ސަރުކާރުން ފަށާފައިވާ އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއަކީ ކުޑަ ކަމެއްގެ ގޮތުގައި ދެކި އެކަމަށް މަލާމާތް ނުކުރުމަށާއި، އެއްވެސް މީހަކަށް ބޭއިހުތިރާމުކޮށް ބަސް ބުނުމަށް ފުރުސަތު ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ.
ރައީސް މިކަމަށް އިލްތިމާސްކުރެއްވީ، ސަރުކާރަށް 3 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު މި މޭރުމުން ވާހަކަފުޅު ދެއްކެވީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ސަރުކާރުން އިފްތިތާހުކުރި އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއާ ގުޅިގެން، ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި މަލާމާތްކޮށް ސަރުކާރަށް އަމާޒުކުރަމުންދާ ފާޑުކިޔުންތަކަށް ރައްދުދެއްވަމުންނެވެ.
ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިހުތިރާމު އަދާނުކުރުމުން މުޖުތަމައު ވެއްޓޭނެ ހާލަތުގެ މިސާލަކީ ރާއްޖެ މިހާރު މިއޮތް ހާލަތު ކަމަށެވެ. އަދި ސައްތައިން ސައްތަ އިސްލާމީ މި ގައުމުގައި އެއްބަޔަކު އަނެއްބަޔަކަށް އެއްވެސް ވަރަކަށް އިހުތިރާމު އަދާނުކުރާ މަންޒަރު ފެންނަމުންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އެހެންވީމާ އެކަން ކުރަން އެންމެން ވެސް އަތުކުރި އޮޅާލައިގެން ނުކުންނަންޖެހޭ. މިކަމަށް ވެސް އެބަ މަލާމާތްކުރޭ. އިހުތިރާމު އަދާކުރުމުގެ މަޝްރޫއުއަށް ވެސް އެބަ މަލާމާތްކުރޭ. އެއިން ވެސް އެެބަ އެނގޭ މި މަޝްރޫއުގެ މުހިންމުކަން،" ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، އިދިކޮޅު ފަރާތްތަކުން ކޮންމެ ކަމަކާ ވެސް ދެކޮޅުހަދަމުންދާ ކަމަށް ވިދާޅުވެ ރައީސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
"ކޮންމެ ކަމަކާ ވެސް އިދިކޮޅު މީހުން މި ރާއްޖޭގެ އިދިކޮޅު މީހުންނަކީ. ކޮންމެ ކަމެއް ވިޔަސް އިދިކޮޅު ހަދަންވީ. މިދެން ކިހާ ހެއްވާ ކަމެއް؟ މި ރާއްޖޭގައި ނޫނީ ނޫޅޭނެ މިކަހަލަ އިދިކޮޅު ފަރާތްތަކެއް. ހަމަ ކޮންމެ ކަމެއް ވެސް އިދިކޮޅު. އެހެންވީމާ އަޅުގަނޑުމެން އެބަޖެހޭ އެ އިދިކޮޅުވުމަށް އިދިކޮޅުވާން. އޭރުން މި ގައުމު ރަނގަޅުގޮތުގައި ދާނީ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ މުޖުތަމައުގެ ހަމަޖެހުމަށާއި ގައުމު ރަނގަޅު މިސްރާބަކަށް ގެންދިއުމަށްޓަކައި އެކަކު އަނެކަކަށް އިހުތިރާމުކުރުމުގެ ރިވެތި އާދަ އަށަގެންނެވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ތަކުރާރުކޮށް ހަނދާންކޮށްދެއްވާފައެވެ.
"އެއްވެސް ބޭފުޅަކު ފުރުސަތު ނުދެއްވާ ތިމަންނައަށް ބޭއިހުތިރާމުކޮށް، އިހުތިރާމުކުޑަކޮށް އެއްވެސް މީހަކު އެއްވެސް އެއްޗެއް ބުނަން. އެފަދަ އެއްްޗެއް އަޑުވެސް ނާހާ. އެފަދަ އެއްޗެއް ނުވެސް ބައްލަވާ. އެފަދަ އެއްޗެއް ޓީވީއަކުން އަންނަންޏާ ވެސް ނިއްވާލަންވީ. ކަންފަތަށް އިވެންޏާ ހަމަ އަނެއް ފަރާތަަށް އެނބުރެންވީ. އެފަދަ ވާހަކަދައްކާ މީހުން ކައިރީގައި ބުނަންވީ ހުއްޓާލާށޭ ވެސް،" ރައީސް ވިދާޅުވި އެވެ.
މުޖުތަމައުގައި އެކަކު އަނެކެއްގެ ހައިސިއްޔަތަށް އިހުތިރާމުކުރުމަށް ވެސް ރައީސް އިލްތިމާސްކުރެއްވި އެވެ. އެ މަނިކުފާނު ވިދާޅުވީ، އެކަމަކީ ކުލުނާއި ގާތްކަން އަދި މުޖުތަމައުއެއްގައި ހަމަޖެހުމާއި އުފާވެރިކަމާއި އަމާންކަން އިހުސާސްކުރުވާ ކަމެއް ކަމަށެވެ. ރައީސް ވިދާޅުވީ، ތަހުޒީބީ ކޮންމެ އިންސާނީ ޖަމާއަތެއްގައި ވެސް އެ ބައެއްގެ ގައުމިއްޔަތު ދައްކުވައިދޭ ހާއްސަ ސިފަތަކެއް ހިމެނޭ ކަމަށެވެ. އޭގެ ތެރެއިން އެންމެ ފާޅުކަން ބޮޑު ނިޝާނަކީ އެ ބައެއްގައި ހުންނަ އިހުތިރާމުކުރުމުގެ ސިފަތައް ކަމަށް ރައީސް ވިދާޅުވި އެވެ.
އެގޮތުގެ މަތިން މީހުންގެ އަބުރާއި މުދަލުގެ ރައްކާތެރިކަން ދެމެހެއްޓުމާއި ގަދަރުކުރުމާއި އިންސާނީ ކަރާމަތަށް އިހުތިރާމުކުރުމުގެ ސިފަތައް މުޖުތަމައުގެ ހުރިހާ ދިމާލެއްގައި އަށަގަންނަވައި އެގޮތަށް ކޮންމެ މީހެއްގެ އަމަލުތައް އިސްލާހުކުރަންޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ކޮމެންޓް
އަދި ކޮމެންޓެއް ނެތް