ރިހާކުރު ބޭސް ނުވަތަ އަބާމެކްޓިން ދިވެހި ދަނޑުވެރިންނާއި ހޮބީއެއްގެ ގޮތުގައި ގަސް އިންދާ ފަރާތްތަކުގެ މެދުގައި ވަރަށް މަޤުބޫލް އާންމުކޮށް ބޭނުންކުރާ ބޭހެކެވެ. ރިހާކުރު ކުލައިގައި ހުންނަ މިބޭހުން ގަސްގަހާގެއްސަށް ގެއްލުންދޭ ސުފާސޫފިތައް އަދި ފަނިތައް ނައްތައިލުމަށް އެހީތެރިވެދެއެވެ. އެއީ ދަނޑުވެރިންގެ އިތުރުން ގޭގޭގައި ގަސް ހައްދާ ފަރާތްތަކުންވެސް މިއަށް ބަރޯސާވާ މައިގަނޑު ސަބަބެވެ. ނަމަވެސް، ސައިންސާއި ދިރާސާތަކުން ދައްކާ ގޮތުގައި މިއީ ނުހަނު ނުރައްކާތެރި، ވިހަ ގަދަ ކެމިކަލެކެވެ.
ބައެއް ފަރާތްތަކުން އެއްވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްނެތި، އަންގި އާއި މާސްކު ނާޅައި މި ބޭސް ބޭނުންކުރަމުންދާއިރު، މިއީ އިންސާނުންގެ ސިއްހަތަށާއި ތިމާވެއްޓަށް އެނގިގެންނާއި ނޭނގި ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމެކެވެ.
ރިހާކުރުބޭސް ނުވަތަ އަބާމެކްޓިން އަކީ ވެލީގެ ތެރޭގައި އުޅޭ ބެކްޓީރިއާއެއް ކަމަށްވާ Streptomyces avermitilis އުފައްދާ Avermectin ކެމިކަލްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ބޭހެކެވެ. މިއީ ސޫފި ނައްތާލުމަށާއި، ގަސްގަހާގެއްސަށް ގެއްލުންދޭ ފަނިތައް މަރަން ބޭނުންކުރާ އިންސެކްޓް ސައިޑެކެވެ. މި ބޭސް މަސައްކަތްކުރަނީ ސޫފިތަކުގެ ނާރުތަކުގެ ނިޒާމަށް ހަމަލާދީގެންނެވެ. އެގޮތުން ނާރުތަކުގައި ހުންނަ GABA ރިސެޕްޓަރުތަކަށް އަސަރުކުރުވައި، ސޫފިތަކުގެ ހަރަކާތްތައް ހުއްޓުވައި އާހިރުގައި މަރާލައެވެ.
މީހުން ދިރިއުޅޭ ސަރަހައްދުތަކާއި ގޭގޭގައި ހައްދާ ގަސްތަކަށް މާސްކެޓް ޖެހުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. މިއީ ގޭތެރޭގެ ކުދި ޖާގަތަކުގައި ބޭނުންކުރުމުން، ވައިގެ ތެރޭގައި ހަރުލާ، ގޭގައި އުޅޭ ކުޑަކުދިންނާއި ބޮޑެތި މީހުންގެ ނޭވާލާ ނިޒާމަށް ސީދާ ނުރައްކާކުރާ އެއްޗެކެވެ. މިއީ ސީދާ އައުޓްޑޯ ނުވަތަ ހާމަކަން ބޮޑު ދަނޑުތަކަށް ހާއްސަކޮށްގެން އުފައްދާފައިވާ ކެމިކަލެކެވެ. ގޯތި ތެރޭގައި ނުވަތަ އެފަދަ ކުދި ތޮއްޖެހިފައިވާ ޖާގަތަކުގައި، ސްޕްރޭ ކުރުމުން، ވައި ދައުރުވުން ދައްވުމުގެ ސަބަބުން އެ ކެމިކަލްގެ ތިކިތައް ވައިގެ ތެރޭގައި ވަރަށް ގިނައިރު ވަންދެން ހަރުލާފައި ހުރެއެވެ. މީގެ ސަބަބުން އެތަންތަނުގައި އުޅޭ މީހުންނަށް ނޭވާލުމުގެ ތެރެއިން ސީދާ ހަށިގަނޑަށް މީގެ ވިހަ އެތެރެވުމުގެ ފުރުސަތު ބޮޑުވެއެވެ.
