ޚަބަރު ދުނިޔެ

'ލޭކް އޮންޓޭރިއޯ'ގެ ނަން 'ލޭކް އެމެރިކާ'އަށް ބަދަލުކުރަން ޓްރަމްޕް އަމުރެއް ނެރުއްވައިފި

'ލޭކް އޮންޓޭރިއޯ'ގެ ނަން 'ލޭކް އެމެރިކާ'އަށް ބަދަލުކުރަން ޓްރަމްޕް އަމުރެއް ނެރުއްވައިފި
Advertisement Advertisement

ކެނެޑާއާއެކު އުފެދިފައިވާ ވިޔަފާރީގެ މައްސަލަތައް ބޮޑުވަމުންދާ މިދަނޑިވަޅުގައި، އެމެރިކާއާއި ކެނެޑާ ހިއްސާކުރާ މަޝްހޫރު ކޯރު 'ލޭކް އޮންޓޭރިއޯ'ގެ ނަން 'ލޭކް އެމެރިކާ'އަށް ބަދަލުކުރައްވަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފިއެވެ.

އޯވަލް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ވަނީ މި ނަން ބަދަލުކުރުމުގެ ރިޔާސީ ގަރާރުގައި ސޮއިކުރައްވާފައެވެ. އަދި މި ނަން ބަދަލުވުން "ވަގުތުން ވަގުތަށް" އަމަލުކުރަން ފެށޭނެކަމަށް ނޫސްވެރިންނަށް މައުލޫމާތު ދެއްވިއެވެ.

މި ނަން ބަދަލުކުރެއްވުމުން ކެނެޑާއަށް ދޭން ބޭނުންވަނީ ކޮން މެސެޖެއްތޯ ނޫސްވެރިއަކު ސުވާލުކުރުމުން، ޓްރަމްޕް ވަނީ ކެނެޑާއާއެކު އޮތް ވިޔަފާރީގެ ގުޅުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ކެނެޑާއިން އެމެރިކާގެ ފައިދާ ނަގަމުންދާތާ ވަރަށް ދުވަސްވެއްޖެ ކަމަށް ވިދާޅުވިއެވެ.

"އެމީހުން އަހަރެމެންނާމެދު ކަންތައް ކުރީކީ ރަނގަޅަކަށް ނޫން. ކެނެޑާގެ ވެރިން އަހަރެމެންނާމެދު ވަރަށް އިހާނެތިކޮށް ކަންތައް ކުރީ. އެއީ ވަރަށް ނުބައި ބައެއް،" ޓްރަމްޕް ވިދާޅުވިއެވެ. "ވީމާ، މި ލޭކުގެ ނަން 'ލޭކް އޮފް އެމެރިކާ'އަށް ބަދަލުކުރުމަކީ ހަގީގަތުގައިވެސް އަހަރެން ވަރަށް ކުރީއްސުރެ ވިސްނަމުންއި ކަމެއް."

ޓްރަމްޕްގެ މި ނިންމެވުމާ ގުޅިގެން، ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ ވަނީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެކަމަށް ރައްދު ދެއްވާފައެވެ.

"އެމެރިކާ ބަދަލުވަމުންދާކަން އަހަރެމެންނަށް އެނގޭ. އެމީހުންގެ ވިޔަފާރީގެ ގުޅުންތަކާއި، ހާރިޖީ ސިޔާސަތުތަކާއި، ގައުމީ ބިނާތަކާއި، އަދި ތަންތަނަށް ކިޔާ ނަންތައްވެސް ބަދަލުވަނީ،" އެކްސް (ކުރީގެ ޓްވިޓާ) ގައި ކާނީ ލިޔުއްވާފައިވެއެވެ. "ނަމަވެސް ކެނެޑާގެ ރައްޔިތުންނަށް އެނގޭ ހަގީގަތަކީ، އެ ތަނަށް ކިޔަންޖެހޭ އަސްލު ނަމަކީ 'ލޭކް އޮންޓޭރިއޯ' ކަން. އިއްޔެވެސް، މިއަދުވެސް އަދި އަބަދުވެސް."

