ޚަބަރު

ދެބުޅާ ކޯޅެންތިއްބާ އިހަވަންދޫއިން މެޖޯރިޓީ ހޯދީ އެމްޑީޕީ! ޕީއެންސީއަށް އެންމެ ގޮނޑިއެއްވެސް ނުލިބުނު!

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީގެ އިންތިޚާބުގައި އިހަވަންދޫގެ މެޖޯރިޓީ އިދިކޮޅު އެމްޑީޕީން ކާމިޔާބުކޮށްފިއެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން، ސަރުކާރު ހިންގާ ޕީއެންސީއަށް އިހަވަންދޫން އެންމެ ގޮނޑިއެއްވެސް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. މި އިންތިޚާބުގެ ވަގުތީ ނަތީޖާއަށް ބަލާއިރު، އިހަވަންދޫ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީން ވަނީ ހޯދާފައެވެ. އެގޮތުން އެ ޕާޓީގެ ޓިކެޓްގައި ވާދަކުރި ތިން ކެނޑިޑޭޓަކު ކައުންސިލަށް އިންތިޚާބުވިއިރު، އ.ތ.މ ކޮމިޓީގެ ހަތަރު ގޮނޑިއެއް އެމްޑީޕީން ވަނީ ކާމިޔާބުކޮށްފައެވެ. އިހަވަންދޫ ކައުންސިލްގެ ރައީސްގެ މަޤާމަށް އިންތިޚާބުވެފައިވަނީ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރި އަލީ ފަވާޒްއެވެ. ކައުންސިލްގައި ކަނބަލުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑީގެ ތެރެއިން އެއް ގޮނޑި އެމްޑީޕީގެ ނާސިރާ ކާމިޔާބުކުރިއިރު، އަނެއް ގޮނޑި ކާމިޔާބުކުރީ އަމިއްލަގޮތުން ވާދަކުރި އައިޝާއެވެ. މީގެ އިތުރުން ކައުންސިލް މެންބަރުކަމުގެ ގޮނޑިތައް ކާމިޔާބުކުރީ އެމްޑީޕީގެ މޫސާ އަލީ އާއި އަމިއްލަގޮތުން ވާދަކުރި ފިރާގުއެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ނަތީޖާއަށް ބަލާއިރު، އެ ކޮމިޓީގެ ރައީސާގެ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ރިޒާނާއެވެ. ކޮމިޓީގެ މެންބަރުންގެ ގޮތުގައި ހޮވިފައިވަނީ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރި ސައުޖަތު، ގާދިރާ، އަދި ސަމީރާ އެވެ. މި ކޮމިޓީން ދެން ހޮވުނީ އަމިއްލަ ގޮތުން ވާދަކުރި ހުރާސަތުއެވެ. މި އިންތިޚާބުގެ ނަތީޖާއާއެކު އިހަވަންދޫގެ ކައުންސިލާއި އ.ތ.މ ކޮމިޓީގެ ފުރިހަމަ ކޮންޓްރޯލް އެމްޑީޕީއަށް ލިބިފައިވާއިރު، މިއީ ސަރުކާރު ހިންގާ ޕާޓީއަށް ކުރިމަތިވި ވަރަށް ބޮޑު ނާކާމިޔާބީއެއްގެ ގޮތުގައި ސިޔާސީ މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި މި ނަތީޖާ މިގޮތަށް ނުކުތީ ސަރުކާރު ހިންގާ ޕާޓީގެ އެތެރޭގެ ކޯޅުންތަކުގެ ސަބަބުންނެވެ. ލޯކަލް ކައުންސިލް އިންތިޚާބުގައި، އިހަވަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) އަށް އަމިއްލަ ގޮތުން އެއް ޓީމެއްގެ ގޮތުގައި ކެނޑިޑޭޓުން ނުކުތީ ޕީއެންސީގެ ޕްރައިމަރީ ބޭއްވުމުގައި އުފެދުނު މައްސަލަތަކަކާ ގުޅިގެންނެވެ. ޕްރައިމަރީގައި ވާދަކުރުމަށް ފޯމު ހުށަހެޅި ބައެއް ކެނޑިޑޭޓުންގެ ޝަރުތު ހަމަނުވާކަމަށް އެޕާޓީން ނިންމުމުން، ޝަރުތު ހަމަވީ އިންތިޚާބުކުރަންޖެހޭ އަދަދަށް ކަމަށްވާތީ ޕްރައިމަރީއަކާ ނުލައި އެ ފަރާތްތަކަށް ވަނީ ޓިކެޓް ދީފައެވެ. މި ނިންމުމާ މެދު ހިތްހަމަނުޖެހިގެން، ޕީއެންސީގެ ތެރޭގައި ތިބި ގިނަ ބަޔަކު އަމިއްލަ ގޮތުން ވާދަކުރާ ކެނޑިޑޭޓުންނަށް ތާއީދުކުރިއެވެ. އެކަމުގެ ސަބަބުން އިހަވަންދޫގައި ސަރުކާރު ހިންގާ ޕާޓީގެ އެތެރޭގެ މަސްލަހަތު  ވަރަށް ބޮޑަށް ގޯސްވިއެވެ. ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކޮށްފައިވާ ސިޔާސީ މަޤާމްތަކުގައި ތިއްބަވާ، އިހަވަންދޫއަށް ނިސްބަތްވާ ގިނަ ފަރާތްތައް މަސައްކަތްކުރ،ީ  ޕީއެންސީގެ ރަސްމީ ކެނޑިޑޭޓުންގެ ބަދަލުގައި، އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރި ކެނޑިޑޭޓުންނަށް ތާއީދު ހޯދުމަށެވެ. ނަތީޖާއަކަށްވީ ޕީއެންސީ ޓިކެޓްގައި މިއިންތިހާބުގައި ވާދަކުރި އެއްވެސް ކެނޑިޑޭޓަކަށް ކާމިޔާބު ނުލިބުމެވެ.  
މުޙައްމަދު އަކުރަމް