އިހަވަންދޫ ކައުންސިލުން، ވަގުތީ ކުނި ކޮށްޓެއް ޤާއިމްކުރުމުގެ މަސައްކަތް ފަށައިފިއެވެ. އެގޮތުން އިހަވަންދޫގައި ވަގުތީ ކުނިކޮށްޓެއް ޤާއިމުކުރުމަށް ބޭނުންވާ ފެންސްޖެމާއެކު ސެކިއުރިޓީ ހަޓެއް އަޅައިދޭނެ ފަރާތެއް ހޯދަން އިއްޔެވަނީ ޢިއުލާން ކޮށްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އިހަވަންދޫ ކައުންސިލުން ޤާއިމްކުރާ ވަގުތީ ކުނިކޮށި ޤާއިމްކުރަނީ ގާތްގަނޑަކަށް 18,000 (އަށާރަ ހާސް) އަކަފޫޓްގެ ސަރަހައްދެއްގައެވެ. ކުނި އަންދާ އަށްޓާއިއެކު ޤާއިމްކުރާ މިކުނިކޮށީގައި، ސެކިއުރިޓީ ހަޓެއް ހުންނައިރު، ކުނި ވަކިކުރެވޭނެ އިންތިޒާމްވެސް ޤާއިމްކުރާނެއެވެ. ބެލެވޭ ގޮތުގައި ވަގުތީ ކުނިކޮށި ޤާއިމްކުރާނީ އިހަވަންދޫ ހިއްކި ބިމުގައެވެ.
އިހަވަންދޫގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާއެވެ. އެކުންފުނީގެ އޮފީސް އިހަވަންދޫގައި ޤާއިމްކުރީ 13 އޭޕްރީލް 2024 ގައެވެ. އޭގެ ފަހުން މިހާރު 857 ދުވަސް ފާއިތުވެފައިވާއިރު، އަދި އެކުންފުނީގެ ހިދުމަތް ފެށޭގޮތެއް ނުވެއެވެ. އެކުންފުނިން އަންނަނީ ކުނި މެނޭޖްމެންޓް ސައިޓެއް އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެމަސައްކަތް ކުރިޔަށްދަނީ ލަސް ސްޕީޑެއްގައެވެ.
ބެލެވޭ ގޮތުގައި އިހަވަންދޫ ކައުންސިލުން ވަގުތީ ކުނިގޮނޑެއް ޤާއިމްކުރުމުގެ މަސައްކަތް މިފެށީ، ވެމްކޯއިން ހިދުމަތް ފަށާނެކަމަށް މީގެކުރިން އެތައް ތާރީހެއް ދީފައިވީނަމަވެސް، މިހާރު އިހަވަންދޫ ކުނިގޮނޑުގެ ހާލަތު މިއިން ދުވަހަކު ނުދާހާދަށަށް ގޮސްފައިވާތީ އެކަމަށް އަވަސް ހައްލެއް ހޯދައިދިނުމުގެ ބޭނުމުގައެވެ.
ކޮމެންޓް
އަދި ކޮމެންޓެއް ނެތް