އެފްއޭއެމް އިން ބާއްވާ "އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕް" ގެ ނޯތް ޒޯން 1 ގެ ފައިނަލުން ޖާގައެއް ހޯދުމަށް އިހަވަންދޫ ޓީމުން ކުރަމުންދާ އުންމީދީ ދަތުރުގެ އެންމެ މުހިންމު މެޗުގައި މިއަދު ހަވީރު ށ. ކަނޑިތީމާ ދެކޮޅަށް ނުކުންނާނެއެވެ.
އެންމެ ފަހުން ފިއްލަދޫއާ ދެކޮޅަށް ކުޅުނު މެޗުގައި ފަހަތުން އަރައި 2-1 އިން ހޯދި މޮޅާއެކު އިހަވަންދޫ ޓީމުން ވަނީ ފައިނަލުގެ އުންމީދު ވަރަށް ބޮޑަށް އާކޮށްފައެވެ. މިއަދުގެ މެޗަށް އިހަވަންދޫ ނުކުންނައިރު، މެޗު އެއްވަރުކޮށްލައިގެން ނުވަތަ މޮޅުވެގެންވެސް އިހަވަންދޫއަށް ޒޯން ބުރުގެ ފައިނަލުން ޖާގަ ކަށަވަރުވާނެއެވެ.
ތާވަލުގެ އެއްވަނައިގައި 9 ޕޮއިންޓާއެކު ހދ. ނައިވާދޫ އޮތީ މިހާރުވެސް ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފައެވެ. އިހަވަންދޫ އޮތީ ކުޅުނު 3 މެޗުން ލިބުނު 6 ޕޮއިންޓާއެކު ތާވަލުގެ 2 ވަނައިގައެވެ. މިއަދު އިހަވަންދޫއާ ދެކޮޅަށް ނުކުންނަ ކަނޑިތީމު 3 މެޗުން 4 ޕޮއިންޓާއެކު 3 ވަނައިގައި އޮތްއިރު، ފިއްލަދޫއަށް 4 މެޗުން ލިބިފައިވަނީ 4 ޕޮއިންޓެވެ. އަދި ހަނިމާދޫ އޮތީ ޕޮއިންޓެއް ނުލިބި ތާވަލުގެ ފުލުގައެވެ. ނޯތް ޒޯން 1 ގައި 5 ޓީމެއް ވާދަކުރެއެވެ. އެއީ ހއ އަތޮޅުން، އިހަވަންދޫ އަދި ފިއްލަދޫ، ހދ އަތޮޅުން ނައިވާދޫ އަދި ހަނިމާދޫގެ އިތުރުން ށ އަތޮޅުން ކަނޑިތީމެވެ. ޒޯން ބުރުގެ ފައިނަލަށް ދަތުރުކުރާނީ މި 5 ޓީމްގެ މެދުގައި ކުޅޭ ލީގުބުރުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.
އިހަވަންދޫ ޓީމުގެ ކުޅުންތެރިން ތިބީ މިއަދުގެ މެޗުން މޮޅުވެ، ސަޕޯޓަރުންނަށް ބޮޑު އުފަލެއް ހޯދައިދީ ފައިނަލަށް ދަތުރުކުރުމުގެ ފުރިހަމަ އަޒުމުގައެވެ. އިހަވަންދޫގެ އެންމެހާ ސަޕޯޓަރުންގެ އެއްބާރުލުމާއި ސަޕޯޓު މިއަދުވެސް ޓީމަށް ނުހަނު ބޭނުންވެއެވެ! މިއަދުގެ މެޗަށް ސަޕޯޓަރުން ދިއުމަށް ސީކިންގް އިންވަނީ ސަޕޯޓަރުންނަށް ހާއްސަކޮށް ފެރީއެއް ޝެޑިއުލް ކޮށްފައިކަން ފާހަގަކުރެވެއެވެ.
ކޮމެންޓް
އަދި ކޮމެންޓެއް ނެތް