ޓްރަމްޕްގެ މި އަމުރު ނެރުއްވާފައި މިވަނީ، 20 ބިލިއަން ޑޮލަރުގެ ކެނެޑާގެ މުދަލުން 50 އިންސައްތައިގެ ޓެކްސް (ޓެރިފް) ނެގުން ހުއްޓުވުމަށް ދެގައުމުގެ ދެމެދުގައި ކުރެވުނު މަޝްވަރާތައް ނާކާމިޔާބުވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ. ކެނެޑާއިންވެސް ވަނީ މިއަށް ރައްދުދިނުމުގެ ގޮތުން އެމެރިކާގެ 700 ވަރަކަށް އުފެއްދުމުން، އެވަރުގެ އަދަދަކުން ޓެކްސް ނަގަން ނިންމާފައެވެ.

ލޭކް އޮންޓޭރިއޯގެ ތާރީޚު

ލޭކް އޮންޓޭރިއޯއަކީ އުތުރު އެމެރިކާގެ 'ގްރޭޓް ލޭކްސް'  ގެ ތެރޭގައި ހިމެނޭ އެންމެ އިރުމަތީގައިވާ އަދި އަކަމިނަށް ބަލާއިރު ފަސްވަނައަށް އެންމެ ބޮޑު ކޯރެވެ.

  • ނަމުގެ އަސްލު: މި ފެންގަނޑަށް "އޮންޓޭރިއޯ" ގެ ނަން ދެވިފައިވަނީ، އެ ސަރަހައްދުގައި ކުރީގައި އުޅުނު އިންޑިޖެނަސް ރެޑް އިންޑިއަނުންގެ ގަބީލާއެއް ކަމަށްވާ "ހިއުރޮން" (Huron) ބަހުން އައިސްފައިވާ "oniatari:io" މިއަކުރުންނެވެ. މީގެ މާނައަކީ "ވިދާ ބަބުޅާ ފެންގަނޑު" ނުވަތަ "ރީތި ފެންގަނޑު" (Lake of Shining Waters) އެވެ.

  • ޕްރޮވިންސްގެ ނަން: ކެނެޑާގެ އެންމެ އާބާދީ ބޮޑު ޕްރޮވިންސް ކަމަށްވާ އޮންޓޭރިއޯއަށް 1867 ވަނަ އަހަރު އެ ނަން ދެވިފައިވަނީވެސް، މި ތާރީޚީ ފެންގަނޑުގެ ނަމާ ގުޅުވައިގެންނެވެ.

  • ތާރީޚީ މުހިންމުކަން: އެތައް ގަރުނެއް ކުރީއްސުރެ އެ ސަރަހައްދުގެ ދަނޑުވެރިކަމާއި، ދަތުރުފަތުރާއި، ދިރިއުޅުމުގެ މައިބަދައިގެ ގޮތުގައި ބޭނުންކުރަމުން އަންނަ މިއީ އެމެރިކާއާއި ކެނެޑާގެ އިގްތިސާދާ ވަރަށް ބޮޑަށް ގުޅިފައިވާ ތަނެކެވެ.

ކުރިންވެސް ނަންތައް ބަދަލުކުރި

2025 ވަނަ އަހަރުގެ ޖެނުއަރީ މަހު ޓްރަމްޕް އެމެރިކާގެ ރައީސްކަމުގެ ދެވަނަ ދައުރަކަށް ވަޑައިގަތުމަށްފަހު، ވަނީ "ގަލްފް އޮފް މެކްސިކޯ" ގެ ނަން "ގަލްފް އޮފް އެމެރިކާ" އަށް ބަދަލުކުރުމުގެ ގަރާރެއްގައިވެސް ސޮއިކުރައްވާފައެވެ. އެ ގަރާރުގައި ޓްރަމްޕް ވިދާޅުވެފައިވަނީ އެ ގަލްފަކީ އެމެރިކާގެ ތާރީޚާއި ކުރިއެރުމާ ވަރަށް ބޮޑަށް ގުޅިފައިވާ ތަނެއް ކަމަށެވެ.

ނަމަވެސް، ޗާޓު ކުރަހާ މީހުންނާއި ސަރުކާރުތަކުން "ގަލްފް އޮފް މެކްސިކޯ" ގެ ނަން ބޭނުންކުރާތާ 500 އަށްވުރެ ގިނަ އަހަރު ވެއްޖެއެވެ. އެއީ އެމެރިކާ މިނިވަން ދައުލަތެއްގެ ގޮތުގައި އުފެދުމުގެވެސް މާ ކުރިންނެވެ.

