ދިވެހިރާއްޖޭގެ ކޯޓުތަކުގެ ނިންމުންތަކާއި ކޭސް-ލޯ ފަސޭހަކަމާއެކު ދިރާސާކުރެވޭނެ ފުރިހަމަ ނިޒާމަކާއެކު، "ސަރިޔަތް" (sariyaiy.com)ގެ ނަމުގައި ހާއްސަ ވެބްސައިޓެއް ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން މިއަދު ރަސްމީކޮށް އިފްތިތާހުކުރައްވައިފިއެވެ.
މުޅިން ހިލޭ ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ވެބްސައިޓަކީ ގާނޫނީ ފަންނުގެ ބޭފުޅުންނަށާއި، ކޯޓުތަކުގެ ނިންމުންތަކަށް ޝައުގުވެރިވާ އާންމުންނަށް އަމާޒުކޮށްގެން ތައްޔާރުކޮށްފައިވާ ޕްލެޓްފޯމެކެވެ. މިއީ ރާއްޖޭގައި މި ބާވަތުގެ ހިދުމަތެއް ފޯރުކޮށްދިނުމަށް ތައާރަފުކުރެވުނު ފުރަތަމަ ޕްލެޓްފޯމެވެ.
ފަނޑިޔާރު މާނިއު ހާމަކުރެއްވި ގޮތުގައި މިއީ ފުރަތަމަ މަތީ މަރުހަލާގެ ދެ ކޯޓުގެ ނިންމުންތައް އަމިއްލަ ބޭނުމަށް ޖަމާކޮށް ތަރުތީބުކުރުމަށް ފެށި މަސައްކަތެކެވެ. ނަމަވެސް އެ މަސައްކަތުގެ މިސްރާބު ބަދަލުވެ، އެންމެ ފަހުން އާންމުންނަށް ފައިދާހުރި ވަސީލަތަކަށް ބަދަލުވެގެން ދިޔައީއެވެ. މި ޕްލެޓްފޯމަކީ ގާތްގަނޑަކަށް ދޮޅު އަހަރެއްހާ ދުވަހުގެ ބުރަ މަސައްކަތުން، އެތައް ފަހަރެއްގެ މަތިން ޓެސްޓުކުރެވިގެން ވުޖޫދަށް ގެނައި ފުރިހަމަ އުފެއްދުމެކެވެ.
މުއްސަނދި ޑޭޓާބޭސްއެއް:
މިވަގުތު މި ވެބްސައިޓުގެ ޑޭޓާބޭސްގައި އިސްތިއުނާފީ ދެ ކޯޓުން އާންމުކޮށްފައިވާ، ކޮމްޕިއުޓަރުން ލިޔެފައިވާ ގާތްގަނޑަކަށް ހައެއްކަ ހާސް ގަޒިއްޔާ ވަނީ ޖަމާކޮށްފައެވެ. އަދި އަތުލިޔުމުން ހުރި ދޮޅުހާހެއްހާ ގަޒިއްޔާއާއި ކޯޓުގެ އެހެނިހެން ނިންމުންތައް ޖަމާކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. އޭގެ އިތުރުން، ދަށު ކޯޓުތަކުން ނިންމާ މުހިންމު އަދި ހައްސާސް މައްސަލަތައް، މައްސަލަ ނިންމަވާ ފަނޑިޔާރުންގެ ބައިވެރިވުމާއެކު މި ޕްލެޓްފޯމަށް އިތުރުކުރެވޭނެ އިންތިޒާމުވެސް ދަނީ ހަމަޖައްސަމުންނެވެ.
ވެބްސައިޓުގެ މުހިންމު ފީޗަރތައް:
"ސަރިޔަތް" ވެބްސައިޓުން ކޮންމެ މައްސަލައެއްވެސް ވަރަށް ތަފްސީލުކޮށް ރޫޅާލައި، ފަސޭހައިން ދިރާސާކުރެވޭނެ ގޮތަށް ވަނީ އިންތިޒާމުކޮށްފައެވެ. އޭގެ ތެރޭގައި:
* މައްސަލަ ނިންމި ފަނޑިޔާރުންނާއި ފަނޑިޔާރުންގެ ރައުޔު ތަފާތުވެފައިވާނަމަ އެކަން އެނގޭނެހެން ހުރުން.
* މައްސަލައާ ގުޅުންހުރި އެހެން ގަޒިއްޔާތަކާއި، ހަވާލާދީފައިވާ ގާނޫނުތަކާއި ގަވާއިދުތައް ފެންނަން ހުރުން.
