އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ ނޯތް ޒޯން 1 ގައި މިއަދު ހަވީރު ށ. ކަނޑިތީމާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗު އެއްވަރުވެ، އިހަވަންދޫ ޓީމުން މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރުކޮށްފިއެވެ. މިމެޗް ނިމުނީ 4-4 އިން އެއްވަރުވެގެންނެވެ.
މިއަދުގެ މެޗަށް ނުކުތްއިރު، އިހަވަންދޫއަށް ފައިނަލަށް ދިޔުމަށް ބޭނުންވަނީ އެއް ޕޮއިންޓެވެ. އެހެންކަމުން މެޗުން މޮޅުވެގެން ނުވަތަ އެއްވަރުކޮށްގެންވެސް އިހަވަންދޫ ޓީމަށް ފައިނަލަށް ދެވެންއޮތެވެ.
މެޗު ފެށުމާއިއެކު ކަނޑިތީމުގެ ރައުލް ވަނީ ގޯލެއް ޖަހައި އެ ޓީމަށް ލީޑު ނަގައިދީފައެވެ. މި ހާފުގައި އިހަވަންދޫއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފި، ކަނޑިތީމު ލީޑުގައި އޮވެ ފުރަތަމަ ހާފު ނިމުނެވެ. ދެވަނަ ހާފު ފެށުނުތަނާއެކު ކަނޑިތީމުގެ ޝާން އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްދިން ނަމަވެސް، ފަހު ހާފުގެ 6 ވަނަ މިނެޓުގައި އިހަވަންދޫގެ އަލް ސައީދު ގޯލެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަކުރިއެވެ. ނަމަވެސް އޭގެ އެއް މިނެޓު ފަހުން ކަނޑިތީމުގެ ރައުލް އަލުން ގޯލެއް ޖަހައި ކަނޑިތީމްގެ ލީޑު ފުޅާކުރިއެވެ.
މެޗުގެ ފަހު ހާފުގެ 10 ވަނަ މިނެޓުގައި އިހަވަންދޫ ޓީމްގެ އަލް ސައީދު އަނެއްކާވެސް ގޯލެއް ޖަހައި ކަނޑިތީމުގެ ލީޑު ކުޑަކުރި ނަމަވެސް، 14 ވަނަ މިނެޓުގައި ކަނޑިތީމުގެ ނަދާލް އިތުރު ގޯލެއް ޖަހައި ސްކޯ 4-2 އަށް ބަދަލުކުރިއެވެ. އެއަށްފަހު ކަނޑިތީމުގެ ޕެނަލްޓީ އޭރިއާ ތެރެއިން އެ ޓީމުގެ ނަދާލް، އިހަވަންދޫގެ ހާމިދަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް އަލް ސައީދު ވަނީ ހެޓްރިކް ފުރިހަމަކޮށް ނަތީޖާ 4-3 އަށް ބަދަލުކޮށްފައެވެ. އަދި މެޗު ނިމެން 3 މިނެޓަށްވެފައި ވަނިކޮށް، އިހަވަންދޫގެ ހާމިދު ވަނީ މުހިންމު ގޯލެއް ޖަހައި މެޗުގެ ނަތީޖާ 4-4 އަކަށް ހަމަހަމަކޮށްފައެވެ. އިހަވަންދޫ ފިއްލަދޫއާ ބައްދަލުކުރި މެޗްގެ ފަހުވަގުތު ގޯލްޖަހައި އިހަވަންދޫ މޮޅުކޮށްދިނީވެސް ހާމިދުކަން ފާހަގަކުރެވެއެވެ.
މި މެޗު އެއްވަރުވުމާއެކު ލިބުނު ޕޮއިންޓާއެކު އިހަވަންދޫއަށް ޖުމްލަ 7 ޕޮއިންޓް ލިބި، ޒޯން ބުރުގެ ފައިނަލުގެ ދެވަނަ ޖާގަ ވަނީ ކަށަވަރުވެފައެވެ. ކަނޑިތީމު 5 ޕޮއިންޓާއެކު މުބާރާތުގެ 3 ވަނައިގައި ނިންމާލިއިރު، ތާވަލުގެ ކުރީގައި އޮތް ނައިވާދޫވަނީ ކުރިންވެސް 9 ޕޮއިންޓާއެކު ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފައެވެ. މިމެޗްގައި ގިނަވަގުތު ކަނޑިތީމް ލީޑްގައި އޮތްނަމަވެސް އިހަވަންދޫ ޓީމްގެ ކުޅުންތެރިން އާދަޔާހިލލާފު ހިއްވަރެއް ދައްކައިވަނީ ފަހަތުން އަރައި އެއްވަރު ކޮށްފައެވެ. މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އިހަވަންދޫ ޓީމަށް ހެޓްރިކް ހަދައިދިން އަލް ސައީދު އެވެ.
މިބުރުގެ ފައިނަލް މެޗް ކުޅޭނީ މިމަހުގެ 7 ވާ ބުދަ ދުވަހުގެ ރޭ 21:00 ގައެވެ. އެމެޗްގައި ބައްދަލުކުރާ އިހަވަންދޫ އަދި މުބާރާތް ހޯސްޓްކުރާ ނައިވާދޫއެވެ.
ކޮމެންޓް
އަދި ކޮމެންޓެއް ނެތް