ޚަބަރު

ކައުންސިލްތަކުގެ އިހުތިޞާޞުން ބިން ސަރުކާރަށް ނެގޭ ގޮތަށް ހުށަހެޅި ބިލާ ދެކޮޅަށް ޕެޓިޝަނެއް ފަށައިފި

ކައުންސިލްތަކުގެ އިހުތިޞާޞްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ދެކޮޅަށް ރައްޔިތުންގެ ސޮއި ހޯދުމުގެ ޕެޓިޝަނެއްގައި ސޮއެކުރަން ފަށައިފިއެވެ. ސޯޝަލް މީޑިއާ އެކްޓިވިސްޓް މިދުއަމް ސައުދު އެކްސްގައި ކުރި ޕޯސްޓެއް މެދުވެރިކޮށް އާންމުކުރި މި ޕެޓިޝަނަކީ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙައްނާން އަބޫބަކުރު ހުށަހަޅުއްވާފައިވާ ބިލު އަނބުރާ ގެންދިއުމަށް ގޮވާލާ ހުށަހަޅާ ޕެޓިޝަނެކެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނަށް ހުށަަހަޅާފައިވާ އިޞްލާހު އަނބުރާ ގެންދިއުމަށް ގޮވަލާ ޕެޓިޝަން

މި ޕެޓިޝަންގައިވާ ގޮތުން، މި އިސްލާހުގެ ސަބަބުން ރައްޔިތުންގެ ސީދާ ވޯޓުން އިންތިޚާބުކޮށްފައިވާ ކައުންސިލަރުންގެ ބާރު ކެނޑި، އެ ބާރުތައް ވަޒީރުންގެ މަޖިލީހަށް ލިބިގެންދާނެއެވެ. އަދި ވަޒީރުންގެ މަޖިލީހުން ނިންމާ ނިންމުންތަކަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ، ރައްޔިތުން ތަމްސީލުކުރާ ކައުންސިލަރުންނަށް ފިޔަވަޅު އެޅުމުގެ ފުރުސަތު މި ބިލުގެ ދަށުން ފަހިވެގެންދާނެތީ، މިއީ ލާމަރުކަޒީ ޤާނޫނުގެ ރޫހާ ޚިލާފު އަދި ރައްޔިތުންގެ ބާރު ހަނިކުރާ އަމަލެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.

މި ބިލު ހުށަހެޅުއްވި މެންބަރު ޢަބްދުލްޙައްނާން ވިދާޅުވެފައިވަނީ، އިޞްލާހުގެ މައިގަނޑު ބޭނުމަކީ ސަރުކާރުގެ ތަރައްޤީގެ މަޝްރޫއުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ކައުންސިލްތަކުގެ އެއްބާރުލުން ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަށަވަރުކުރުމާއި ދައުލަތުގެ މަޝްރޫޢުތަކަށް ބޭނުންވާ ބިންތަކާ ގުޅޭ އިޖުރާއަތްތައް ހަރުދަނާކުރުން ކަމަށެވެ. ނަމަވެސް، ރަށެއްގެ ނުވަތަ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކުރުމުގެ ކުރިން ވެސް، ވަޒީރުންގެ މަޖިލީހުން ބޭނުންވެއްޖެ ހިނދެއްގައި ކައުންސިލްގެ އިހުތިޞާޞުން ބިން ވަކިކޮށް ސަރުކާރަށް ނެގޭ ގޮތަށް އޮތުމުން ގިނަ ބައެއްގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ސަރުކާރުން ބޭނުންވާ މަޝްރޫއުތައް ހިންގަން ބައެއް ކައުންސިލުތަކުން ހުރަސްއަޅާ ކަމަށް ސަރުކާރުގެ އިސްވެރިން ވިދާޅުވަމުންދާއިރު، މިދިޔަ އަހަރުވެސް ވަނީ ލާމަރުކަޒީ ގާނޫނަށް ބަދަލުތަކެއް ގެނެސްފައެވެ. އެ ބަދަލުތަކުގެ ދަށުން، ކައުންސިލްތަކުގެ ދައުރު ހަމަވާން ގާތްވުމުން މުވައްޒަފުން ނެގުމާއި، ކައުންސިލްގެ އިޚްތިސާސްގެ ދަށުގައިވާ ބިމާއި، ފަޅާއި، ފަރުގެ ސަރަހައްދުތައް ކުއްޔަށް ދިނުން ފަދަ ކަންކަން ފިނޭންސް މިނިސްޓްރީ އަދި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ އުސޫލުތަކުގެ މަތިން ނޫނީ ނުކުރެވޭ ގޮތް ހަދައި، ކައުންސިލްތަކުގެ ބައެއް ބާރުތައް ވަނީ ހަނިކޮށްފައެވެ.

ޒިޔާޢު އަހްމަދު