އޯޕަން ސްޓޭޖް ސަރަހައްދުގައި މައިޒާނެއް ތަރައްޤީކުރުމަށް އިހަވަންދޫ ކައުންސިލުން ނިންމައިފިއެވެ. އިހަވަންދޫ ކައުންސިލުން މިނިންމުން ނިންމީ، މިހިނގާ އޯގަސްޓް މަހުގެ 5 ވަނަ ދުވަހު ބޭއްވި، އިހަވަންދޫ ކައުންސިލްގެ 5 ވަނަ ދައުރުގެ 12 ވަނަ އާންމު ޖަލްސާގައެވެ.
އިހަވަންދޫ އޯޕަން ސްޓޭޖް ހުޅަނގު ދެކުނު ކަންމަތީގައި މައިޒާނެއް ތަރައްޤީކުރުމަށް ހުށަހެޅުއްވީ ކައުންސިލްގެ ނައިބު ރައީސް މޫސާ އަލީއެވެ. މޫސާ އަލީގެ ހުށަހެޅުއްވުމަށް ކައުންސިލަރު ނާޞިރާ ޢަބްދުލްވާޙިދު ތާއީދު ކުރެއްވިއިރު، އެހުށަހެޅުން ފާސްކުރީ އެޖަލްސާއަށް ހާޒިރުވި 4 މެމްބަރުންގެ ވޯޓާއިއެކު އިއްތިފާގުންނެވެ.
ކައުންސިލުން އައު މައިޒާނެއް ތަރައްޤިކުރުމަށް މިނިންމި ސަރަހައްދަކީ މިހާރުވެސް ގިނަބަޔަކު މުނިފޫހިފިލުވުމާއި، ހިންހަމަޖައްސައިލަން ޖަމާވާ ސަރަހައްދެއްކަން ފާހަގަކުރެވެއެވެ. ހާއްސަކޮށް އެސަރަހައްދުގައި ރާޒުވާ ފަދަ ކުޅިވަރުކުޅުމަށް މީހުން ޖަމާވާކަން ފާހަގަކުރެވެއެވެ. އޯޕަން ސްޓޭޖް ސަރަހައްދަކީ އިހަވަންދޫ ކައުންސިލް އިދާރާގެ އައު އިމާރާތް އަޅެމަށް ހާއްސަކޮށްފައިވާ ސަރަހައްދެއްކަމަށްވެއެވެ. ނަމަވެސް އެބިން އެއިމާރާތް އެޅުމަށް ދޫކޮށްފައިވާކަމެއް ނުވަތަ ނޫންކަމެއް ސާފެއްނޫނެވެ.
އިހަވަންދޫ ކައުންސިލުން އައު މައިޒާނެއް ތަރައްޤީކުރަން ނިންމިއިރު، މިދިޔަ އަހަރު ފެބުރުއަރީމަހުގެ 27 ވަނަ ދުވަހު ބިންގާއެޅި "ފުއްޓަރު އުފާ" މައިޒާން ތަރައްޤީކުރުމުގެ މަސައްކަތް އަދިވެސް ނުފެށެއެވެ. އެއީ އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީއިން އަންހެނުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
މީގެ އިތުރުން 2022 ވަނަ އަހަރު އިހަވަންދޫ ކައުންސިލުން ތަރައްޤީކުރާނެކަމަށް އިއުލާންކުރި، އަންބަރުމަސް މައިޒާނުގެ އެއްވެސް އަމަލީ މަސައްކަތެއް ކުރިޔަށްދާތަނެއް ނުފެނެއެވެ. އަދި އެހެންމެ "ކާފަމާމަ މައިޒާން" ނުގެ ނަމުގައި ކްލަބް ޕޯލްސްޓަރ އިން ތަރައްޤީ ކުރަމުންދާ މައިޒާނުގެ މަސައްކަތްވެސް ވަކި ހިސާބަކަށްގޮސް މަޑުޖެހިފައި އޮންނަތާ އެތައް ދުވަހެއްވަނީ ވެފައެވެ. އެމަޝްރޫޢު އަށްވެސް ކައުންސިލުންވަނީ އެހީތެރިކަން ދީފައެވެ.
މިދައުރުގެ ކައުންސިލުންވަނީ އިހަވަންދޫ އާޒާދީބަހާރުގެއާ އިންވެގެން ހުޅަގަށްއޮތް ހުސްބިމުގައި ޕާކެއް ތަރައްޤީކުރުމަށްވެސް ނިންމައިފައެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް އަލީ ފަވާޒް ވިދާޅުވީ، ރަށުގެ އެކި ސަރަހައްދުތަކުގައި ހުރި އެކަށީގެންވާ ހުސްބިންތައް ރައްޔިތުންނަށް ބޭނުންހިފޭނެ ފަދަ މައިޒާންތަކެއްގެ ގޮތުގައި ތަރައްޤީކުރުމަކީ މި ދައުރުގެ ކައުންސިލްގެ މުހިންމު ސިޔާސަތެއް ކަމަށެވެ.






