މޮޅަދޫ ކައުންސިލާއި، އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އަދި ވިންދު އެސޯސިއޭޝަން ގުޅިގެން އެރަށުގައި ކުރިއަށްގެންދާ "ޓާޓަލް ވޮލީ ޓޯނަމެންޓް" (ޓީވީޓީ) އަދި "ޓާޓަލް ފުޓްސަލް ޓޯނަމެންޓް" (ޓީއެފްޓީ) ގެ ފައިނަލް މެޗުތައް މިއަދު ހަވީރާއި މިރޭ ކުޅުމަށް ތައްޔާރުވެއްޖެއެވެ.
ރަށުގެ ޒުވާނުންގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، ކުޅިވަރުގެ ރޫޙު އާލާކުރުމުގެ މަޤްޞަދުގައި ބާއްވާ މި ދެ މުބާރާތުގެ ތެރެއިން ކޮންމެ މުބާރާތެއްގައިވެސް ވާދަކޮށްފައިވަނީ ތިން ޓީމެވެ. އެގޮތުން، ޓާޓަލް ފުޓްސަލް ޓޯނަމެންޓުގައި ވާދަކޮށްފައިވަނީ ޔަންގް ބްލަޑް، އައްޑަ ޖޭއާރު އަދި އައްޑަ އެފްސީއެވެ. އަދި ޓާޓަލް ވޮލީ ޓޯނަމެންޓުގައި ވާދަކޮށްފައިވަނީ ވެލޯރާ، ސްޕައިކާސް އަދި އެމްއެސްއާރު އެވެ.
މިއަދު ހަވީރު ކުޅުމަށް ހަމަޖެހިފައިވާ ވޮލީ މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލުކުރާނީ ޓީމު އެމްއެސްއާރު އަދި ވެލޯރާއެވެ. މި މުބާރާތުގެ ފައިނަލުން އެމްއެސްއާރު ޖާގަ ހޯދީ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުންވެސް މޮޅުވެ، ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ފައިނަލްގެ ދެވަނަ ޖާގަ ވެލޯރާ ހޯދީ ސެމީ ފައިނަލް މެޗުގައި ވާދަކޮށް، ސްޕައިކާސްގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދައިގެންނެވެ.
މީގެއިތުރުން، "ޓާޓަލް ފުޓްސަލް ޓޯނަމެންޓް" ގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރެއެވެ. މިރޭ ކުޅޭ މި ފައިނަލް މެޗުގައި ބައްދަލުކުރާނީ އައްޑަ އެފްސީ އަދި އައްޑަ ޖޭއާރުއެވެ.
ކޮމެންޓް
މިހަބަރުގަ ނެތްތަ ފުޓްސަލް މެޗް ދިޔަގޮތެއް