ހއ. އިހަވަންދޫ ސްކޫލްގެ ޖާގައިގެ ދަތިކަން ޙައްލުކުރުމަށްޓަކައި ބިނާކުރާ އައު އިމާރާތުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކުރިތާ 9 މަސްދުވަސް ވެފައިވާއިރު، އަދިވެސް ކުރިއަށްދަނީ ޑީޓެއިލް ކުރެހުމުގެ މަސައްކަތް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މިހެން ވިދާޅުވީ މި ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެޑިޔުކޭޝަން މިނިސްޓްރީން މަޢުލޫމާތު ދެއްވި ގޮތުގައި، އިހަވަންދޫ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ. އެހެންކަމުން މިހާރު ކުރިއަށްދާ ޑީޓެއިލް ކުރެހުމާއި ޑިޒައިންކުރުމުގެ މަރުޙަލާ އެއްކޮށް ނިމުމުން، ޢިމާރާތުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށިގެންދާނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.
ޖުމްލަ 18،831،685.91 (އަށާރަ މިލިއަން އަށްލައްކަ ތިރީސް އެއްހާސް ހަސަތޭކަ އައްޑިހަ ފަސް ރުފިޔާ ނުވަދިހަ އެއް ލާރި) ގެ އަގަކަށް އާރުޑީސީއާ މި މަޝްރޫޢު ހަވާލުކޮށްފައިވަނީ މިއަހަރުގެ ފެބުރުއަރީ މަހުގެ 4 ވަނަ ދުވަހުއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި މަޝްރޫޢުގެ ދަށުން އެ ސްކޫލުގައި 12 ކްލާސްރޫމްގެ އައު އިމާރާތެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ.
މި އަހަރުގެ އައު ދިރާސީ އަހަރާއެކު އިހަވަންދޫ ސްކޫލް ވަނީ އެއް ދަންފަޅިއަށް ކިޔަވައިދޭން ފަށާފައެވެ. ނިމިދިޔަ އަހަރު 825 ދަރިވަރުން ތަޢުލީމު ޙާޞިލުކުރި އެ ސްކޫލުގައި، މި ހިނގާ ދިރާސީ އަހަރު 790 ދަރިވަރުން ދަނީ ކިޔަވަމުންނެވެ. އެއް ދަންފަޅިއަށް ކިޔަވައިދޭން ފެށުމާއެކު ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް، މި އައު އިމާރާތުގެ ސަބަބުން ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
ކޮމެންޓް
އަދި ކޮމެންޓެއް ނެތް