ޚަބަރު

ތިލައުތުރު ފުޓްސަލް މުބާރާތް 2025 އޮންނާނީ އުތީމުގައި

ހއ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ހއ. އަތޮޅު ކައުންސިލުން ބާއްވާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025” އުތީމުގައި ބޭއްވުމަށް ނިންމައި، މިއަދު އެކަމުގެ އެއްބަސްވުމުގައި ސޮއެކޮށްފިއެވެ. މިއަދު އޮތް ޚާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ހއ. އަތޮޅު ކައުންސިލްގެ ފަރާތުން ސޮއެކުރެއްވީ ކައުންސިލްގެ ރައީސް މޫސާ ޝަފީޤެވެ. އަދި އުތީމު ކައުންސިލްގެ ފަރާތުން ސޮއެކުރެއްވީ އުތީމު ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދުއެވެ. މުބާރާތް ހޯސްޓްކުރުމަށް ހއ. އަތޮޅުގެ ރަށްރަށުން ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ މަތިން މާކުސް ހޯދާފައިވަނީ އުތީމު ކައުންސިލްއެވެ. މިއީ އުތީމުގައި ތިލައުތުރު ފުޓްސަލް މުބާރާތް ބާއްވާ ދެވަނަ ފަހަރެވެ. މި މުބާރާތް ފުރަތަމަ ފަހަރަށް ބޭއްވީވެސް އުތީމުގައެވެ. ތިލައުތުރު ފުޓްސަލް މުބާރާތަކީ ހއ. އަތޮޅުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާ އެއްބައިވަންތަކަން ދަމަހައްޓައި އާލާކޮށް، އިޖްތިމާޢީ ގުޅުން ބަދަހިކުރުމާއި ކުޅިވަރުގެ ރޫޙު އާލާކޮށް ދެމެހެއްޓުމުގެ ގޮތުން ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއިން ބާއްވަމުން އަންނަ މުބާރާތެކެވެ. މިއީ “ތިލައުތުރު ފުޓްސަލް މުބާރާތް” ބާއްވާ ހަތަރުވަނަ އަހަރެވެ. ފުރަތަމަ ތިލައުތުރު ފުޓްސަލް މުބާރާތް ހއ. އުތީމުގައި ބޭއްވިއިރު އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފިއްލަދޫއެވެ. ދެވަނަ މުބާރާތް ހއ. މާރަންދޫގައި ބޭއްވިއިރު އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވަށަފަރެވެ. މިދިޔަ އަހަރު މި މުބާރާތް ބޭއްވީ ހއ. ކެލާގައެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އިހަވަންދޫއެވެ. ތިލައުތުރު ފުޓްސަލް މުބާރާތާއި  ވޮލީ މުބާރާތް އިހަވަންދޫގައި ބާއްވަން އިހަވަންދޫ ކައުންސިލުން ޕްރޮޕޯސަލް ހުށަހެޅި ނަމަވެސް،  އެއްވެސް ޕްރޮޕޯސަލެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
މުޙައްމަދު އަކުރަމް