ޚަބަރު

އިހަވަންދޫގެ ތާރީޚުގައި ވެސް އެކުލަވާލާ އެންމެ ހަރުކަށި "ކުނީގެ އުސޫލު" އާންމުކޮށް، ޚިޔާލު ހޯދަން ހުޅުވާލައިފި!

އިހަވަންދޫގެ ތާރީޚުގައި ވެސް އެކުލަވާލާ އެންމެ ހަރުކަށި "ކުނީގެ އުސޫލު" އާންމުކޮށް، ޚިޔާލު ހޯދަން ހުޅުވާލައިފި!
Advertisement Advertisement

ހއ. އިހަވަންދޫގައި ކުނި އުކާލުމާއި ކުނި ނައްތާލުމާ ގުޅޭގޮތުން އެކުލަވާލާފައިވާ އައު އުސޫލަށް ޢާންމު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ފުރުޞަތު  ހުޅުވާލައިފިއެވެ. އިހަވަންދޫ ކައުންސިލުން ބުނެފައިވާ ގޮތުގައި އެ އުސޫލަށް ޚިޔާލު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 11 ވާ ބުދަ ދުވަހުގެ މެންދުރު 12:00 އެވެ.

އިހަވަންދޫގައި މިހާތަނަށް ކުނި އުކުމަށް ވަކި ޚާއްޞަ ވަގުތުތަކެއް ކަނޑައަޅާފައެއް ނޯވެއެވެ. އަދި ކުނި އުކާ ވެހިކަލްތަކުން ފީއެއް ނުނުގާއިރު، ކުނި ވަކިކުރުމުގެ ހަރުކަށި ޤަވާޢިދުތަކެއް ވެސް ނޯވެއެވެ. ނަމަވެސް އަލަށް އަމަލުކުރަން އުޅޭ އުސޫލު މިހާރު އޮތް ގޮތަށް ފާސްވެ ޢަމަލުކުރަން ފަށައިފިނަމަ، މިއީ އިހަވަންދޫގެ ތާރީޚުގައި ވެސް ތަންފީޒުކުރެވޭނެ އެންމެ ހަރުކަށި އަދި އެންމެ ފުޅާ ދާއިރާއެއްގައި ބަދަލުތަކެއް ގެނުވާނެ އުސޫލަށް ވެގެންދާނެއެވެ.

ޑްރާފްޓް އުސޫލުގައިވާ ގޮތުން، ކައުންސިލް ފިޔަވައި އެހެން ފަރާތްތަކުން ކުނިގޮނޑަށް ކުނި ގެންދެވޭނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 8:00 އިން 10:00 އަށް އަދި މެންދުރުފަހު 3:00 އިން 5:00 އަށެވެ. އަދި ހުކުރު ދުވަހުގެ އިތުރުން ރޯދަމަހުގެ ފުރަތަމަ ދުވަހާއި ޢީދު ދުވަސްތަކާއި ޙައްޖު ދުވަހު ކުނިގޮނޑަށް ކުނި އެޅުން މުޅިން މަނާވާނެއެވެ. 

މީގެ އިތުރުން، އަމިއްލަ ފަރާތްތަކުން ކުނި އުކުމުގެ ހިދުމަތްދޭނަމަ އެކަމަށް ބޭނުންކުރާ ވެހިކަލްތައް ކައުންސިލުގައި ރަޖިސްޓްރީ ކުރަން ޖެހޭއިރު، އުޅަނދުގެ ސައިޒަށް ބަލައި މަހަކު 200 ރުފިޔާއާއި 800 ރުފިޔާއާ ދެމެދުގެ އަދަދަކުން ވެހިކަލް ފީ ނެގުމަށް ވަނީ ހިމަނާފައެވެ. އަދި ކައުންސިލުން ގޭބިސީތަކުން ކުނި އުކައިދިނުމުގެ ޚިދުމަތަށް މަހަކު 150 ރުފިޔާ، ވިޔަފާރިތަކުން މަހަކު 300 ރުފިޔާ، އަދި ދައުލަތުގެ އިދާރާތަކުން މަހަކު 750 ރުފިޔާގެ ފީއެއް ނެގުމަށް ވެސް ވަނީ ކަނޑައަޅާފައެވެ. ނަމަވެސް ވީލްބަރޯ ފަދަ ތަކެތީގައި އަމިއްލައަށް ކުނި އުކާ ގޭބިސީތަކުގެ އަތުން ފީއެއް ނުނަގާނެއެވެ.

މި އުސޫލުގެ ދަށުން ކުނި އުކަން ޖެހެނީ ވަކި ގިންތިތަކަކަށް ކުނި ވަކިކޮށްގެންނެވެ. އެގޮތުން ކުނިވާ ޒާތުގެ ކުނި މަތިޖެހި ޓައްޕުގައި، ފަތްކުނި ވެލި ނާޅައި ގޯނީގައި، އަދި ނުރައްކާތެރި ކުނި ރައްކާތެރިކަމާއެކު ބަންދުކޮށްގެން ނޫނީ ނުއުކޭނެއެވެ. ކުނި ވަކިނުކޮށް އުކައިފިނަމަ ނުވަތަ ކަނޑައެޅިފައިވާ ވަގުތުތަކުގެ ބޭރުން ކުނި އުކައިފިނަމަ، އަދި މަގުމައްޗަށް ވާގޮތަށް ޑަސްބިން ބަހައްޓައިފިނަމަ އެއީ ކުށެއް ކަމުގައި ބަލައި، ޤަވާޢިދުގެ ދަށުން ފިޔަވަޅު އަޅައި ޖޫރިމަނާ ކުރެވޭނެއެވެ.

ޑްރާފްޓް އުސޫލުގައިވާގޮތުން 8 ބައިވަތެއްގެ ކުނި ވަކިކުރަންޖެހެއެވެ. އެއީ:

  1. ޑަސްބިންކުނި
  2. ފަތްކުނި
  3. ދަގަނޑު، އެލްމިނިއަމް ފަދަ މެޓަލްތައް
  4. ޕްލާސްޓިކް، ފުޅި، ކޮތަޅު
  5. ބިއްލޫރި
  6. ނެޕީ / ޕެޑް
  7. އުނބު / ބޮނބި / ކުރުނބާ
  8. މައުދަން ނުވަތަ ނުރައްކާތެރެރިކުނި

އިހަވަންދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި އެ އުސޫލުގެ މައިގަނޑު މަޤްޞަދަކީ ރަށުގެ ތިމާވެށްޓާއި ޢާންމު ޞިއްޙަތު ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމެއް ޤާއިމުކުރުމެވެ. އެ އުސޫލަށް ޢަމަލުކުރަން ފަށާނީ ޢާންމުންގެ ޚިޔާލަށް ފަހު ކައުންސިލުން ފާސްކޮށް، ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމުންނެވެ. 

ހިޔާލު ހުށަހަޅާ ފޯމް: އިހަވަންދޫގައި ކުނި އުކާލުމާއި ކުނި ނައްތާލުމާބެހޭ އުސޫލަށް ރައްޔިތުންގެ ހިޔާލު ހޯދުން

ކޮމެންޓް

އަދި ކޮމެންޓެއް ނެތް