އާމިނާ ދިޔޯ ސިއްހީމަރުކަޒުން ކޮންމެ މަހަކު ދެ ދުވަހު ދެމުން ގެންދިޔަ އަންހެނުންގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރުގެ ހިދުމަތް ފުޅާކޮށް، މަހަކު 6 ދުވަހު ހިދުމަތް ލިބޭ ގޮތަށް ހަމަޖައްސައިފިއެވެ.
އެމަރުކަޒުން އިޢުލާނުކޮށްފައިވާ ގޮތުގައި މި ޖުލައި މަހުން ފެށިގެން އަން އަންހެނުންގެ ހާއްސަ ޑޮކްޓަރުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ މަހަކު 2 ރައުންޑަކަށް ބަހާލައިގެންނެވެ. އެއިން ކޮންމެ ރައުންޑެއްގައި 3 ދުވަހު ޑޮކްޓަރުގެ ހިދުމަތް ލިބިގެން ދާނެއެވެ. އެއީ ހަފްތާގެ އަންގާރަ، ބުދަ އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 އިން 16:00 އަށެވެ.
މިބަދަލާއެކު ޖުލައި މަހުން ފެށިގެން އަންހެނުންގެ ޙާއްސަ ޑޮކްޓަރަށް ދެއްކޭނީ އެޕޮއިންޓްމެންޓް ހަމަޖެހޭ މީހުންގެ ތެރެއިން ދުވާލަކު 20 ބަލިމީހުންނަށް ކަމަށް އެމަރުކަޒުން ބުނެފައިވެއެވެ. މިގޮތުން އަންހެނުންގެ ޚާއްސަ ޑޮކްޓަރަށްދެއްކުމާއި އެޕޮއިންޓްމެންޓް ހެއްދުމުގެ އުޞޫލެއް އެމަރުކަޒުން ވަނީ އާއްމު ކޮށްފައެވެ.
އެޕޮއިންޓްމެންޓް ހެއްދުމުގެ އުޞޫލުގައިވާ މުހިއްމު ނުގުތާތައް:
- ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމެންޓް ހައްދަން ފަށާނީ، ޑޮކްޓަރ ދުރުވުމަށް ހަމަޖެހިފައިވާ ހަފްތާގެ ހޯމަ، އަންގާރަ އަދި ބުދަ ދުވަހުގެ 09:00 އިން 14:00 އަށް.
- މިގަޑިތަކުގައި އެމަރުކަޒުގެ ނަންބަރު 6500501 އަށް ނުވަތަ 9930501 ފޯނަށް ގުޅައިގެން އަދި އެމަރުކަޒުގެ ކައުންޓަރުން ވެސް އެޕޮއިންޓްމެންޓް ހެއްދޭނެ
- އެޕޮއިންޓްމެންޓް ތަކަށް މެމޯ ހައްދަން ފަށާނީ ޑޮކްޓަރ ބަލިމީހުން ބައްލަވާ ދުވަހުގެ ހެނދުނު 8:30 އިން 11:00 އަށް.
- ހެނދުނު 11:00 އާ ހަމައަށް އެދުވަހު އެޕޮއިންޓްމެންޓް ހައްދަފައިވާ ފަރާތްތަކުގެ ތެރެއިން މެމޯ ނަހައްދައި މީހުން ތިބިނަމަ، އެ އެޕޮއިންޓްމެންޓް ކެންސަލް ވާނެ. އަދި ޑޮކްޓަރަށް ދައްކަން ބޭނުންވާ ފަރާތްތަކަށް ކެންސަލް ނަންބަރު ދޫކުރާނީ 11:00 ގައި އެ މަރުކަޒުގެ ކައުންޓަރުން.



