ދީން

ﷲ ގެ ޢަޛާބުން މިންޖުވާ ދެ އަމާން

ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޢަޛާބުން މިންޖުވާ ދެ އަމާނެއް ވެއެވެ. ފުރަތަމަ އަމާނަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައެވެ. އެކަލޭގެފާނު އަހަރެމެންގެ ތެރޭގައި ހުންނަވަނިކޮށް އެކަލޭގެފާނުގެ އުންމަތް ކޯފާއަކުން ހަލާކުވެގެން ނުދާނޭ ކަމުގައި ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވެއެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. “وَمَا كَانَ ٱللَّهُ لِيُعَذِّبَهُمْ وَأَنتَ فِيهِمْ…” (الأنفال 33) މާނައީ : “އަދި ކަލޭގެފާނު އެއުރެންގެ މެދުގައި ހުންނަވަނިކޮށް، ﷲ ތަޢާލާ، އެއުރެންނަކަށް ޢަޛާބެއް ނުދެއްވާނެތެވެ.” ފުރަތަމަ އަމާން މިއަދު ދުނިޔޭގައި ނެތެވެ. ބާކީ އޮތީ އެންމެ އަމާނެކެވެ. ދެވަނަ އަމާނަކީ އިސްތިޣްފާރު ކުރުމެވެ. އާދެ ފާފަ ފުއްސެވުން އެދި ދެންނެވުމެވެ. ﷲ ތަޢާލާ ވަޙީ ކުރައްވައިފައިވެއެވެ: “…وَمَا كَانَ ٱللَّهُ مُعَذِّبَهُمْ وَهُمْ يَسْتَغْفِرُونَ”(الأنفال 33) މާނައީ: “…އަދި އެއުރެން އިސްތިޣްފާރު ކޮށްކޮށް ތިއްބައި، ﷲ، އެއުރެންނަކަށް ޢަޛާބެއް ނުދެއްވާނެތެވެ.”   އިސްތިޣްފާރުކުރުމަކީ ﷲ ގެ ޢަޛާބުން މިންޖުކޮށްދޭ ކަމެކެވެ.
އައްޝައިޚު މުޙައްމަދު ޝާފިޢު