ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތަކާއި ތަންތަން ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި އެ ރަށެއް ނުވަތަ ސިޓީއެއްގެ އިހުތިސާސުން ވަކިކުރަން ސަރުކާރުން ނިންމާ ހާލަތެއްގައި އެ ތަންތަން ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނު ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހު ބޭރުކޮށް އަނބުރާ ގެންދަން އިހަވަންދޫ ކައުންސިލުން ގޮވާލައި ބަޔާނެއް ނެރެފިއެވެ.
އިހަވަންދޫ ކައުންސިލުން މިމަހު 13 ގައި ނެރުނު ބަޔާނުގައިވަނީ، ކައުންސިލްތަކުން ބިންތައް އަތުލެވޭ އިސްލާހަކީ ރައްޔިތުންގެ ބާރާއި، ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ މަގްސަދާއި ބޭނުމާއި، ރާއްޖެ ހޯދާފައިވާ ޑިމޮކްރެޓިކް ހުރިހާ ކުރިއެރުންތަކާ ކަނޑައެޅިގެން ހިލާފު އިސްލާހެއް ކަމަށެވެ. އަދި 2008 ވަނަ އަހަރު ތަޞްދީޤުކުރެވުނު ފެހި ޤާނޫނުއަސާސީގެ ދަށުން ރާއްޖޭގެ ރަށްތަކަށް ލިބުނު އެންމެބޮޑު ކުރިއެރުމަކީ، ރަށުގެ ކަންކަން ނިންމުމުގައި ބައިވެރިވުމާއި، ރައްޔިތުންގެ ވޯޓުން ރަށް ހިންގާނެ ފަރާތްތައް ކަނޑައެޅުމުގެ ބާރު ލިބުމާއި، ރައްޔިތުންނަށް ޖަވާބުދާރީވާ އުސޫލުން، ރަށުގެ ތަރައްޤީގެ ކަންކަން ހިނގާކަން ކަށަވަރުކުރުން ކަމަށް އިހަވަންދޫ ކައުންސިލްގެ ބަޔާނުގައިވެއެވެ.
އިހަވަންދޫ ކައުންސިލްގެ ބަޔާނުގައިވަނީ ސަރުކާރުގެ ބޭނުމަށް މިހާރުވެސް އިހަވަންދޫއިން އެތައް ބިމެއް ދޫކޮށްފައިވާކަން ފާހަގަކޮށް، އެތަންތަނުގައި މަސައްކަތް ކުރިޔަށްނުދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ދޫކޮށްފައިވާ ބިންތަކުގައި ހުއްޓިފައިވާ މަޝްރޫއުތައް އަވަސްކޮށް ދެއްވުމަށް، ކައުންސިލަރު މުހައްމަދު ފިރާޤު ފިޔަވާ، އިހަވަންދޫ ކައުންސިލްގައި ދެން ތިއްބެވި 4 ކައުންސިލަރުން ސޮއެކުރައްވައި ނެރުނު މިބަޔާނުގައި ގޮވާލާފައިވެއެވެ.
އެ ބިލުގައި ބުނެފައިވާ ގޮތުގައި ރަށްރަށުގެ ފިޒިކަލް ޑިވެލޮޕްމަންޓު ޕްލޭން ފާސްކުރުމުގެ ކުރިން ވެސް ސަރުކާރުން ތަރައްގީގެ މަޝްރޫއުއެއް ހިންގަން ބިމެއް ހޯދަން އެދޭ ހާލަތްތަކުގައި އެ ބިން ސަރުކާރާ ހަވާލުކުރަން ޖެހެ އެވެ. މިފަދަ ބިލެއް މަޖިލީހަށް ހުށަހަޅާފައި މިވަނީ ސަރުކާރުން ބޭނުންވާ ބިންތައް ދިނުމަށް ބައެއް ކައުންސިލްތަކުން ދެކޮޅު ހަދަމުންދާ ދަނޑިވަޅެއްގަ އެވެ.
އެގޮތުން، ސ. މަރަދޫފޭދޫގައި 2،900 އަކަފޫޓުގެ އިމާރާތެއް އަޅަން 9،000 އަކަފޫޓުގެ ބިމެއް އައްޑޫ ސިޓީ ކައުންސިލުން ދީފައި އޮއްވައި އެ ބިމުގެ ޖާގަ 11،000 އަކަފޫޓަށް ބަދަލުކޮށްދިނުމަށް އެދުމުން އެ ކަމަށް އެ ކައުންސިލުން ވަނީ ދެކޮޅު ހަދާފަ އެވެ.
ހަމައެހެންމެ، ގޫގުލްއިން އައްޑޫ ސިޓީ ހިތަދޫގައި، އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނަކާއި ނެޓްވޯކް ފެސިލިޓީއެއް ގާއިމުކުރަން ހިންގާ މަޝްރޫއުގެ ބޭނުމަށް ނަގާ ބިން ވެސް ކުލި ނުލިބޭ ގޮތަށް ދޫނުކުރާނެ ކަމަށް އެ ކައުންސިލުން އޮތީ ބުނެފަ އެވެ.
ކޮމެންޓް
އަދި ކޮމެންޓެއް ނެތް