200 ހައުސިން ޔުނިޓު އަޅާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް، އަދިވެސް ޓެންޑަރ ކޮށްފައިވަނީ 100 ޔުނިޓް އަޅާނެ ބަޔަކު ހޯދުމަށް!
މުޙައްމަދު އަކުރަމް
20 - ފެބްރުއަރީ - 2025
އިހަވަންދޫގައި 100 ހައުސިން ޔުނިޓް އަޅަން ޝައުގުވެރިވާ ބަޔަކު ހޯދަން ސަރުކާރުން އިއުލާން ކޮށްފައި އޮއްވާ، ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އިހަވަންދޫއަށް ވަޑައިގެން އިހަވަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި، އިހަވަންދޫގައި 200 ހައުސިން ޔުނިޓް އަޅާނެ ކަމަށް ރައީސް ވިދާޅުވެފައި ވާނަމަވެސް އަދިވެސް އިއުލާނަށް ބަދަލު ގެނެސްފައި ނުވާކަން ހާމަވެއްޖެއެވެ.
ރާއްޖޭގެ 57 ރަށެއްގައި 12،000 ހައުސިން ޔުނިޓު އަޅައިދޭން ޝައުގުވެރިވޭ މީހުން ހޯދަން ސަރުކާރުން އިއުލާން ކުރީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. އެއިއުލާނުގައި ވާގޮތުން އިހަވަންދޫގައި އެޅުމަށް ހަމަޖެހިފައިވަނީ 100 ހައުސިން ޔުނިޓެވެ. ހަމަ އެދުވަހު އިހަވަންދޫ ރައްޔިޔުންނާއި ބައްދަލު ކުރައްވައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އިހަވަންދޫގައި 100 ހައުސިން ޔުނިޓް އަޅާނެ ކަމަށް އިއުލާން ކޮށްފައި އޮތް ނަމަވެސް، 200 ހައުސިން ޔުނިޓް އަޅަން މިހާރު ނިންމާފައިވާ ކަމަށެވެ.
"އުތުރުގެ މި އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނުގެ ކޮންސެޕްޓުގައި މި ރަށް ހިމެނި، މި ސަރަހައްދު ހިމެނިގެންވާ ތަރައްގީގައި ވެސް މުހިންމު. އެހެންވީމަ އަޅުގަނޑުމެން މިހާރު މި އިއުލާނުކުރި 100 ހައުސިން ޔުނިޓް ކަމަށް އޭގައި އޮންނާނީ. އެހެންނަމެވެސް އަޅުގަނޑު އޮންނާނީ ނިންމާފައި 200 ހައުސިން ޔުނިޓް އަޅުގަނޑުމެން އެވޯޑް ކުރާއިރުގައި،" ރައީސް މުއިއްޒު ވިދާޅުވި އެވެ. މިގޮތުން ރައީސް މުއިއްޒު ވިދާޅުވީ ބިޑިން ޕްރޮސެސް ތެރޭގައި އިހަވަންދޫގައި 200 ހައުސިން ޔުނިޓް އަޅަން ބަޔަކާ ހަވާލު ކުރާނެ ކަމަށާއި އެއީ މިވަގުތަށް ހަވާލު ކުރެވޭ އަދަދު ކަމަށެވެ. އެކަމަކު ރަށުގައި ހިންގޭ ތަރައްގީގެ މަޝްރޫއުތަކާ އެކީގައި ރަށުގެ ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް ކުރިއަށްދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރާއްޖޭގެ 57 ރަށެއްގައި 12،000 ހައުސިން ޔުނިޓު އަޅައިދޭން ޝައުގުވެރިވޭ މީހުން ހޯދަން މިއަދު ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި އިހަވަންދޫއަށް ކަނޑައަޅާފައި އޮތީ 100 ހައުސިން ޔުނިޓެވެ. ސަރުކާރުން ހަތަރު ކެޓަގަރީއަކަށް ބަހާލައިގެން ހައުސިން ޔުނިޓްތައް އަޅާއިރު، ފުރަތަމަ ކެޓަގަރީގެ ދަށުން އަޅާނީ 50 ހައުސިން ޔުނިޓެވެ. ދެވަނަ ކެޓަގަރީގައި 51 އާއި 150 ހައުސިން ޔުނިޓް އަޅާއިރު، ތިންވަނަ ކެޓަގަރީގައި އަޅާނީ 200 އާއި 250 ހައުސިން ޔުނިޓެވެ. އަދި ހަތަރުވަނަ ކެޓަގަރީގައި އަޅާނީ 300 އަށްވުރެ ގިނަ ހައުސިން ޔުނިޓެވެ.
