ހޯރަފުށީ ހޮސްޕިޓަލްގެ ފުރަތަމަ ޝީޓް ކޮންކްރިޓްކޮށް ނިމުމުގެ އުފަލުގައި، ހޯރަފުށީ ދާއިރާގެ އިއްޒަތްތެރި މެމްބަރު ޢަލީ މޫސާގެ ފަރާތުން ހޮސްޕިޓަލް އިމާރާތްކުރާ ކުންފުނީގެ މުވައްޒަފުންނަށް ފިނިހިއްޕެވުމެއް ދެއްވައިފިއެވެ. ހޯރަފުށީ ހޮސްޕިޓަލްގެ މަސައްކަތަކީ މިސަރުކާރުން ހޯރަފުށީގައި ކުރިޔަށްގެންދާ އެންމެ ބޮޑު މަޝްރޫއުއެވެ.
ކުރީ ސަރުކާރުން ހޯރަފުށީގައި ކުރިޔަށްގެންދިޔަ އެންމެ ބޮޑު މަޝްރޫޢުއަކީ ހޯރަފުށީ އެއަރޕޯރޓްގެ މަޝްރޫޢުއެވެ. އެމަޝްރޫޢު ހިނގަމުން ދިޔައިރުވެސް، ރަށުގެ ވެރިންނާއި ރައްޔިތުންގެ ފަރާތުން އެމަޝްރޫޢު ކުރިޔަށް ގެންދިއުމަށް ވަރަށް ބޮޑު އެހީތެރިކަމާއި ހިތްވަރު ދިޔައީ ދެމުންނެވެ.
ހޯރަފުށީ ހޮސްޕިޓަލްގެ އިމާރާތްކުރުމުގެ އަމަލީ މަސައްކަތްފެށީ ކުރީ ސަރުކާރުގެ ފަހުކޮޅު، 6 ސެޕްޓެންބަރު 2023 ގައެވެ. ހޯރަފުށީގައި އަޅާ 30 އެނދުގެ ހޮސްޕިޓަލަކީ 85.7 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. އެމަސައްކަތް ކުރަމުން އަންނަނީ ޕީޓީ ސިޓްރަމަސް ހެވީ އިންޑަސްޓްރީސް އާއި ފްލެކްސިން ޕްރައިވެޓް ލިމިޓެޑް ގުޅިގެން ހަދާފައިވާ ޖޮއިންޓް ވެންޗާ ކުންފުންޏަކުންނެވެ. އެއް އަހަރާއި ހަ މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކުރި އެ މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ހޮސްޕިޓަލް އިމާރާތުގެ ކޮންކްރީޓް މަސައްކަތެވެ.

ހޯރަފުށީ ހޮސްޕިޓަލްގެ މަސައްކަތް ނިންމަންޖެހޭ ތާރީހަށްވުރެ މިހާރުވެސް 500 އަށްވުރެ ގިނުދުވަސް އިތުރަށް ހިނގާފައި ވާނަމަވެސް، ހއ. އަތޮޅުގައި އިމާރާތް ކުރަމުންދާ ހޮސްޕިޓަލްތަކުގެ ތެރެއިން އެންމެ ބޮޑަށް ނިމިފައިވަނީ، އަދި މަސައްކަތް އެދެވޭގޮތެއްގައި ކުރިޔަށްދަނީ ހޯރަފުށީ ހޮސްޕިޓަލްކަން ފާހަގަކުރެވެއެވެ. މިއަހަރުގެ ތެރޭގައި އެ ތަނުން ޚިދުމަތް ދޭން ފެށޭނެ ކަމަށް މިނިސްޓްރީ އޮފް ހެލްތުން އުންމީދުކުރިނަމަވެސް އެއީ ވާނެކަމެއް ކަމަކަށް ނުބެލެވެއެވެ.
ގުޅުންހުރި ލިޔުން:


ކޮމެންޓް
އަދި ކޮމެންޓެއް ނެތް