ޚަބަރު

ޖޭ ސްޕޯޓްސް އެކަޑަމީ އިފްތިތާހުކޮށްފި

އިހަވަންދޫގައި ކުޅިވަރުގެ ހުނަރުވެރި ޖީލެއް ބިނާކުރުމަށް އަމާޒުކޮށް އުފެއްދި ކުޅިވަރު ޖަމްޢިއްޔާ "ޖޭ ސްޕޯޓްސް އެކަޑަމީ" އިފްތިތާހު ކޮށްފިއެވެ. ޖޭ ސްޕޯޓްސް އެކަޑަމީ އިފްތިތާހު ކުރުމަށް އިހަވަންދޫ ހުރަވީ ދަނޑުގައި ރޭ ބޭއްވި ހަފުލާ ޝަރަފުވެރިކޮށްދެއްވީ 2008 ވަނަ އަހަރު ދިވެހިރާއްޖެއަށް ސާފު ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ޓީމުގެ ކެޕްޓަން ޢައްސަދު ޢަބްދުލްޣަނީ އެވެ. ރޭގެ ޙަފުލާގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ސްޓޭޓް މިނިސްޓަރ ޙުސައިން އިސްމާޢީލް އަދި އެ މިނިސްޓްރީގެ މުވައްޒަފުންނާއި އިހަވަންދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރ މުޙައްމަދު ޝިފާޢުގެ އިތުރުން އިހަވަންދޫގައިހުރި ސަރުކާރު މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެލެއްވި އެވެ. އެކި އުމުރުފުރާތަކުން ޖުމްލަ 97 ދަރިވަރުންނާއެކު ފަށާ ޖޭ ސްޕޯޓްސް އެކަޑަމީގެ އިސް ދެ ޓްރައިނަރުންގެ ގޮތުގައި މަސައްކަތް ކުރައްވާނީ އިހަވަންދޫގައި މިވަގުތު އެންމެ ފާހަގަކޮށްލެވޭ ކާމިޔާބު ދެ ކޯޗުން ކަމަށްވާ ޙުސައިން ފަޔާޒް އަދި ޙަމްޒާ އިބްރާހީމް އެވެ. ޖޭ ސްޕޯޓްސް އެކަޑަމީގެ ހަރަކާތްތައް ފުޓްބޯޅައިން ފެށިގެންދާ ނަމަވެސް ކުރިއަށް އޮތްތަނުގައި ވޮލީ އަދި ހެންޑްބޯލްގެ ޓްރެއިނިންގެތައް އެކަޑަމީގެ ތެރެއިން ކުރިއަށް ގެންދިއުމަކީ އަމާޒެއްކަމަށް ޖޭ ސްޕޯޓްސް އެކަޑަމީން ހާމަކުރައްވައެވެ. އަންނަ ނޮވެމްބަރު މަހު އެކަޑަމީގެ ޕްރޮގްރާމްތައް ފެށުމަށް ތައްޔާރުވަމުން އަންނައިރު ފުޓްބޯޅަ ތަމްރީނުތައް ކުރިއަށް ގެންދިޔުމަށް އެކަށީގެންވާ ދަނޑެއް ނެތުމުގެ ކަންބޮޑުވުން އެ އެކަޑަމީން ރޭގެ ހަފުލާގައި ވަނީ ފާހަގަކޮށްފައެވެ.
އިބްރާހިމް ނަޝީދު