އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ، ކައުންސިލް ކަޕް ފުޓްސަލް މުބާރާތް 2026 ގައި ބައިވެރިވުމުގެ މުއްދަތު ހަމަވިއިރު، އެމުބާރާތުގައި ބައިވެރިވެފައިވަނީ ހަ ޓީމުކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މިއަހަރުގެ މުބާރާތް ހއ އަތޮޅަށް ހުޅުވާލާފައި ވާނަމަވެސް، މިމުބާރާތުގައި ބައިވެރިވެފައިވަނީ އިހަވަންދޫއަށް ނިސްބަތްވާ ޓީމްތައް އެކަންޏެވެ. އެގޮތުން މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ ޑިފެންޑިންގ ޗެމްޕިއަން ޔުނައިޓެޑް ޔޫތް، އެންވީކޭ، ޕެރިސް އެފްސީ، ސެންސިޓީ، ސެންސިޓީ ފޭންސް އަދި މިސްކިތްމަގު ސްޕޯރޓްސް ކްލަބެވެ.
މިމުބާރާތް ފެށިގެން އައީ ފުޓްސަލް މުބާރާތެއްގެ ގޮތުގައެވެ. ނަމަވެސް މިދިޔަ ދެ މުބާރާތް ކުރިޔަށް ގެންދިޔައީ އިލަވަން އަ ސައިޑް (ބޮޑު ގޯލް) މުބާރާތެއްގެ ގޮތުގައެވެ. ނަމަވެސް މިއަހަރުގެ މުބާރާތް މިވަނީ ފުޓްސަލްއަށް ބަދަލުކޮށްފައެވެ. މިއީ ކައުންސިލް ކަޕްގެ ނަމުގައި މިމުބާރާތް ކުރިޔަށް ގެންދާ 9 ވަނަ ފަހަރެވެ.
މިދިޔަ މުބާރާތަށްވުރެ މިއަހަރުގެ މުބާރާތުގެ ފައިސާގެ އިނާމުވަނީ ކުޑަކޮށްފައެވެ. އެގޮތުން ޗެމްޕިއަން ޓީމަށް 30،000ރ ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށް ހުށަހަޅާފައިވަނީ 10،000ރ ގެ ފައިސާގެ އިނާމެވެ. މިމުބާރާތް ފަށާނީ އަންނަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ.
މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ އެންވީކޭ އެވެ. އެޓީމްވަނީ 5 ފަހަރު މިމުބާރާތް ކާމިޔާބުކޮށްފައެވެ. މިދިޔަ ކައުންސިލް ކަޕްގައި ވާދަކޮށްފައިވަނީ 4 ޓީމެކެވެ.
ކޮމެންޓް
އަދި ކޮމެންޓެއް ނެތް