ޚަބަރު

ކާޅު މަދުކޮށްދިނުމަށް ކައުންސިލުން، މާރިޔާ އަރިހު އެދިއްޖެ!

އިހަވަންދޫއިން ކާޅު މަދުކޮށްދިނުމަށް، އިހަވަންދޫ ކައުންސިލުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަރިހު އެދިއްޖެއެވެ. މިގޮތަށް ކައުންސިލުން އެދުނީ އިއްޔަ އެކަމަނާއާއިއެކު ބޭއްވި ބައްދަލުވުމެއްގައެވެ. މިބައްދަލުވުމުގައި އިހަވަންދޫ ކައުންސިލްގެ ފަރާތުން ބައިވެރިވެފައިވަނީ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދުގެ އިތުރުން ކައުންސިލަރު އަޙްމަދު ރިޞްވާންއެވެ.

ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި އެކު ބޭއްވި ބައްދަލުވުމުގައި، އެމްއެންޑީއެފްއިން އިހަވަންދޫގައި ކުރިޔަށް ގެންދެވިދާނެ ޕްރޮގްރާމްތަކާއި ގުޅޭގޮތުން މަޝްވާރާކުރެވުނުކަމުގައެވެ. އެގޮތުން މޫދު ކަސްރަތާއި، މޫދުކުޅިވަރުގެ އިތުރުން ޤުރުއާން ކިޔަވައިދިނުމުގެ ޕްރޮގްރާމް ހިންގުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނުކަމުގައެވެ. އޭގެ އިތުރުން އިހަވަންދޫ ސްކޫލަށް ރަންޔޫބީލް ފުރުން ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކަށް ސިފައިންގެ އެހީތެރިކަން ހޯދުމާއި ބެހޭގޮތުންވެސް މަޝްވަރާކުރެވުނުކަމަށް ވިދާޅުވިއެވެ. މުހައްމަދު ރަޝީދު ވިދާޅުވީ ކައުންސިލުން އެދުނުކަންކަމަށް މިނިސްޓަރުގެ ފަރާތުން ލިބިގެންދިޔައީ އުއްމީދީ ޖަވާބުތަކެއްކަމުގައެވެ.

[caption id="attachment_4634" align="alignnone" width="960"] އިހަވަންދޫގެ ގޮނޑުދޮށް. ފޮޓޯ: މުހައްމަދު ވަހީދު[/caption]

މިބައްދަލުވުމުގައި ބައިވެރިވި ކައުންސިލަރު އަޙްމަދު ރިޞްވާން ވިދާޅުވީ ކާޅު މަދުކުރުމާއި ބެހޭގޮތުން ކުރެވުނު މަޝްވަރާގައި، އެކަމަށް ހުއްދަ ހޯދަންޖެހޭ ތަންތަނުން ހުއްދަ ހޯދުމަށްފަހު އޮންނަ އުސޫލްގެ ތެރެއިން ކުރިޔަށްގެންދިއުމަށް މިނިސްޓަރު އެދިލެއްވިކަމުގައެވެ.

އިހަވަންދޫގައި އާދަޔާހިލާފަށް ކާޅު ގިނަވުމުގެ ސަބަބުން އެކަންވަނީ އާންމު އުދަގުލަކަށްވެފައެވެ. ނަމަވެސް އެކަމަށް ހައްލެއް ހޯދުމަށް އެކަށީގެންވާ މަސައްކަތެއް މިހާތަނަށް ކުރެވިފައެއްނުވެއެވެ.

އައުސަރުކާރު އެކުލަވާލުމާއިއެކު އިހަވަންދޫ ކައުންސިލުންދަނީ އައު މިނިސްޓަރުންނާއި ބައްދަލުކުރަމުންނެވެ.

މުޙައްމަދު އަކުރަމް