މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުން ސަރުކާރު ހޮސްޕިޓަލްތައް ފިޔަވައި އެހެން ތަންތަނުން ބޭސްފަރުވާކުރާ އިރު ޚަރަދުގެ 15 އިންސައްތަ ކޯ-ޕޭމަންޓެއްގެ ގޮތުގައި ދައްކަންޖެހޭގޮތަށް ހަދަން ހެލްތް މިނިސްޓްރީއިން ނިންމައިފިއެވެ. މި އުސޫލަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުން ފެށިގެންނެވެ.
މި ބަދަލު ގެނައުމާ ގުޅޭގޮތުން ފާހަގަކޮށްލަންޖެހޭ މައިގަނޑު ކަންކަން:
-
އިސްތިސްނާވާ ފަރާތްތައް: މަހަކު 60،000 ރުފިޔާއަށްވުރެ މަތިން އާމްދަނީ ލިބުނު ނަމަވެސް، ޑޮކްޓަރުންނާއި މެޑިކަލް ދާއިރާގެ ފަންނީ މުވައްޒަފުން، ޕައިލެޓުންނާއި އޭވިއޭޝަން ދާއިރާގެ ފަންނީ މުވައްޒަފުން، އަދި އިންޖިނިއަރުންނާއި ސައިންސް ބޭސްޑް ދާއިރާތަކުގެ ފަންނީ މުވައްޒަފުން މި އުސޫލުން އިސްތިސްނާވާނެއެވެ.
-
ރާއްޖެއިން ބޭރުގެ ފަރުވާ: އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ޚިދުމަތް ހޯދާއިރު 15 އިންސައްތަ ދައްކަންޖެހުނު ނަމަވެސް، އާސަންދައިގެ ދަށުން ރާއްޖެއިން ބޭރަށް ފަރުވާއަށް ފޮނުވުމުގައި މަތީ އާމްދަނީގެ މީހުންނަށް މި އުސޫލުން އިސްތިސްނާއެއް ނުލިބޭނެއެވެ.
-
ބަދަލުގެ ބޭނުން: ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ސެޕްޓެމްބަރު މަހު ވިދާޅުވެފައި ވަނީ، މިހާރު އެންމެ މުއްސަނދި މީހާއާއި އެންމެ ފަގީރު މީހާއަށް ވެސް އެއްވެސް ތަފާތެއް ނެތި އާސަންދައިގެ ފުލް ކަވަރޭޖު ލިބެމުންދިއުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުފުޅުނުކުރައްވާ ކަމަށެވެ. މި ބަދަލުގެ ސަބަބުން ދައުލަތުގެ ބަޖެޓުން އަހަރަކު 287 މިލިއަން ރުފިޔާ ސަލާމަތްކުރެވި، ރައްޔިތުންގެ ބޭނުންވާ އެހެން ކަންކަމަށް އެ ފައިސާ ހަރަދުކުރެވޭނެއެވެ.
އާސަންދަ ނިޒާމަށް ގެންނަ މި އިސްލާހުގެ ދަށުން، މަތީ އާމްދަނީ ލިބޭ ފަރާތްތަކަށް އާސަންދަ ދެން ލިބިގެންދާނީ "ކޯ-ޕޭ" އަދި "ޕްރީ-ޕޭ"ގެ އުސޫލުން ނުވަތަ ކޮންމެ އަހަރަކު ސަރުކާރަށް ފީއެއް ދައްކައިގެންނެވެ.
ކޮމެންޓް
އަދި ކޮމެންޓެއް ނެތް