* ނިންމުމުގެ ބާވަތާއި، ގާނޫނީ ގިންތިތަކާއި ކީވޯޑްސްތައް ދިވެހި އަދި އިނގިރޭސި ބަހުން ހުރުން.
* ނިންމުމުގެ ހުލާސާއާއި ކަނޑައަޅާފައިވާ ގާނޫނީ އުސޫލުތައް ވަކިން ފެންނަން ހުރުން.
* ކޯޓުގެ ރަސްމީ ލިޔުން (ޕީޑީއެފް) ވަގުތުން ހުޅުވާލެވޭނެ އިންތިޒާމު.
މީގެ އިތުރުން މީގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ އެއް ފީޗަރ އަކީ މީގެ އެޑްވާންސް ސަރޗް ނިޒާމެވެ. ތާނަ އަކުރުން ލިޔުމުގައި އަންނަ ތަފާތުތައް (ވޭރިއޭޝަންސް) ދެނެގަނެވޭނެހެން ފަރުމާކޮށްފައިވާއިރު، އިނގިރޭސި އަދި ލެޓިނުން ލިޔެގެންވެސް ތާނަ ލަފުޒުތައް ދެނެގަތުމުގެ ގާބިލުކަން މި ނިޒާމުގައި ހުރެއެވެ. އަދި ވަކި ކޯޓަކަށް، ފަނޑިޔާރަކަށް ނުވަތަ މުއްދަތަކަށް އަމާޒުކޮށްގެން ސަރޗްކުރުމުގެ އިތުރުން، ސަރޗްކުރާ އިބާރާތް ހިމެނޭ ޕެރެގްރާފް ސީދާ ފެންނާނެހެންވެސް ވަނީ ފަރުމާކޮށްފައެވެ.
އޭ.އައިގެ އެހީގައި ގާނޫނީ ދިރާސާކުރުން:
މި ޕްލެޓްފޯމުގެ އެންމެ ހާއްސަ އެއް ވަސީލަތަކީ އާޓިފިޝަލް އިންޓެލިޖެންސް ގެ އެހީގައި ފޯރުކޮށްދޭ ހިދުމަތްތަކެވެ. އެގޮތުން ސުވާލެއް ކުރުމުން ނުވަތަ ހާދިސާއެއް ބުނެދިނުމުން، އެކަމަކާ ގުޅޭ ގާނޫނީ އުސޫލުތައް ޑޭޓާބޭސްއިން ހޯދައިދީ ކިޔައިދިނުމުގެ ގާބިލުކަން ވެބްސައިޓަށް ލިބިގެންވެއެވެ. އަދި ޑޮކިއުމަންޓް އަޕްލޯޑްކޮށްގެން ދިރާސާކުރުމާއި އޭއައިގެ އެހީގައި ގާނޫނީ ޑްރާފްޓިންގ ހެދޭނެ ގޮތް ވެސް މިހާރު އަންނަނީ ޓެސްޓުކުރަމުންނެވެ.
މިއީ ބޮޑު ފަންނީ ޓީމަކާ ނުލައި ފަނޑިޔާރު މާނިއު އެކަނިމާއެކަނި ފަރުމާކުރައްވައި އާންމުކުރެއްވި ވެބްސައިޓެއް ނަމަވެސް، މިއީ ޒަމާނީ ސްޓޭންޑަރޑްތަކަށް، ޔޫޒަރުންގެ ޕްރައިވެސީ ރައްކާތެރިކުރެވޭނެހެން ބިނާކޮށްފައިވާ ވެބްސައިޓެކެވެ. މި ވެބްސައިޓުގައި ބޭނުންކޮށްފައިވާ ހުރިހާ ލިޔެކިޔުމަކީވެސް ކޯޓުތަކުގެ ވެބްސައިޓުތަކުގައި އާންމުކޮށްފައިވާ ރަސްމީ ލިޔުންތަކެވެ.
ފަނޑިޔާރު މާނިއު ވަނީ މި ވެބްސައިޓުގެ ސަބަބުން ރާއްޖޭގެ ގާނޫނީ ފަންނަށް ހެޔޮ މަންފާއާއި ފަސޭހަތަކެއް ލިބިގެން ދިޔުމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ވެބްސައިޓްގެ ލިންކް:
ފަނޑިޔާރު މާނިއު ވަނީ މި ނޫހުގެ އެޑިޓަރުކަން އެގާރަ އަހަރު ކުރައްވާފައެވެ.

ކޮމެންޓް
އަދި ކޮމެންޓެއް ނެތް