މީގެއިތުރުން، ކުރީގެ ރައީސް ބަރަކް އޮބާމާގެ ދައުރުގައި އެލަސްކާގެ އެންމެ އުސް ފަރުބަދަ ކަމަށްވާ "ޑެނާލީ" (އެ ސަރަހައްދުގެ އަސްލު ރައްޔިތުން ކިޔައިއުޅުނު ނަން) ގެ ނަން ބަދަލުކުރެއްވި ނިންމެވުންވެސް ޓްރަމްޕް ވަނީ ބާތިލްކުރައްވާފައެވެ. އަދި އެ ފަރުބަދައަށް އަލުން "މައުންޓް މެކިންލީ" ގެ ނަން ދެއްވީ އެމެރިކާގެ 25 ވަނަ ރައީސް ވިލިއަމް މެކިންލީއަށް އިހުތިރާމް އަދާކުރުމުގެ ގޮތުން ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

އަމުރުގެ ނަތީޖާ

ފާޑުކިޔުންތައް އަމާޒުވިނަމަވެސް، މިއީ ހަމައެކަނި ރަމްޒީ އަމުރެކެވެ. މިއަކަށް އަމަލުކުރުމަށް ކެނެޑާއަށް މަޖުބޫރެއް ނުކުރެވޭނެއެވެ. މި އަމުރުގެ އަސަރު ކުރާނީ ހަމައެކަނި އެމެރިކާގެ ފެޑެރަލް ސަރުކާރުން އެ ތަނަށް ކިޔާ ނަމަށެވެ.

މިސާލަކަށް، މެކްސިކޯއާއި އެހެން ގިނަ ގައުމުތަކުންނާއި ބައިނަލްއަގުވާމީ ޖަމާއަތްތަކުން ޓްރަމްޕްގެ "ގަލްފް އޮފް އެމެރިކާ" ނަން ގަބޫލެއް ނުކުރެއެވެ. ނަމަވެސް، ގޫގުލް މެޕްސް ހިންގާ އަލްފަބެޓް ފަދަ ކުންފުނިތަކުން ވަނީ އެމެރިކާގެ އެތެރޭގައި އެ އެޕް ބޭނުންކުރާ މީހުންނަށް އެ ނަން ބަދަލުކޮށްދީފައެވެ.

މިގޮތަށް ނަންތައް ބަދަލުކުރުމުގެ ސިޔާސަތުގެ ސަބަބުން ޓްރަމްޕާއި ނޫސް އޭޖެންސީތަކާ ދެމެދުވެސް ވަނީ ހިތްހަމަނުޖެހުން އުފެދިފައެވެ. އެގޮތުން، "ގަލްފް އޮފް މެކްސިކޯ" ގެ ނަން ބޭނުންކުރުމުން، އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ނޫސް އޭޖެންސީ، ވައިޓް ހައުސްގެ ބައެއް ހަރަކާތްތަކަށް ވަނުން މަނާކުރަންވެސް ޓްރަމްޕް މަސައްކަތް ކުރެއްވިއެވެ.

ބުރާސްފަތި ދުވަހުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓްރަމްޕް ވަނީ އެމެރިކާއާ ގުޅިފައިވާ އެހެން ކަނޑުތަކުގެ ނަންތައްވެސް "އެމެރިކާ" އަށް ނިސްބަތްވާ ގޮތަށް ބަދަލުކުރުމުގެ އިޝާރާތެއް ކުރައްވާފައެވެ.

"އަހަރެމެންގެ މިހާރު ގަލްފަކާއި ލޭކެއް އެބައޮތް. ދެން ބޭނުންވަނީ ކަނޑެއް (އޯޝަން)،" ޓްރަމްޕް ވިދާޅުވިއެވެ. "ވީމާ އެޓްލާންޓިކް ނުވަތަ ޕެސިފިކް ކަނޑުގެ ނަން ބަދަލުކުރަން ޖެހިދާނެ. ނޫނީ ދެ ކަނޑުގެ ނަންވެސް ބަދަލުކޮށްފާނެ." ޓްރަމްޕް ވިދާޅުވިއެވެ.

ކޮމެންޓް

އަދި ކޮމެންޓެއް ނެތް