ޚަބަރު

އެފްއެސްއެމް އިން ޑީސަލްގެ އަގު އަނެއްކާވެސް ބޮޑުކޮށްފި!

ފިއުލް ސަޕްލައިޒް މޯލްޑިވްސް (އެފްއެސްއެމް) އިން ވިއްކާ ޑީސަލްގެ އަގު އިއްޔައިން ފެށިގެން އަނެއްކާވެސް ބޮޑުކޮށްފިއެވެ.  އެގޮތުން އިހަވަންދޫގައި ހުންނަ އެފްއެސްމްގެ ފިއުލް ޝެޑުން، ކަނޑު އުޅަނދުފަހަރަށް އިއްޔައިން ފެށިގެން ޑީސަލް ވިއްކަނީ 30 ރުފިޔާ 72 ލާރިއަށެވެ. މިއީ ލީޓަރަކުން 2 ރުފިޔާ 48 ލާރީގެ ބޮޑުވުމެކެވެ. މިއީ ފަހަކަށް އައިސް ތެލުގެ އަގަށް އައި ބަދަލުތަކާ ގުޅިގެން ޑީސަލްގެ އަގު އިހަވަންދޫގައި ހުންނަ އެފްއެސްމްގެ ފިއުލް ޝެޑުން ބޮޑުކުރި 3 ވަނަ ފަހަރެވެ. އިހަވަންދޫގެ ގިނަ މަސްވެރި އުޅަނދުތައް މަހައްފުރޭނެ ގޮތެއްނެތުމުން ފަޅުގައިހުރީ އަޅާފައެވެ. މަސްވެރިން ސަބްސިޑީ ރޭޓްގައި ތެޔޮ ހޯދުމަށް ދާންޖެހެނީ ފެލިވަރަށެވެ. މި ބަދަލުގެ ސަބަބުން ދަތުރުފަތުރުގެ ދާއިރާއަށާއި، މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އަސަރު ކުރާނެ ކަމަށް ބެލެވެއެވެ. ޚާއްޞަކޮށް ކަނޑުދަތުރުފަތުރުގެ ޚިދުމަތް ދޭ ފަރާތްތަކުގެ ހިންގުމުގެ ޚަރަދު މި ބަދަލާއެކު އިތުރުވެގެންދާނެއެވެ. ކަނޑު އުޅަނދު ފަހަރަށް ޑީސަލް ވިއްކާ އަގު ބޮޑުކުރިނަމަވެސް އެއްގަމު އުޅަނދުފަހަރަށް ޑީސަލް ވިއްކާ އަގަށް އެފްއެސްއެމް އިން ބަދަލެއް ނުގެނެއެވެ.
އަޔާން