ޚަބަރު

ހއ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ ރަސްތަރި ޤުރްއާން މުބާރާތް 2026 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހއ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ ރަސްތަރި ޤުރްއާން މުބާރާތް 2026 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
Advertisement Advertisement

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާއާއި އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން އިންތިޒާމްކުރާ "ރަސްތަރި ޤުރްއާން މުބާރާތް 2026" ގައި ބައިވެރިވުމުގެ ފުރުޞަތު ހއ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައި، އެ މުބާރާތްބާއްވާ ތާރީޚު އިޢުލާންކޮށްފިއެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ޑިސެންބަރު 24 އިން 27 އަށް އިހަވަންދޫގައެވެ. މިއީ މި މުބާރާތް ބާއްވާ 4 ވަނަ ފަހަރު ކަމަށްވާއިރު، މުބާރާތުގައި ބައިވެރިވުމަށް އެދޭ ކައުންސިލްތަކުން 2026 ނޮވެންބަރު 30 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ފޯމު ހުށަހެޅުމަށް އިހަވަންދޫ ކައުންސިލުން ވަނީ އެދިފައެވެ. 

މި މުބާރާތުގެ މައިގަނޑު މަޤުޞަދުތަކުގެ ތެރޭގައި ހއ. އަތޮޅުގެ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް ލޯބި ޖައްސައި، ޤުރްއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވައި ފެތުރުމާއި، ތަޖުވީދުމަގަށް ކިޔެވުމަށާއި ޤުރްއާނުގެ ޢިލްމު އުނގެނުމާއި އުނގަންނައިދިނުމަށް ލޯބިޖެއްސުން ހިމެނެއެވެ. މީގެ އިތުރުން، ހއ. އަތޮޅުގެ ރައްޔިތުންގެ މެދުގައި ވާދަވެރިކަން އުފެއްދުމާއި، ޤައުމީ މުބާރާތަށް އަތޮޅުގެ ބައިވެރިން ތައްޔާރުކުރުމާއި، ޤާރީންނާއި ޙާފިޡުން އުފެއްދުމުގެ އިތުރުން ރަށްރަށުގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމްކުރުންވެސް މި މުބާރާތުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މުބާރާތުގައި ބައިވެރިވެވޭނީ ހއ. އަތޮޅުގެ ރަށްތަކަށް ނިސްބަތްވާ ފަރާތްތަކަށެވެ. ރަށަށް ނިސްބަތްވުން މާނަކުރުމުގައި އެ ރަށެއްގެ ރަށްވެހީންނާއި، މަންމަ ނުވަތަ ބައްޕަގެ ރަށްވެހިކަން އެ ރަށެއްގައި އޮތުމާއި، އެ ރަށެއްގެ ރަށްވެއްސަކާ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކާއި، އެ ރަށެއްގެ މަދަރުސާގައި ތަޢުލީމް ޙާޞިލްކުރާ ފަރާތްތައް ހިމެނެއެވެ. ކޮންމެ ރަށަކުން ވެސް މުބާރާތުގައި ބައިވެރިކުރެވޭނީ 10 ބައިވެރިންނެވެ. އަދި އެ ރަށެއް ތަމްސީލުކުރާ ބައިވެރިން ކަނޑައަޅާނީ އެ ރަށެއްގެ ކައުންސިލުންނެވެ. 

މި މުބާރާތުގައި 3 ރައުންޑެއް އޮންނާނެއެވެ. ފުރަތަމަ ރައުންޑާއި ދެވަނަ ރައުންޑަކީ އެލެމިނޭޝަން ރައުންޑްތަކެވެ. ފުރަތަމަ ރައުންޑުން 10 ބައިވެރިން ދެވަނަ ރައުންޑަށް ހޮވޭއިރު، ދެވަނަ ރައުންޑުން 5 ބައިވެރިން ފައިނަލް (ތިންވަނަ) ރައުންޑަށް ހޮވޭނެއެވެ. މުބާރާތުގައި ބަލައިގެން ކިޔެވުމާއި، ނުބަލައި ކިޔެވުމާއި، ނަކަލުކުރުމާއި، ގުރޫޕް ކިޔެވުން އަދި ލަސްކިޔެވުން (މުޖައްވަދުކޮށް) ހިމެނެއެވެ. މުބާރާތް އިންސާފުކުރާނީ 3 މެންބަރުންގެ ފަނޑިޔާރުންގެ ކޮމިޓީއަކުންނެވެ. 

މުބާރާތުގެ ވަނަތަކަށް ހޮވޭ ފަރާތްތަކާއި ރަށްތަކަށް އަގުހުރި އިނާމުތަކެއް ކަނޑައަޅާފައިވެއެވެ. އެގޮތުން، އެއްވަނަ ބައިވެރިޔާއަށް 10,000 ރުފިޔާ، ދެވަނަ ބައިވެރިޔާއަށް 6,000 ރުފިޔާ އަދި ތިންވަނަ ބައިވެރިޔާއަށް 3,000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވެއެވެ. ރަށްރަށަށް ދޭ އިނާމުގެ ގޮތުގައި އެއްވަނަ ރަށަށް 10,000 ރުފިޔާ، ދެވަނަ ރަށަށް 7,000 ރުފިޔާ އަދި ތިންވަނަ ރަށަށް 5,000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން، މުބާރާތުގައި ބައިވެރިވުމަށް އެހެން ރަށްތަކުން އިހަވަންދުއަށް އަންނަ ފަރާތްތަކަށް ކެއުމުގެ އިންތިޒާމްތައް ހަމަޖައްސައިދެވޭނެ ކަމަށް އިހަވަންދޫ ކައުންސިލުން ބުނެއެވެ. 

ރަސްތަރި ޤުރްއާން މުބާރާތުގެ ތާރީޚަށް ބަލާއިރު، އެންމެ ފުރަތަމަ 2022 ވަނަ އަހަރު މި މުބާރާތް ބޭއްވީ "އިހަވަންދިއްޕޮޅު ރަސްތަރި މުބާރާތުގެ" ނަމުގައި ހއ. އަތޮޅަށް ހުޅުވާލައިގެންނެވެ. އެ އަހަރުގެ މުބާރާތުގައި 8 ރަށަކުން ވާދަކުރިއެވެ. އެއަށްފަހު އެއް އަހަރުގެ މެދުކެނޑުމަކަށްފަހު، 2024 ވަނަ އަހަރު "ރަސްތަރި ޤުރުއާން މުބާރާތް 2024" ގެ ނަމުގައި އިހަވަންދޫއަށް ހުޅުވާލައިގެން ބޭއްވިއެވެ. އަދި 2025 ވަނަ އަހަރު ބޭއްވި މުބާރާތުގައި އެއްވަނަ ރަށަކަށް ހއ. ދިއްދޫ ހޮވުނުއިރު، ދެވަނަ ހޯދީ އިހަވަންދޫއިންނެވެ. އަދި ތިންވަނަ ހޯދީ ކެލާއިންނެވެ. މުބާރާތް މިހާތަނަށް ބޭއްވި 3 ފަހަރު ވެސް އެއްވަނަ (ރަސްތަރި) ހޯދާފައިވަނީ ހއ. އިހަވަންދޫ، ދޭލިޔާގެ، ޔައިޝާ ޔާސިރު އިބްރާހިމްއެވެ.

ކޮމެންޓް

އަދި ކޮމެންޓެއް ނެތް