ކޮންސްޓްރަކްޝަން މިނިސްޓްރީއިންވެސް ބުނަނީ ބިންހިއްކުމުގެ މަސައްކަތް ނިމިއްޖެކަމަށް!
އިހަވަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިފައިވާކަމަށް، މިނިސްޓްރީ އޮފް ކޮންސްޓަރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނެފިއެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީއިން މިހެންބުނީ މިނޫހުންކުރި ސުވާލެއްގެ ޖަވާބުގައެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނިގޮތުގައި މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް، އިހަވަންދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ %100 މަސައްކަތްވަނީ ނިމިފައެވެ. 365 ދުވަހުން ނިންމާގޮތަށް، 123,960,847.77 ރުފިޔާގެ އަގަކަށް އިހަވަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުރީ، 10 ނޮވެމްބަރ 2020 ގައެވެ. އިހަވަންދޫގެ ބިންހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 04 އޯގަސްޓް 2021 ގައެވެ. އަދި އެމްޓީސީސީގެ ޓްރެއިލިންގް ސަކްޝަން ހޮޕަރ ޑްރެޖަރ މަހާޖައްރާފު ބޭނުންކޮށްގެން ވެލިއަޅަން ފަށާފައިވަނީ 2021 ވަނަ އަހަރުގެ އޯގަސްޓްމަހުގެ 12 ވަނަދުވަހުއެވެ. މިމަޝްރޫޢޫގެ ދަށުން ޖުމްލަ 25 ހެކްޓަރުގެ ބިން ހިއްކުމުގެ އިތުރުން، ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 850 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެ އެވެ.
ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ނިންމާފައިވާކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީއިން ބުނިނަމަވެސް، ހިއްކާފައިވާ ސަރަހައްދުގެ ފަސްގަނޑު ބައެއް ސަރަހައްދުތަކުގައި ލެވެލް ނޫންކަން ފާހަގަކުރެވެއެވެ. 14 ނޮވެމްބަރ 2023 ގައި ބޭއްވި ރައްޔިތު ބައްދަލުވުމުގައި ކައުންސިލުންވެސް މިކަން ފާހަގަކޮށް 25 ހެކްޓަރުގެ ގޮތުގައި ހިއްކާފައިވާ ބިމުން 3 ވަރަކަށް ހެކްޓަރު ގިރާލާފައިވާކަމަށް ފާހަގަކުރިއެވެ. ރިވެޓްމެންޓް ޖެހުމާއި ރިވެޓްމެންޓް ޖެހުމަށް ވެލި ނެގުމުގެ ސަބަބުން ހެދިފައިވާ ވަޅުގަނޑުތައް ފޮރުވުން ފިޔަވާ އިތުރުކަމެއް އޭގެ ފަހުން އެމްޓީސީއިން ނުކުރެއެވެ.
ރިވެޓްމެންޓް ޖެހުމަށް ވެލި ނެގުމުގެ ސަބަބުން ހެދިފައިވާ ވަޅުގަނޑުތަކުގައި މަދިރި ފަނި އަޅައި އެވަޅުގަނޑުތަކުގެ މައްސަލަ ބޮޑުވެފައިވަނިކޮށް، އެވަޅުގަނޑުތައް ފޮރުވައިލީ އިހަވަންދޫގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ކޯލްޑް ސްޓޯރޭޖް ފެސިލިޓީގެ ބަނދަރު ހެދުމަށް ކަމަށްބުނެ ، ކަޓަރ ސެކްޝަން ޑްރެޖަރ ބޭނުންކޮށްގެން ފަޅު ފުންކުރަން ނެގި ވެލި އަޅައިގެންނެވެ.
ފަޅުން ބޮޑު ސަރަހައްދެއް ފުންކޮށް އަދިވެސް ކީވޯލް ޖަހާފައިނުވާތީ، ދިމާވަމުންދާ ތިމާވެށީގެ މައްސަލަތައް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް އިހަވަންދޫ ކައުންސިލުންވެސް މަސައްކަތް ކުރަމުންދާކަމަށް މައުލޫމާތު ލިބެއެވެ.
ގުޅުން ހުރެދާނެ ލިޔުން
އެމްޓީސީސީގެ ހުރިހާ ވެހިކަލެއް އިހަވަންދޫއިން ބާލައިފި!
16 - މާރިޗު - 2025
ހިއްކި ބިމުން 3 ހެކްޓަރު ގިރާލައިފި – ރިލްވާން
15 - ނޮވެމްބަރު - 2023
އިހަވަންދޫގެ ބިން ހިއްކުމުގެ ޝެޑިއުލް އަދި ނުލިބޭ – މިނިސްޓަރ އަސްލަމް
18 - މޭ - 2022
އިހަވަންދޫގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި
4 - އޮގަސްޓު - 2021
އިހަވަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
10 - ނޮވެމްބަރު - 2020
އިހަވަންދޫ އާޓިފިސިއަލްބީޗް ތަރައްޤީކުރަން އެމްޓީސީސީއާ ހަވާލުކުރީ އާދަޔާހިލާފު ބޮޑު އަގަކަށް!
7 - ޖެނުއަރީ - 2026
އިހަވަންދޫގައި އާޓިފިސިއަލް ބީޗެއް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
6 - ޖެނުއަރީ - 2026
އިހަވަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެ – އެމްޓީސީސީ
13 - އޮކްޓޯބަރު - 2025
ފިޝް ކަލެކްޝަން ފެސިލިޓީއަށް ބޭނުންވާ ބަނދަރުގެ މަސައްކަތް ފަށައިފި
26 - މޭ - 2025
1560 ދުވަހުންވެސް، އެމްޓީސީސީއަށް އިހަވަންދޫގެ ބިން ހިއްކައި ނުނިންމުނު!
19 - ފެބްރުއަރީ - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް