ޚަބަރު

ޓާޝަރީ ހޮސްޕިޓަލެއްގެ ވައުދާއިއެކު ނާޒިމްގެ ގިނަވައުދުތަކެއް އިހަވަންދޫއަށް

ޓާޝަރީ ހޮސްޕިޓަލެއް އަޅައިދިނުމުގެ ވައުދާއިއެކު ނާޒިމްގެ ގިނަ ވައުދުތަކެއް، އިހަވަންދޫއަށް ވެއްޖެއެވެ. މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އެވައުދުތައް ޢިއުލާންކުރެއްވީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިހާރު އުތުރުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ހއ. އިހަވަންދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ނާޒިމް ވިދާޅުވީ، މިރަށުގައި ސިނާއީ މަސައްކަތް ކުރުމުގައި ދަތިތަކެއް ހުރިކަން ފާހަގަވެގެން ދިޔަ ކަމަށެވެ. މިރަށުގައި ބޮޑު ބައެއް އޮޑި ދޯނިފަހަރު އެހެލައިގެން، މަރާމާތުކޮށްގެން ނޫނީ އެ އުޅަނދު ފަހަރު ބަނުމަށް ކަން ފާހަގަކުރެއްވިއެވެ. އަދި މި މަސައްކަތް ކުރަމުންދާއިރު ސިއްހީ ގޮތުން ދިމާވާ ކަންކަމުގެ ވާހަކަތަކަށްވެސް ނާޒިމް އަލިއަޅުވާލެއްވިއެވެ. "އަޅުގަނޑު ތިބޭފުޅުންނަށް ދަންނަވާލަން އޮތީ މިރަށް ކައިރީގައި އޮތް ދިގުފަރު އަޅުގަނޑުމެން ހިއްކާނަން، ދިގުފަރު ހިއްކާ އެތަނަށް އިގްތިސޯދީ މަސައްކަތް ކުރުމަށް ބިން ކަނޑައަޅާނަން، އޭގެ ތެރޭގައި މިރަށުގައި ވަށައިގެން ހުރި ހުރިހާ ދޯނި ފަހަރު ބަންނަ ތަނެއް، ކުނިގޮނޑާއެކު ބަދަލުކޮށް، މިރަށަށް ޖެހިފައި އޮތް މުސީބާތުން ސަލާމަތްކޮށްދޭނަން". ނާޒިމް ވިދާޅުވިއެވެ. އަދި ދިގުފަރަށް ބަދަލު ކުރެވޭ ތަންތަން ހުސްވުމުން، އެތަންތަނުގައި ގެސްޓްހައުސް ހެދޭނެ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. "އިރާދަކުރެއްވިއްޔާ އެ ސަރަހައްދަކީ ގެސްޓް ހައުސް އަޅާ، ޒުވާނުންނަށް ތަޅުދަނޑި ހަވާލު ކުރެވޭ ތަންތަނަށް ކައުންސިލާއި ގުޅިގެން ހަދާނަން". ނާޒިމް ވިދާޅުވިއެވެ.
ނާޒިމް އިހަވަންދޫއަށް ވެލެއްވި ވައުދުތައް:
  • - ސިނާއީ މަސައްކަތަށް ހާއްސަކޮށް ދިގުފަރު ހިއްކުން
  • - ކުނިގޮނޑު ދިގުފަރަށް ބަދަލުކުރުން
  • - ޓާޝަރީ ހޮސްޕިޓަލެއް އަޅައިދިނުން
  • - އިސްލާމީ ސެންޓަރެއް އެޅުން
  • - ފުރިހަމަޔަށް ތާރުއަޅާ ޒަމާނީފެންވަރަށް މަގުތައްހެދުން
  • - ގޯތި ނޫނީ ގެވަޅު ލިބިފައިވާ މީހަކު ބޭންކްއަށް ދިއުމުން، ލުއި ގޮތަކަށް އެ ގެ ހެދޭނެ ހަމަޖެއްސުން
  • - ބޭންކިންގ ނިޒާމް ވަރުގަދަކޮށް، ވަރުގަދަ ބޭންކެއް އަޅުން
  • - އިހަވަންދޫ ސްކޫލް މިހާރަށްވުރެ ފެންވަރު ރަނގަޅު ކޮށް، ކްލާސް ރޫމްތައް އެޅުމާއި، ހޯލްތައް އެޅުމާއި، ކޮލެޖް ޔުނިވާސިޓީގެ ފެންވަރަށް ބަދަލު ކުރުން
  • - ޒަމާނީ ފެންވަރުގެ އައިސްޕްލާންޓެއް ހެދުން
  • - ކޯލްޑް ސްޓޯރޭޖް ޤާއިމްކުރުން
  • - ރަށުގެ ފިއުލް ސްޓޯރޭޖްމަތިކޮށް ރަށުން ތެޔޮލިބޭގޮތް ހެދުން
 
މުޙައްމަދު އަކުރަމް