ކުޅިވަރު ޚަބަރު

އިހަވަންދޫ ޓީމުގެ ފުރަތަމަ މެޗް މިމަހުގެ 10 ވަނަ ދުވަހުގެރޭ އިހަވަންދޫގައި!

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މުޅިން އަލަށް ތައާރަފްކޮށްގެން ބާއްވާ "އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕް" ގެ ހއ. އަތޮޅު ބުރުގެ ކުޅުން ފެށުމަށް ތައްޔާރުވެފައިވާއިރު، އިހަވަންދޫ ތަމްސީލުކުރާ ޖޭ ސްޕޯރޓްސް އެކަޑަމީއިން ކުޅޭ ފުރަތަމަ މެޗު މި މަހުގެ 10 ވަނަ ދުވަހުގެރޭ އިހަވަންދޫގައި ކުޅޭ ގޮތަށް ހަމަޖެހިއްޖެއެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެ ހއ. އަތޮޅު ރައުންޑުގެ މެޗް ހޯސްޓްކުރުމުގެ ފުރުސަތު އެފްއޭއެމްއިން ދީފައިވަނީވެސް އިހަވަންދޫއަށެވެ.

މި މުބާރާތުގައި ހއ. އަތޮޅުން ބައިވެރިވެފައިވަނީ  އިހަވަންދޫގެ އިތުރުން ހއ. ފިއްލަދޫ އެކަނި ކަމަށް އެފްއޭއެމުން މައުލޫމާތު ދެއެވެ. އެހެންކަމުން، މި އަތޮޅު ބުރުގައި ވާދަކުރާނީ އިހަވަންދޫ ތަމްސީލުކުރާ ޖޭ ސްޕޯރޓްސް އެކަޑަމީ އާއި ފިއްލަދޫގެ ޓީމެވެ. މި ދެ ޓީމުގެ މެދުގައި ކުޅެވޭ މެޗަކީ އަތޮޅު ޗެމްޕިއަންކަން ހޯދުމަށް ކުޅެވޭ  މެޗެކެވެ.

މި މުބާރާތުގެ ގަވާއިދު ހަމަޖެހިފައިވާ ގޮތުން، ހއ. އަތޮޅުން ވާދަކުރަނީ އެންމެ ދެ ޓީމު ކަމަށްވާތީ، އަތޮޅު މެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް ދިޔަޔަސް ދެ ޓީމަށްވެސް އޮޓޯއިން މުބާރާތުގެ ޒޯން ރައުންޑުން ޖާގަ ލިބިގެންދާނެއެވެ. މިއީ މުބާރާތުގެ ކުރިއަށް ހުރި ބުރުތަކަށް ދިއުމަށް ދެ ޓީމަށްވެސް ލިބިގެންދިޔަ ބޮޑު ފުރުސަތެކެވެ.

އިހަވަންދޫގައި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވުމާއެކު، ސަޕޯޓަރުންގެ ބޮޑު ތަރުހީބެއް މި މެޗަށް ލިބޭނެ ކަމަށް ބެލެވެއެވެ. ޖޭ ސްޕޯރޓްސް އެކަޑަމީއިންވެސް އަންނަނީ އަމިއްލަ ރަށުގައި، ސަޕޯޓަރުންގެ ކުރިމަތީގައި ކުޅޭ ފުރަތަމަ މެޗުން ރަނގަޅު ނަތީޖާއެއް ހޯދައި އަތޮޅު ޗެމްޕިއަންކަން ކަށަވަރުކުރުމަށްޓަކައި ވަރަށް ފުރިހަމައަށް ތައްޔާރުވަމުންނެވެ. މިމެޗް ކުޅޭނީ މިމަހުގެ 10 ވާ ހޯމަ ދުވަހުގެ ރޭ 20:30 ގައި އިހަވަންދޫ ހިންނަ ފުޓްސަލް ދަނޑުގައެވެ. 

އަޔާން