ޚަބަރު

އިހަވަންދޫ އާޓިފިސިއަލްބީޗް ތަރައްޤީކުރަން އެމްޓީސީސީއާ ހަވާލުކުރީ އާދަޔާހިލާފު ބޮޑު އަގަކަށް!

ހއ. އިހަވަންދޫގައި އާޓިފިސިއަލް ބީޗެއް ތަރައްޤީކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ އިއްޔަ ހަވާލުކޮށްފައިވަނީ 54.8 މިލިއަން ރުފިޔާއަށްކަން  އެކުންފުނިން ހާމަކޮށްފިއެވެ. 330 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކުރި މިމަޝްރޫޢުގެ ދަށުން،  މޫދަށް އެރޭ ސަރަޙައްދެއް ތަރައްޤީކޮށް 80 މީޓަރުގެ ގްރޮއިން ޖެހުމާއި 46 މީޓަރުގެ ބޭރުތޮއްޓެއް މޫދު އަޑީގައި ޤާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ. އެމްޓީސީސީ އިން ހާމަކޮށްފައިވަނީ މިމަޝްރޫޢުގެ ދަށުން، 25،000 ކިއުބިކް މީޓަރުގެ ފަތާ ސަރަހައްދެއް ފުންކުރާނެ ކަމުގައެވެ. މިމަޝްރޫޢުގެ އަގު މިހާބޮޑުވަނީ ކީއްވެގެންކަމެއް އަދި ނޭގެއެވެ. ނަމަވެސް މިއީ އާދަޔާ ހިލާފަށް ބޮޑު އަގެއްކަން މިފަދަ އެހެން ޕްރޮޖެކްޓް ތަކުގެ އަގަށާއި މަސައްކަތުގެ ސްކޯޕަށް ބެލުމުން އެނގެއެވެ. މިއަށްވުރެ ކުޑަ އަގަކަށް ރާއްޖޭގެ ބައެއް ރަށްރަށުގެ ބަނދަރު ހެދުންފަދަ ބޮޑެތި ޕްރޮޖެކްޓް ނިންމާފައިވެއެވެ. އިހަވަންދޫގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢު އެންމެ ފަހުން ހިންގާފައިވަނީ 51.7 މިލިއަން ރުފިޔާގެ އަގަކަށެވެ. އެމަޝްރޫޢުގެ ދަށުން 30,509  ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 95 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި 284 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 178  މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި މަގުބައްތި އާއި ނެރު ބައްތި ހަރުކުރުމާއި 4,582 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހަދާފައިވެއެވެ. އިހަވަންދޫ އާޓިފިޝަލް ބީޗްގެ މަޝްރޫޢުއާއާއި އެކު 14 ރަށެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކެއް އިއްޔަވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. އެ މަޝްރޫއުތަކުގެ ޖުމުލަ އަގު 1.7 ބިލިއަން ރުފިޔާއަށް އަރަ އެވެ. އެކި ރަށްރަށުގެ މަސައްކަތްތައް ނިންމަން ދީފައިވަނީ އެކި މުއްދަތެވެ. އެމްޓީސީސީން ބުނީ، އެ ކުންފުންޏާ ހަވާލު ކޮށްފައިވާ މަޝްރޫއުތައް ކަނޑައަޅާފައިވާ ތާރީހަށް ނިންމުމަކީ އެންމެ އިސްކަންދޭ ކަންތައް ކަމަށެވެ.
މުޙައްމަދު އަކުރަމް