ދެމެހެއްޓެނިވި އަދި މާނަހުރި ގޮތެއްގައި ޤައުމުގެ ކަންކަން އިޞްލާޙު ކުރެވެން އޮތީ ސިޔާސީ އޮޅުވާލުންތަކުން ދުރުވެ، ކަންކަމުގެ ޙަޤީޤަތުގެ މައްޗަށް ވާހަކަދެކެވިގެން ކަމަށާއި، ޤައުމުގައި ހުރި ގޮންޖެހުންތަކާއި މައްސަލަތައް ޙައްލުކުރެވޭނީ އިޚްލާޞްތެރިކަމާއެކު އެކަންކަމާ ކުރިމަތިލައިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ރޭ ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) އިން ގެނެސްދޭ ސިލްސިލާ ޕޮޑްކާސްޓް "ނޭޝަންޗެޓް" ގެ ޚާއްޞަ އެޕިސޯޑެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ދުވަސްވަރު ޤައުމުގެ އިޤްތިޞާދީ އަދި އުމްރާނީ ދާއިރާގައި ހިނގަމުންދާ އެންމެ މުހިންމު ކަންކަމަށް ވަރަށް ތަފްސީލީ ގޮތެއްގައި އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ޤައުމުގެ އިޤްތިޞާދު ކުރިއެރުވުމަށްޓަކައި ސަރުކާރުން އަޅުއްވަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި، ރާއްޖޭގައި ޑޮލަރު ގެންގުޅުމާއި މުއާމަލާތްކުރުމުގެ ސިޔާސަތުތަކަށް ބަދަލުތަކެއް ގެނައުމާއި، މީގެ ކުރިން ޤާނޫނުތަކުގައި ލިޔެވި ނަމަވެސް ޢަމަލީ ގޮތުން ތަންފީޒުނުކުރެވި ހުރި މުހިންމު ކަންކަން ހަރުދަނާ އުޞޫލުތަކެއްގެ ތެރެއިން ތަންފީޒުކުރަން ފެށުން ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ސާފުކޮށްދެއްވި ގޮތުގައި، ސަރުކާރުން އަޅާ ކޮންމެ ފިޔަވަޅަކާއި ޤާނޫނުތަކަށް ގެންނަ ކޮންމެ އިޞްލާޙަކީވެސް ކަންކަމުގެ ނާޒުކު ކަމާއި ޙަޤީޤަތްތަކުގެ މައްޗަށް ބިނާކޮށް ގެންނަ ބަދަލުތަކެކެވެ. މިއީ ސިޔާސީ ގޮތުން ނިންމާ އާދައިގެ ނިންމުންތަކެއް ނޫން ކަމަށާއި، ތަޢުލީމީ އަދި ފަންނީ ތަޖުރިބާކާރުންގެ ޓީމުތަކުން ގިނަ ދުވަސްތަކެއް ވަންދެން ކުރި މަޝްވަރާތަކާއި، ޓެކްނިކަލް ދިރާސާތަކުގެ އަލީގައި ނިންމާފައިވާ ހަރުދަނާ ނިންމުންތަކެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސަރުކާރުގެ އަސާސީ އަމާޒަކީ އިޤްތިޞާދު ފުޅާކުރުން ކަމަށްވާއިރު، ޤައުމުގެ ކުރިއެރުމަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
މީގެއިތުރުން، ބޭރު ފައިސާގެ ތަދުމަޑުކަން ޙައްލުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ކުރިއަށް އޮތް ތަނުގައި މުޅި އިޤްތިޞާދުން ފެނިގެންދާނެ ކަމަށާއި، އިދިކޮޅު ފަރާތްތަކުން ސިޔާސީ ގޮތުން އެކި ވާހަކަތައް ދެއްކި ކަމުގައިވީ ނަމަވެސް، އެންމެ ފަހުން ލިބޭ ޖުމްލަ ނަތީޖާ ރައްޔިތުންނަށް ރަނގަޅުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ތިލަމާލެ ބްރިޖުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ ތަފްސީލު ހާމަކުރައްވާފައެވެ. ބްރިޖުގެ ފެންވަރާމެދު ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ، ތިލަމާލެ ބްރިޖުގެ ކޮލިޓީ ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންދަނީ ސިނަމާލެ ބްރިޖުގެ މަސައްކަތްވެސް ކާމިޔާބުކަމާއެކު ބެލެހެއްޓި ދުނިޔޭގެ މަޝްހޫރު 'އާރޮޕް' (Arup) ކުންފުނިން ކަމަށެވެ. މާލެއާއި ވިލިމާލެ މިހާރު ބްރިޖުގެ މެދުވެރިކޮށް ގުޅާލެވިފައިވާކަން ފާހަގަކުރައްވައި، ކުރިއަށްއޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަފުއްޓާ ހަމައަށް މުޅި ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމައި އާންމުންނަށް ހުޅުވާލެވޭނެ ކަމުގެ އުފާވެރި ޚަބަރު އެމަނިކުފާނު ދެއްވިއެވެ.
ޤައުމީ ތަރައްޤީގެ ދުރުވިސްނުމުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުން، އިންޖިނިއަރިންގ އަދި ސައިންސްގެ ދާއިރާތަކުން ދިވެހި ޒުވާނުން ތަމްރީނުކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާނެކަން ރައީސް އިއުލާނުކުރެއްވިއެވެ. މިހާރު ގިނަ ދަރިވަރުން ތަޢުލީމު ޙާޞިލުކުރަނީ ވިޔަފާރިއާއި ޤާނޫނީ ދާއިރާއިން ކަން ފާހަގަކުރައްވައި، ޤައުމުގެ ޢުމްރާނީ އަދި ފަންނީ ކުރިއެރުމަށްޓަކައި ސިވިލް، އިލެކްޓްރޯނިކް އަދި މެކޭނިކަލް އިންޖިނޭރުން އުފެއްދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ކޮމެންޓް
އަދި ކޮމެންޓެއް ނެތް