ޚަބަރު

ގައިން ދިލަނަގާތީ ފެނަށްއެރި އޮންނަ ކުއްޖެއްގެ ވާހަކަ!

ގައިން ދިލަނަގާތީ ފެނަށްއެރި އޮންނަ ކުއްޖެއްގެ ވާހަކަ!
Advertisement Advertisement

އިންޑިއާގެ ހުޅަނގު ބެންގާލްގެ މުރްޝިދާބާދު ޑިސްޓްރިކްޓްގެ ބެލްޑަންގާ އަވަށަށް ނިސްބަތްވާ އުމުރުން އެންމެ 16 އަހަރުގެ އިޤްބާލް ނަމަކަށް ކިޔާ ކުއްޖަކަށް ދިމާވެފައިމިވަނީ ވަރަށް އާދަޔާޚިލާފު ކަމަކާއެވެ. 

ގައިން ދިލަ ނަގާތީ ވޭތުވެދިޔަ މަހެއްހާ ދުވަސް އިޤުބާލް ހޭދަކުރަމުން އެދަނީ އެއަވަށުގެ ފެންކޯރު ތަކާއި ކުޅިތަކުގައެވެ. ފޫހިވުމުން އެއްފެންގަނޑުން އަނެއް ފެންގަނޑަށް ބަދަލުވިނަމަވެސް، ފެންގަނޑުން އަރާއިރަށް މުޅިގައިން ދިލަނަގަން ފަށާތީ، އެކަމުން ސަލާމަތްވާން ފެންގަނޑުގައި އޮތުން ނޫން ހައްލެއް މިވަގުތު އޭނާއަކަށް ނެތެވެ. އަވަށުގެ ބައެއް މީހުން ޤަބޫލުކުރާގޮތުގައި އެހެން ދިމާވަނީ އޭނާއާ އަވަލާފައިވާ ފެނުގައި އުޅޭ ރޫހާނީ އެއްޗެއް، އޭނާ ފެންގަނޑުގައި ބާއްވަން ބޭނުންވާތީއެވެ.

އިޤްބާލްއަކީ އިސްކޮޅާ އަޅާބަލާއިރު ބަރު ކުއްޖެކެވެ. އަވަށު މީހުން ބުނާ ގޮތުގައި، ކުޑައިރުއްސުރެ އޭނާގެ އެއްބަނޑުއެއްބަފާ ކުދިންނާ ޚިލާފަށް އޭނާގެ ބަރުދަން ވަރަށް އަވަހަށް އިތުރުވިއެވެ. މިހާރު ފެނުގައި އޮންނާތާ ގިނަ ދުވަސްތަކެއް ވެފައިވުމުން، އޭނާގެ އަތްފައިގެ ހަންގަނޑު ވަނީ ހުދުވެ، މާލި ބޯފައެވެ. އަދި އަރިދަފުސް ރޯގާއާއި ކެއްސުމުގެ އުނދަގޫތައް އޭނާއަށް ވަނީ ޖެހިފައެވެ.

އަވަށު މީހުން އަންނަނީ އިޤްބާލްއަށް ކާބޯތަކެތި އޭނާ އޮންނަ ފެންގަނޑު ކައިރިއަށް ގެންގޮސްދެމުންނެވެ. އޭނާ ކައިއުޅެނީވެސް ފެނަށްއެރި އޮވެގެންނެވެ. މީގެ ކުރިން އާއިލާއިން އޭނާ ހޮސްޕިޓަލަށް ގެންގޮސްގެން ފަރުވާދޭން މަސައްކަތް ކުރިނަމަވެސް، އެދެވޭ އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. އާއިލާގެ މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން އިތުރު ފަރުވާއަށް ގެންދެވޭނެ ގޮތެއް ނެތި، އާއިލާއިން ވަނީ ސަރުކާރާއި އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.

އެސަރަހަށްދަށް ނިސްބަތްވާ ސިއްޙީމާހިރުން އަންނަނީ އިޤުބާލްގެ ހާލަތާއިމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން އެހާގިނައިރު ފެނަށްއެރިއޮތުމުން ހަންގަނޑު މަޑުވެ، "މެސެރޭޝަން" (Maceration) ގެ ހާލަތަށް ގޮސް، ހަންގަނޑުގެ ރައްކާތެރިކަން ގެއްލިގެން ހިނގަދާނެކަމަށް ސިއްޙީމާހިރުން ބުނެއެވެ. އެކަމުގެ ސަބަބުން ހަންގަނޑު ފަސޭހައިން ފަޅައިގެން ގޮސް، ބެކްޓީރިއާ އާއި ފަންގަސްގެ ސަބަބުންޖެހޭ ބަލިތަކަށް މަގުފަހިވެދާނެކަމަށްވެއެވެ.

އިޤުބާލްއަށް ކުރެވޭ "ދިލަނެގުމުގެ އިހުސާސަކީ" ނާރުތަކުގެ މައްސަލައަކުން ނުވަތަ ހަމުގެ ޚާއްޞަ ބައްޔަކުން ދިމާވާ ކަމަކަށް ވެދާނެތީ، ވަގުތުން މެޑިކަލް ޓެސްޓްތަކެއް ހަދަންޖެހޭ ކަމަށް ޑޮކްޓަރުން ބުނެއެވެ. މީގެ އިތުރުން، އޭނާގެ ހިތުގައި އުފެދިފައިވާ "ރޫޙާނީ ބިރުވެރިކަމާ" ގުޅިގެން ނަފްސާނީ ޑޮކްޓަރެއްގެ އެހީތެރިކަން އަވަސް މުއްދަތެއްގައި ހޯދައިދިނުމަކީ މަޖުބޫރު ކަމެއްގެ ގޮތުގައި މާހިރުން ފާހަގަކުރެއެވެ.

އަވަށު މީހުންނާއި އާއިލާއިން މިހާރު އެދެމުންދަނީ ކަމާބެހޭ ސަރުކާރުގެ އިދާރާތަކުން އިސްނަގައިގެން، އިޤްބާލް ފެންގަނޑުން ނަގައި، އޭނާއަށް ބޭނުންވާ މެޑިކަލް އަދި ސައިކޮލޮޖިކަލް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އެހެންނޫންނަމަ، އޭނާގެ ފުރާނައަށް ނުރައްކާވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

ކޮމެންޓް

އަދި ކޮމެންޓެއް ނެތް