އިހަވަންދޫ ކުޑަކުދިންގެ ޕާކުގެ ޓާފް ބަދަލުކުރުމުގެ މަސައްކަތް 254،016.00 (ދެލައްކަ ފަންސާސް ހަތަރުހާސް ސޯޅަ) ރުފިޔާއަށް "އެރިސްޑެކާ" އާ ހަވާލުކުރުމަށް އިހަވަންދޫ ކައުންސިލްގެ ބިޑް ކޮމިޓީން ނިންމައިފިއެވެ.
މި މަސައްކަތް އެރިސްޑެކާއާ ހަވާލުކުރަން ނިންމާފައިވަނީ 50 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާ ގޮތަށެވެ. ކައުންސިލުން ކުރިން މައުލޫމާތު ދިންގޮތުގައި ޕާކުގެ 3 ސަރަހައްދެއްގެ ޓާފް ބަދަލުކުރުމަށް ހަމަޖެހިފައިވާއިރު، އެ ސަރަހައްދުގެ ޖުމްލަ ބޮޑުމިނުގައި 4،200 އަކަފޫޓު ހުރެއެވެ.
ބޮޑު މަރާމާތަކަށްފަހު އިހަވަންދޫ ކުޑަކުދިންގެ ޕާކު އަލުން ހުޅުވީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުގެ ރޭގައެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހިމް ހުޅުއްވައިދެއްވި އެ ޕާކުގެ ޓާފްތައް ބަދަލުކުރަން މި ޖެހުނީ ޕާކު ހުޅުވިތާ އެންމެ 1 އަހަރާއި 9 މަސް ދުވަހުގެ ތެރޭގައެވެ. ޕާކްގައި އަޅާފައިވާ ޓާފްތައް މިހާރުވަނީ ވަރަށްބޮޑަށް ހަލާކުވެފައެވެ.
ޕާކު ހުޅުވިތާ ކުރު މުއްދަތެއްގެ ތެރޭގައި ޓާފްތައް ވަރަށް ބޮޑަށް ހަލާކުވެ، ފީވަމުންދާތީ ރަށުގެ ގިނަ ރައްޔިތުންނާއި ބެލެނިވެރިންގެ ޝަކުވާ ވަނީ ކައުންސިލަށް ބޮޑުވެފައެވެ. އެހެންކަމުން، މި މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ ގޮތުން ޓާފް ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް އިހަވަންދޫ ކައުންސިލުން އިއުލާންކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅުގައެވެ.
ކޮމެންޓް
އަދި ކޮމެންޓެއް ނެތް