އިހަވަންދޫގައި 200 ހައުސިން ޔުނިޓް އަޅާނެކަމަށް ރައީސް ވިދާޅުވިތާ 22 ދުވަސް ފާއިތުވެފައި ވާނަމަވެސް، ސަރުކާރުން އެޕްރޮޖެކްޓްގެ ޓެންޑަރިނގް ސްކޯޕަށް އަދި އެއްވެސް ބަދަލެއް ގެނެސްފައިވާކަމަކަށް ނުދައްކައެވެ. އެގޮތުން މާލީވުޒާގެ ރަސްމީ ޓެންޑަރިންގ ޕޯޓަލް އަދި ސަރުކާރުގެ ގެޒެޓްގައިވެސް އަދިވެސް ބަޔާން ކޮށްފައިވަނީ އިހަވަންދޫގައި އެޅުމަށް ހަމަޖެހިފައިވަނީ 100 ހައުސިން ޔުނިޓް ކަމަށެވެ. މިހާރު ކޮށްފައިވާ އިއުލާނުގައިވާ ގޮތުން އިހަވަންދޫ ހިމެނެނީ ދެވަނަ ކެޓަގަރީގަ އެވެ. ނަމަވެސް ރައީސް މުއިއްޒު ވިދާޅުވާ ގޮތުން އިހަވަންދޫ މިހާރު ފެތެނީ ތިންވަނަ ކެޓަގަރީއަށެވެ.
57 ރަށެއްގައި ހައުސިން ޔުނިޓުތަކެއް އަޅަން ޝައުގުވެރިވާ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނު ކޮށްފައިވާއިރު، މި އަހަރަށް ލަފާކޮށް މަޖިލީހުން ފާސްކުރި ބަޖެޓުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ސަރުކާރުން ހިންގަން ނިންމާފައިވާ ހައުސިން މަޝްރޫއުތަކަށް ކަނޑައަޅާފައި ވަނީ 1.5 ބިލިއަން ރުފިޔާ އެވެ.
ގުޅުން ހުރެދާނެ ލިޔުން
ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރުމުގެ އިނާމު ޢަބްދުލްޚާލިޤު މޫސާއަށް
27 - ޖުލައި - 2026
ކައުންސިލްގެ އެދިލެއްވުމާ އެއްގޮތަށް މިސްކިތެއްގެ ބަދަލުގައި އިސްލާމިކް ސެންޓަރެއްއަޅަނީ
27 - ފެބްރުއަރީ - 2024
އިހަވަންދޫ ޞިއްޙީ މަރުކަޒު އަޕްގްރޭޑްކޮށް ޑަޔަލިސިސްގެ ޚިދުމަތްފަށަނީ
25 - ފެބްރުއަރީ - 2024
އިހަވަންދޫ ހޮސްޕިޓަލްގެ މަސައްކަތް ހަވާލުކުރީ އެކަމަށް އެކަށީގެންވާ ކޮންޓްރެކްޓަރަކާ – ރައީސް
17 - ޖެނުއަރީ - 2023
ސަރުކާރުން ހއ އަތޮޅުގައި އިމާރާތްކުރަމުންދާ 3 ހޮސްޕިޓަލްގެ މަސައްކަތުގެ ދުވެލި ހާސްބައި ތަފާތު!
15 - އޮގަސްޓު - 2026
ފޮޓޯ: އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ ހއ އަތޮޅުގެ ފައިނަލް މެޗް
11 - އޮގަސްޓު - 2026
އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ ހއ އަތޮޅުގެ ޗެމްޕިއަންކަން އިހަވަންދޫ ހޯދައިފި!
10 - އޮގަސްޓު - 2026
މާދަމާރޭގެ މެޗަށް ފިއްލަދޫ ޓީމް އިހަވަންދޫއަށް...
9 - އޮގަސްޓު - 2026
އިހަވަންދޫ ޓީމުގެ ފުރަތަމަ މެޗް މިމަހުގެ 10 ވަނަ ދުވަހުގެރޭ އިހަވަންދޫގައި!
5 - އޮގަސްޓު - 2026
އިހަވަންދޫން ބިން ކުއްޔަށް ދޫކުރަން ކުރި އިޢުލާންތައް ބާތިލްކޮށްފި!
25 - ޖޫން - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް