކަލެއް އޮތީ މޮބައިލް ފޯނުތަކަށް ކަމަށް ދޭޝްމުކް ފާހަގަކުރެއްވިއެވެ. ފޯނުގެ ސްކްރީން ކުޑަވުމުގެ ސަބަބުން، ވޮޓްސްއެޕް ފަދަ އެޕްތަކުން އަންނަ ލިންކުތަކަށް ނޭނގި ފިތާލެވުމުގެ ފުރުސަތު ބޮޑެވެ. ޚާއްޞަކޮށް ރަށްފުށުގެ ސަރަހައްދުތަކުގައި ޑިޖިޓަލް ހޭލުންތެރިކަން ކުޑަވުމުގެ ސަބަބުން، ނޭނގި ދެވޭ ހުއްދަތަކުގެ ސަބަބުން ސްކޭމަރުންނަށް އެކްސެސް ލިބި، ބޭންކިންގް އަދި އޯޓީޕީ ފަދަ މުހިންމު މައުލޫމާތުތައް ވަގަށް ނެގުމުގެ ނުރައްކާ ބޮޑެވެ. މިއީ ހަމައެކަނި ޓެކްނޮލޮޖީން ހައްލުކުރެވޭނެ ކަމެއް ނޫން ކަމަށާއި، އާންމުން ހޭލުންތެރިކުރުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، ހަމަލާދޭ ފަރާތްތަކުން އޭއައި ބޭނުންކުރަން ފެށުމާއެކު، ހަމަލާތައް ތައްޔާރުކޮށް ފޮނުވާލުމަށް ނަގާ ވަގުތު ވަނީ ވަރަށް ބޮޑަށް ކުރުވެފައެވެ. ކުރިން ގިނަ ވަގުތު ނަގާ ކަންކަން މިހާރު މިނެޓެއްގެ ތެރޭގައި ކުރެވޭއިރު، ދިފާއީ ބާރުތަކުންވެސް ވަނީ "އޭއައި ފޯ ސެކިއުރިޓީ" (ރައްކާތެރިކަމަށް އޭއައި، އަދި އޭއައިގެ ރައްކާތެރިކަން) ގެ އުސޫލު އިޚްތިޔާރުކުރަން ޖެހިފައެވެ. ސައިބާ ސެކިއުރިޓީއަކީ ވަކިވަކި އުފެއްދުންތަކެއް ގަނެގެން ހައްލުކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ އެކު އެކުވެގެން މަސައްކަތްކުރާ ސިސްޓަމަކަށް ވާންޖެހޭ ކަމަށް ދޭޝްމުކް ބަޔާންކުރެއްވިއެވެ.

ކުންފުނިތަކުން ސައިބާ ސެކިއުރިޓީއަށް ކުރާ ހޭދަ 6.5 އިންސައްތައިން 8 އާއި 8.5 އިންސައްތައަށް އިތުރުވެފައިވީ ނަމަވެސް، އެންމެ ބޮޑު ގޮންޖެހުމަކީ އެކި ސިސްޓަމްތައް ގުޅިގެން އަވަސް ރައްދު ދެވޭނެ ގޮތް ހެދުމެވެ. ކުރިއަށް އޮތް ތަނުގައި އޭއައި އާއި ކުއަންޓަމް ޓެކްނޮލޮޖީ އެކުވުމުން އަންނާނެ ނުރައްކާތަކަށްވެސް ތައްޔާރުވާންޖެހެއެވެ. އިންޑިއާގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ފުޅާވަމުންދާއިރު، ސައިބާ ރައްކާތެރިކަމަކީ އެ ފުޅާވުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ކޮންމެހެން ބޭނުންތެރި އަސާސެކެވެ.

ކޮމެންޓް

އަދި ކޮމެންޓެއް ނެތް