ޚަބަރު

އިހަވަންދޫ ކައުންސިލްގެ ރައީސް 9 ކަންބޮޑުވުމެއް މިނިސްޓަރ ޝިޔާމްއަށް!

އިހަވަންދޫގެ މަސްވެރިންނާއި ރައްޔިތުންނަށް ދިމާވެފައިވާ ގިނަ ދަތިތަކަކާއި، ރަށުގެ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތައް އިހަވަންދޫ ކައުންސިލްގެ ރައީސް، އަލީ ފަވާޒް، މިނިސްޓަރ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް، އަޙްމަދު ޝިޔާމް އާއި ހިއްސާ ކުރައްވައިފިއެވެ. މިކަންކަން މިނިސްޓަރ ޝިޔާމް އާއި ހިއްސާކުރެއްވީ، އިއްޔަ މިނިސްޓަރު އިހަވަންދޫއަށް ކުރެއްވި ޒިޔާރަތުގައި، ރޭ ރައްވެހި ހިޔާގައި ބޭއްވި ބައްދަލުވުމުގައެވެ. 

އެގޮތުން އެބައްދަލުވުމުގައި، އަލީ ފަވާޒްވަނީ އިހަވަންދޫގެ އިޤްތިޞާދާއި މަސްވެރިކަމާ ގުޅުންހުރި މުހިންމު 9 ކަމެއް މިނިސްޓަރުގެ ސަމާލުކަމަށް ގެންނަވައި، އެކަންކަމަށް އަވަސް ހައްލެއް ހޯދައިދެއްވުމަށް އެދިވަޑައިގެންފައެވެ. އަލީ ފަވާޒް މިނިސްޓަރުގެ ސަމާލުކަމަށް ގެންނެވި ކަންކަން ތިރީގައި އެވަނީއެވެ. 


ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތް ލަސްވުމާއި ރަށް ގިރުމުގެ މައްސަލަ 
ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅުގައި ހިމެނޭ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ 29 ޖެނުއަރީ 2025 ގައި އަޅާފައިވީ ނަމަވެސް، މަސައްކަތް ނުހިނގާ ލަސްވަމުންދާތީ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް އޮތްކަން ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ. މީގެއިތުރުން، މި މަޝްރޫޢުގެ ތެރެއިން އެމްޓީސީސީއާ ހަވާލުކުރެވުނު ބަނދަރު ހެދުމުގެ މަސައްކަތުގައި، ފަޅުފުންކުރުމުގެ ނަމުގައި ރަށުގެ ބިންހިއްކުމުގެ މަޝްރޫޢުގެ ދަށުން ވެލި ނޭޅިވާ ސަރަޙައްދަކަށް ވެލިއެޅުމުގެ ސަބަބުން ރަށް ވަރަށް ބޮޑަށް ގިރަމުންދާ ކަމަށްވިދާޅުވިއެވެ. އެހެންކަމުން އެކަން ބައްލަވައިދެއްވުމަށާއި، ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތް އަވަސްކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
އައު އައިސްޕްލާންޓްގެ މަސައްކަތް ނުފެށުން
ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅުގައި ހިމެނޭ އައު އައިސްޕްލާންޓް އެޅުމަށްޓަކައި ކައުންސިލުން 3،000 އަކަފޫޓުގެ ބިމެއް މިނިސްޓްރީއަށް ދީފައިވީ ނަމަވެސް، މަސައްކަތް ނުފެށި ދިގުލައިގެން ދިޔުމަކީ މަސްވެރިންގެ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

މިހާރުގެ އައިސްޕްލާންޓުގެ ހާލަތާއި ޕިކަޕްގެ މައްސަލަ
މިހާރު ހުރި އައިސްޕްލާންޓުގެ ހާލަތު ރަނގަޅުކޮށް، މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ އެކަށޭނަ މާޙައުލެއް ޤާއިމުކޮށްދިނުމަށާއި މުވައްޒަފުންގެ ދަތިކަން ހައްލުކޮށްދިނުމަށް އެދިވަޑައިގެންނެވިއެވެ. އަދި މަސްވެރިން އަތްގާޑިޔަލުގައި އައިސް އުފުލަންޖެހޭ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށް ކައުންސިލުން ހަދިޔާކުރި ޕިކަޕް ހަލާކުވެ، މަރާމާތު ނުކުރެވި އޮންނަތާ 6 މަސްވެފައިވާތީ، މަސްވެރިން އަލުން އަތްގާޑިޔާ ބޭނުންކުރަން ޖެހިފައިވާކަން ހިއްސާކުރެއްވިއެވެ.
ސްޕޯޓްސް ފިޝިންގ ބޮއެ އެއް އަޅައިދިނުން
އިހަވަންދޫއަކީ ކުދި ދޯނިފަހަރާއި ޑިންގީގައި ގިނަ އަދަދެއްގެ ޒުވާނުންނާއި މަސްވެރިން މަސްވެރިކަމަށް ނުކުމެއުޅޭ ރަށަކަށްވާތީ، ދިގުފަރު ހުޅަނގުކޮޅާ ދިމާ ބޭރުގައި ސްޕޯޓްސް ފިޝިންގ ބޮއެ އެއް އަޅައިދިނުމަށް އެދިވަޑައިގެންނެވިއެވެ.

މަސްކިރާ ބޯޓެއް އިހަވަންދޫ ކައިރީ ބޭއްވުން
އިހަވަންދޫ ކައިރީގައި މަސްކިރާ ބޯޓެއް ނޯންނާތީ، ފެލިވަރަށް މަސްކިރަން ދާންޖެހުމުގެ ސަބަބުން މަސްވެރިންގެ ޚަރަދު ބޮޑުވެ، ލިބޭ އާމްދަނީ ކުޑަވާކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން، އުތުރުގައި މަސްވެރިކަން ރަނގަޅު ދުވަސްވަރު އިހަވަންދޫ ކައިރީގައި މަސްކިރާ ބޯޓެއް ބާއްވައިދިނުމަށް އެދިވަޑައިގެންނެވިއެވެ.
މަހުގެ އުފެއްދުންތަކަށް މާކެޓް ހޯދައިދިނުން
އިހަވަންދޫއަކީ އަމިއްލައަށް މަހުގެ ތަފާތު އުފެއްދުންތައް ތައްޔާރުކުރާ ރަށަކަށްވާތީ، އެ ތަކެތި ފުޅާދާއިރާއެއްގައި ވިއްކޭނެ މާކެޓެއް ސަރުކާރު މެދުވެރިވެގެން ހޯދައިދިނުމަށް އެދިވަޑައިގެންނެވިއެވެ.

ޒަމާނީ ދަނޑުވެރިކަން ތަޢާރަފުކުރުން
ރަށުގައި ޒަމާނީ ދަނޑުވެރިކަން ތަރައްޤީކުރުމުގެ ގޮތުން، ހައިޑްރޯޕޯނިކްސް އަދި ގްރީންހައުސް ފަދަ ނިޒާމުތައް އިހަވަންދޫގައި ޤާއިމުކޮށްދިނުމަށް އެދިވަޑައިގެންނެވިއެވެ.
ބަނދަރާއި ފަޅުގެ ދަތިތައް ހައްލުކުރުން
މަސްވެރިންނަށް ފަޅު ތެރެއިން ކުރިމަތިވާ ދަތިތައް ހައްލުކޮށްދިނުމަށް ސަރުކާރަށް ބާރުއެޅުއްވުމަށް އެދިވަޑައިގެންނެވިއެވެ. އެގޮތުން ބަނދަރުގެ ކަނޑިންމަ ބަދަލުކޮށްދިނުމަށާއި، ވެއްޓި ހަލާކުވެފައިވާ ސިޑިތައް މަރާމާތުކޮށްދިނުމަށް ދެންނެވިއެވެ.

އިރުމަތީ ފަރާތުގައި ޖެޓީއެއް ހެދުން
މަސްވެރިން އެމާއެކު އުޅަނދުފަހަރު ކައިރިކުރެވޭނެ ގޮތް ހެދުމަށްޓަކައި، ރަށުގެ އިރުމަތީ ފަރާތުގައި ޖެޓީއެއް ހަދައިދިނުމަށް ކައުންސިލްގެ ރައީސް ވަނީ މިނިސްޓަރަށް ހުށަހަޅުއްވާފައެވެ.