ގޭތެރޭގައި ޖަހާ ބޭހުގެ އަސަރު ގަސްތަކުގެ ފަތްތަކުގައާއި، ގޮނޑި/މޭޒު ފަދަ ތަކެއްޗާއި، ތަޅުންގަނޑުގައި ގިނަ ދުވަހު ހުރެއެވެ. ކުޑަކުދިންނަކީ ބިންމަތީގައި ކުޅެ، ތަކެތީގައި އަތްލުމަށްފަހު އަނގައަށް އަތްލާ ބައެކެވެ. ކުޑަކުދިންގެ ހަށިގަނޑުގެ ބަރުދަން ލުއިވެފައި، ނާރުތަކުގެ ނިޒާމު އުފެދެމުންދާ ދުވަސްވަރު ކަމަށްވާތީ، ވަރަށް ކުޑަ މިންވަރެއް ހަށިގަނޑަށް އެތެރެވިޔަސް އެކުދިންނަށް ކުރާއަސަރު އެތައް ގުނައެއް ބޮޑުވެއެވެ. ގިނަ ގައުމުތަކުގައި އަބާމެކްޓިން (ރިހާކުރު ބޭސް) ހުއްދަކޮށްފައިވަނީ ހަމައެކަނި އައުޓްޑޯ ނުވަތަ ދަނޑުވެރިކަމުގެ ސިނާއަތުގައި ބޭނުންކުރުމަށެވެ.
އަބާމެކްޓިން މަސައްކަތްކުރަނީ ސޫފިތަކުގެ GABA ރިސެޕްޓަރުތަކަށް އަސަރުކޮށްގެން ކަމަށްވާއިރު، އިންސާނުންގެ ނާރުތަކުގެ ނިޒާމުގައިވެސް މި ރިސެޕްޓަރުތައް ހުރެއެވެ. މީހުން ދިރިއުޅޭ ސަރަހައްދުގައި އާނމުކޮށް މިއަށް ހުށަހެޅުމަކީ އަތްފައި ތުރުތުރުއެޅުމާއި، ހަނދާންނެތުމާއި ސިކުނޑީގެ މަސައްކަތްތަކަށް ބުރޫއެރުމުގެ އިތުރުން ނާރުތަކުގެ ބަލިތައް ކުރިމަތިވުމަށް މަގުފަހިކުރާ ކަމެކެވެ.
މި ބޭހަށް ރައްކާތެރިނުވެ ބޭނުންކުރުމުން އިންސާނާގެ ސިއްހަތަށާއި ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބެއެވެ. ސީދާ ބޭހުގެ އަސަރު ކުރުމުން ހަމުގެ ކުލަ ބަދަލުވުމާއި، ކެހުމާއި، ލޮލަށް އެޅިއްޖެނަމަ ލޯ ރަތްވެ ފެނުމަށް ބުރޫއެރުމުގެ އިތުރުން ނޭވާކުރުވުމާއި ކެއްސުން ފަދަ މައްސަލަތައް ކުރިމަތިވެއެވެ. މީގެ އިތުރުން ބޯއެނބުރުން، ބޮލުގައި ރިއްސުން، މޭނުބައިކުރުން، އަދި މާބޮޑަށް ވިހަވެއްޖެނަމަ ފިޓުޖެހުމާއި ކޯމާއަކަށް ދިއުން ފަދަ ނުރައްކާތެރި ހާލަތްތައް މެދުވެރިވެއެވެ. ދިގު މުއްދަތަކަށް ކުޑަކޮށް ނަމަވެސް މިއަށް ހުށަހެޅުމަކީ ނާރުތަކުގެ މައްސަލަތައް ކުރިމަތިވެ، އަތްފައި ތުރުތުރުއެޅުމާއި ހަނދާންނެތޭ ގޮތްވުމަށް މަގުފަހިވާ ކަމެކެވެ. ތިމާވެށީގެ ގޮތުން ބަލާއިރު މިއީ ކަނޑުގެ ދިރުންތަކަށާއި، ގަސްތަކުގައި މާ އެޅުމަށް މުހިންމު ސޫފިތަކަށް ނުހަނު ވިހަ ކެމިކަލެކެވެ.
