ޚަބަރު

އެމްޑީޕީގެ ޗެއަރޕާސަން ރައީސް މުޙައްމަދު ނަޝީދު އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރ ޝިފާޢުއާ ބައްދަލުކުރައްވައިފި

އެމްޑީޕީގެ ޗެއަރޕާސަން ރައީސް މުޙައްމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ޝިފާޢުއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ އިއްޔެ އެމްޑީޕީގެ މައި އޮފީހުގައެވެ. މިކަމާ ގުޅޭ މަޢުލޫމާތު އެމްޑީޕީގެ ރަސްމީ 'އެކްސް' އެކައުންޓުން ވަނީ ހާމަކޮށްފައެވެ. ޝިފާޢުއަކީ މިހާރު އެމްޑީޕީގެ އިހަވަންދޫ ދާއިރާގެ ރައީސްވެސް މެއެވެ. މި ބައްދަލުވުމާ ގުޅޭގޮތުން ޝިފާޢު ވިދާޅުވީ، މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިފައިވަނީ އެންމެން ގުޅިގެން މިހާރުގެ ސަރުކާރު ޖަވާބުދާރީކުރުވުމަށް ކުރަންޖެހޭ މަސައްކަތްތަކާ ގުޅޭގޮތުން ކަމަށެވެ. މީގެ އިތުރުން، 2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަށްޓަކައި ކުރަންޖެހޭ މުހިންމު މަސައްކަތްތަކާ ގުޅޭގޮތުންވެސް ދެ ބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ. އިހަވަންދޫ ދާއިރާގެ ސިޔާސީ ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި، 2029 ވަނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އިހަވަންދޫ ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކަމަށް އެންމެ ބެލެވޭ ކެންޑިޑޭޓަކީ ޝިފާޢުއެވެ. މި ސަރުކާރު ޖަވާބުދާރީކުރުވުމަށް އިދިކޮޅު އެމްޑީޕީން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައި، ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކާ ޗެއަރޕާސަން ބައްދަލުކުރައްވައި ކުރިއަށް އޮތް އިންތިޚާބުތަކަށް ތައްޔާރުވުމުގެ މަސައްކަތް މިހާރު ވަނީ ވަރުގަދަކޮށްފައެވެ އެޑިޓަރުގެ ނޯޓް: މިއީ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.
.