ޚަބަރު

ތިލައުތުރު ވޮލީ މުބާރާތުގެ ތަށި މިފަހަރުވެސް ގެންދިޔައީ މުރައިދޫއަށް!

އިހަވަންދޫ ބަލިކޮށް ތިލައުތުރު ވޮލީ މުބާރާތް 2025 ގެ ޗެމްޕިއަންކަން މުރައިދޫ ހޯދައިފިއެވެ. ހޯރަފުށީ ވޯލީ ކޯޓްގައި މިރޭ ކުޅުނު ފައިނަލް މެޗުން މުރައިދޫ މޮޅުވީ ތިން ސެޓް އެއް ސެޓުންނެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ މުރައިދޫ ޓީމްގެ ޖާޒީ ނަންބަރު 18 ސުވައިބަތު ހުސައިނެވެ. މިއީ މިމުބާރާތް ބޭއްވި 2 ވަނަ ފަހަރެވެ.  މިދިޔަ އަހަރު މުރައިދޫގައި ބޭއްވި  ތިލައުތުރު ވޮލީ މުބާރާތް 2024 ގެ ޗެމްޕިއަންކަން ހޯދީވެސް މުރައިދޫއެވެ.  އެހެންކަމުން މިމުބާރާތް އަދި ވެފައިމިވަނީ  މުރައިދޫގެ މުބާރާތަކަށެވެ. އެފަހަރުގެ މުބާރާތް މުރައިދޫ ކާމިޔާބުކުރީވެސް މިއަހަރެކޭ އެއްގޮތަށް ފައިނަލްގައި  އިހަވަންދޫ ބަލިކޮށްގެންނެވެ. މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 70،000ރ ގެ ފައިސާގެ އިނާމެއް ދީފައިވެއެވެ. މިދިޔަ އަހަރާއި ހިލާފަށް މިއަހަރުގެ މުބާރާތުގައި މުރައިދޫ ކުޅުނު ހުރިހާމެޗަކުން ވަނީ މޮޅުފައެވެ. މުޅި މުބާރާތުގައިވެސް މުރައިދޫ އަތުން ގެއްލުނީ އެންމެ ސެޓެކެވެ. އެއީ ފައިނަލް މެޗްގައި އިހަވަންދޫއިން ގެންދިޔަ ސެޓެވެ. ހއ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން، ހއ އަތޮޅު ކައުންސިލާއި ހއ ހޯރަފުށީ ކައުންސިލް ގުޅިގެން، ހއ. ހޯރަފުށީގައި ކުރިޔަށްގެންދިޔަ މިމުބާރާތުގައި ޖުމްލަ 5 ރަށަކުން ވާދަކުރިއެވެ. އެއީ ހޯރަފުށި، މުރައިދޫ، އިހަވަންދޫ، ދިއްދޫ އަދި މޮޅަދޫއެވެ.
މުބާރާތުގެ މުހިއްމު ވަނަތައް: ފެއަރޕްލޭ ޓީމް: ހޯރަފުށި މުބާރާތުގެ އެންމެ ޒުވާން ކުޅުންތެރިޔާ: މުރައިދޫ ޓީމްގެ ޖާޒީ ނަންބަރު 17 ސުހާ އަބުދުލް ގައްޔޫމް އެންމެ މޮޅު ލިބަރޯ: މުރައިދޫ ޓީމްގެ ޖާޒީ ނަންބަރު 23 އައިޝަތު ޝަމްނާ އެންމެ މޮޅު ކޯޗް: މުރައިދޫ ޓީމްގެ ކޯޗް، ހުސައިން ވިސާލް އެންމެ މޮޅު 6 ކުޅުންތެރިން: – މުރައިދޫ ޓީމްގެ ސުވައިބަތު ހުސައިން – އިހަވަންދޫ ޓީމްގެ އައިޝަތު ޝަބާނާ – މުރައިދޫ ޓީމްގެ ސަމީނަތު ހުސައިން – ހޯރަފުށީ ޓީމްގެ މަރިޔަމް ޝަހާ – މުރައިދޫ ޓީމްގެ ފާތިމަތު ނުހާ – އިހަވަންދޫ ޓީމްގެ ރުގިއްޔަތު ޝަރޫނާ ކުއީން އޮފް ދަ ޓޯނަމެންޓް: މުރައިދޫ ޓީމްގެ ޖާޒީނަންބަރު 18، ސުވައިބަތު ހުސައިން
މުޙައްމަދު އަކުރަމް