ޚަބަރު ކުޅިވަރު

އިހަވަންދޫ ސްކޫލް ފުރަތަމަ މެޗުން މޮޅުވެ، ސެމީ ފައިނަލަށް!

ޖޫނިއަރ ވޮލީބޯޅަ ޗެމްޕިއަންޝިޕް 2026 ގައި ބައިވެރިވާ އިހަވަންދޫ ސްކޫލް ވޮލީ ޓީމް ފުރަތަމަ މެޗުން މޮޅުވެއްޖެއެވެ. އިހަވަންދޫ ސްކޫލްގެ ވޮލީ ޓީމް ވާދަކުރަނީ މިމުބާރާތުގެ 19 އަހަރުން ދަށުގެ ބައިގައެވެ.

އިހަވަންދޫ ސްކޫލްގެ ފުރަތަމަ މެޗްގައި ވާދަކުރީ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް އާއިއެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެމެޗުން އިހަވަންދޫ ސްކޫލް މޮޅުވީ 3-2 ސެޓްއުންނެވެ. މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އިހަވަންދޫ ސްކޫލްގެ ޖާޒީ ނަންބަރު 12 މުހައްމަދު ޔޫހް އަހްމަދު މުއާޒްއެވެ. މިމެޗް ކުޅުނީ އެކުވެނި ޓާރފް ކޯޓްގައެވެ. 

މިއަހަރުގެ މުބާރާތުގައި އިހަވަންދޫ ސްކޫލްއިން ވާދަކުރަނީ 19 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ކެޓަގަރީގައި އެކަންޏެވެ. އެކަޓަގަރީގައި ބައިވެރިވެފައިވަނީ ރާއްޖޭގެ 6 ސްކޫލެއްގެ ޓީމެވެ. 6 ޓީމް ދެ ގުރޫޕަކަށް ބަހާލައިގެން ކުޅޭއިރު، އިހަވަންދޫ ޓީމް ދެން ނުކުންނާނީ ޅ. ނައިފަރު މަދަރުސަތުލް އިފްތިތާހާއި ދެކޮޅަށެވެ. އެމެޗް ކުޅޭނީ މާދަމާ ހަވީރުއެވެ. 
އިހަވަންދޫ ހިމެނޭ ގުރޫޕްގައި، ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ އިތުރުން ދެންއޮތީ ޅ. ނައިފަރު މަދަރުސަތުލް އިފްތިތާހްއެވެ. ގްރޫޕްގެ 1 އަދި 2 ވަނަ ޓީމް ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ. މިއަދުގެ މެޗުން މޮޅުވުމުން އިހަވަންދޫ ސްކޫލަށް މިހާރުވަނީ ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުވެފައެވެ. އެއީ މިގުރޫޕްގެ ފުރަތަމަ މެޗްގައި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް މަދަރުސަތުލް އިފްތިތާހާއި ވާދަކޮށް ބަލިވެފައިވާތީ އެޓީމް މިމުބާރާތުން ކަޓާފައިވާތީއެވެ. އެހެންކަމުން މާދަމާގެ މެޗުން މޮޅުވާ ޓީމަށް ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރުކުރުމުގެ ފުރުސަތު ލިބޭއިރު، މާދަމާގެ މެޗުން ބަލިވާ ޓީމް ސެމީ ފައިނަލަށް ދަތުރުކުރާނީ ގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައެވެ. 

މުޙައްމަދު އަކުރަމް