ބައެއް ދިރާސާތަކުން ދައްކާގޮތުގައި އަބާމެކްޓިންއަށް ދިގު މުއްދަތަކަށް ހުށަހެޅުމަކީ ދަރިމައިވުމުގެ ނުކުޅެދުންތެރިކަން މެދުވެރިކުރުވާ ކަމެކެވެ. އަދި މާބަނޑު ދުވަސްވަރު އެއަށް އެކްސްޕޯޒްވެއްޖެނަމަ ބަނޑުގައިވާ ދަރިފުޅުގެ އުފެދުމަށް ބުރޫއެރުމާއި ނުކުޅެދުންތެރިކަން ހުންނަ ކުދިން އުފަންވުމުގެ ނުރައްކާ އޮވެއެވެ.
އަބާމެކްޓިން އަކީ ވަރަށް ގަދައަށް ވިހަ ހުންނަ ކެމިކަލެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން ކަނޑައަޅާފައިވާ ބޭހެކެވެ. އެހެންކަމުން މި ބޭސް ބޭނުންކުރުމުގައި ރައްކާތެރިކަމުގެ ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. އެގޮތުން ބޭސް ޖަހާއިރު ހަށިގަނޑު މުޅިން ނިވާވާނެހެން ހެދުން އެޅުމާއި، މާސްކު، އަދި ރަބަރު އަންގި ބޭނުންކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ވައިގަދަ ވަގުތުތަކުގައި ބޭސްޖެހުމުން ބޭހުގެ ކުނޑިތައް ނޭވާލާ ނިޒާމަށް ދިއުމާއި ހަމުގައި ޖެހުމުގެ ފުރުސަތު ބޮޑުވާތީ އެފަދަ ވަގުތުތަކުގައި ބޭސްޖެހުމުން ދުރުހެލިވާންޖެހެއެވެ. އަދި ބޭސް ތައްޔާރުކުރާ ވަގުތު އަދި ޖަހާ ވަގުތުވެސް އެއްވެސް އެއްޗެއް ކެއުމާއި ބުއިން ނުވަތަ ސިގިރޭޓް ބުއިމަކީވެސް ސީދާ ބޭސް ހަށިގަނޑަށް އެތެރެވާނެ ކަމެއް ކަމަށްވާތީ އެކަމުން ރައްކާތެރިވާންޖެހެއެވެ. ބޭސްޖެހުމުގެ މަސައްކަތް ނިމުމާއެކު ވަގުތުން ރަނގަޅަށް ސާބޯނިލައިގެން ފެންވަރައި، ބޭސް ޖެހިވަގުތު ބޭނުންކުރި ހެދުން ވަކިން ދޮވުމަކީވެސް ސިއްހީގޮތުން ވަރަށް މުހިންމު ކަމެކެވެ.
މިފަދަ ނުރައްކާތެރި ކެމިކަލްތަކަށް ބަރޯސާވުން ކުޑަކުރުމަށްޓަކައި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ދަނޑުވެރިކަން ކުރުމުގަޔާއި އަދި ގަސް ހެއްދުމުގައި ރައްކާތެރި ތަކެތި ބޭނުންކުރެވިދާނެއެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި އާއިލާއަށް ނުރައްކަލެއް ނެތް އޯގޭނިކް ނީމް އޮއިލް ނުވަތަ ސާބޯންޏާއި ފެން އެއްކޮށްގެން ހަދާ އިންސެކްޓިސައިޑަލް ސްޕްރޭ ފަދަ ތަކެތި ހިމެނެއެވެ. ނީމް އޮއިލް އަކީ ގަސްގަހާގެއްސަށް ގެއްލުންދޭ ފަނިތަކާ ދެކޮޅަށް ބޭނުންކުރެވިދާނެ ތިމާވެއްޓާ ރައްޓެހި އޯގޭނިކް ތެލެކެވެ.
ރިހާކުރު ބޭހަކީ ދަނޑުވެރިކަމުގައި ނަތީޖާ އަވަސް ބޭހަކަށް ވީނަމަވެސް، މިއީ ފުރާނައަށާއި ސިއްހަތަށް ނުހަނު ނުރައްކާތެރި ކެމިކަލެކެވެ. ގޭތެރޭގައި ހައްދާ ގަސްތަކަށް މި ބޭސް ބޭނުންކުރުން ވަގުތުން ހުއްޓާލަންޖެހެއެވެ. އަދި ދަނޑުތަކުގައި ބޭނުންކުރާއިރުވެސް ފުރިހަމަ ރައްކާތެރިކަމާއިއެކު ބޭނުންކުރުމަކީ އަމިއްލަ ސިއްހަތާއި، އާއިލާއާއި، މުޅި މުޖުތަމައުގެ ރައްކާތެރިކަމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
ކޮމެންޓް
އަދި ކޮމެންޓެއް ނެތް