ޚަބަރު

ކައުންސިލުން އިހަވަންދޫ ސްކޫލަށްދޭ ގްރާންޓްގެ %20 އިނާމު ދިނުމުގެ ޖަލްސާއަށް...

އިހަވަންދޫ ކައުންސިލުން އިހަވަންދޫ ސްކޫލަށް ދިނުމަށް ނިންމާފައިވާ 100000ރ (އެއްލައްކަ) ރުފިޔާގެ ގްރާންޓްގެ %20، އިހަވަންދޫ ސްކޫލްގެ 2026 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި ވަނަ ހޯދި ދަރިވަރުންގެ އިނާމަށް ހާއްސަ ކުރުމަށް އިހަވަންދޫ ކައުންސިލުން ނިންމައިފިއެވެ. 

އިހަވަންދޫ ކައުންސިލުން މިގޮތަށް ނިންމީ މިދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހު ބޭއްވި، އިހަވަންދޫ ކައުންސިލްގެ 5 ވަނަ ދައުރުގެ 11 ވަނަ ރަސްމީ އާންމު ބައްދަލުވުމުގައެވެ. އެޖަލްސާގައި، އިހަވަންދޫ ސްކޫލަށް ދިނުމަށް ނިންމާފައިވާ 100000ރ (އެއްލައްކަ) ރުފިޔާގެ ގްރާންޓްގެ %20، އިހަވަންދޫ ސްކޫލްގެ 2026 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި ވަނަ ހޯދި ދަރިވަރުންގެ އިނާމަށް ހާއްސަ ކުރުމަށް ހުށަހެޅުއްވީ، އިހަވަންދޫ ކައުންސިލްގެ ނައިބު ރައީސް މޫސާ އަލީއެވެ. މޫސާ އަލީގެ އެހުށަހެޅުމަށް ކައުންސިލް މެމްބަރު ނާޞިރާ ޢަބްދުލްވާޙިދު ތާއީދު ކުރެއްވިއިރު، އެގޮތަށް ފާސްކޮށްފައިވަނީ އެބައްދަލުވުމުގައި ބައިވެރިވި 4 ކައުންސިލަރުންގެ އިއްތިފާގުންނެވެ. 

އެހެންކަމުން އިހަވަންދޫ ކައުންސިލުން އިހަވަންދޫ ސްކޫލަށް ދިނުމަށް ނިންމާފައިވާ 100000ރ (އެއްލައްކަ) ރުފިޔާގެ ގްރާންޓްގެ ތެރެއިން 20،000ރ އިހަވަންދޫ ސްކޫލްގެ 2026 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި ވަނަ ހޯދި ދަރިވަރުންގެ އިނާމަށް ހާއްސަކުރިއިރު ބާކީ 80،000ރ ހޭދަކުރާނީ އިހަވަންދޫ ސްކޫލުން އެދޭ އެހެންކަންކަމަށެވެ. 

އިހަވަންދޫ ކައުންސިލްގެ 5 ވަނަ ދައުރުގެ 11 ވަނަ އާންމު ބައްދަލުވުމުގައިވަނީ، އިހަވަންދޫ އާމިނާދިޔޯ ޞިއްޙީމަރުކަޒުން 19 ޖުލައިގައި އެހީތެރިކަމަށް އެދި ހުށަހަޅާފައިވާ ސިޓީއާއި ގުޅިގެން، ކައުންސިލުން އާމިނާދިޔޯ ޞިއްޙީމަރުކަޒަށް ދިނުމަށް ނިންމާފައިވާ 100000ރ (އެއްލައްކަ) ރުފިޔާގެ ގްރާންޓުން އެހީތެރިކަން ދިނުމަށް ނިންމާފައެވެ. 

އިހަވަންދޫ ކައުންސިލުންވަނީ އިހަވަންދޫގެ ތައުލީމީ އަދި ޞިއްޙީނިޒާމް ކުރިއެރުވުމަށް ކޮންމެ އަހަރަކުވެސް އިހަވަންދޫ ސްކޫލަށް އަދި އާމިނާދިޔޯ ޞިއްޙީމަރުކަޒަށް 100000ރ (އެއްލައްކަ) ރުފިޔާގެ ގްރާންޓެއް ދިނުމަށް ނިންމާފައެވެ.
ޒިޔާޢު އަހްމަދު