ދީން

ފިހާރައެއްގައި މަސައްކަތް ކުރި ކަމުގައިވިޔަސް ސިނގިރޭޓު ވިއްކުން ހުއްދައެއް ނޫނެވެ

އަޅުގަނޑަކީ ފިހާރައިގެ ވެރިމީހާ ކަމުގައި ނުވެފައި، ފިހާރައިގެ ސޭޓެއްގެ ގޮތުގައި މަސައްކަތް ކުރާ މީހަކަށް ވެހުރެ، ސިނގިރޭޓު ފޮށްޓެއް ވިއްކައިފިނަމަ އަޅުގަނޑު ފާފަވެރިވާނެތޯއެވެ؟
ހަމްދު ހުރީ ﷲ އަަށެވެ.ޖަވާބު: ސިނގެރޭޓަކީ ޙަރާމް އެއްޗެކެވެ. ހަމަ އެފަދައިން އޭތި ބުއިމާއި، ވިއްކުމާއި، އެއާ ބެހޭ އެނޫންވެސް މުއާމަލާތެއް ކުރުމަކީ ޙަރާމް ކަމެކެވެ. ދުންފަތުގެ އިސްތިއުމާލު ކުރުން ހަރާމް ވަނީ އޭގެ ސަބަބުން ލިބޭ ބޮޑު ގެއްލުމުގެ ސަބަބުންނާއި، އޭގެ އިތުރުންވެސް އިސްރާފު ކުރުމުގައި ހައްދުފަހަނައަޅައިދިއުން ފަދަ ސަބަބުތަކާ ހުރެއެވެ. އޭތި ވިއްކުން ހުއްދަނުވާ ސަބަބަކީ، ﷲ އެއްޗެއް ޙަރާމް ކުރައްވާއިރު އޭގެ އަގުވެސް ޙަރާމް ކުރައްވާތީއެވެ. އެހެންކަމުން ސިނގެރޭޓު ބުއިން ޙަރާމް ކަމަށްވަނީނަމަ އޭތި ވިއްކުން ވެސް ޙަރާމް ވާނެއެވެ. އެހެނީ އޭތި ވިއްކުމުން އެ ބޯ މީހާއަށް އެފާފަ ކުރުމަށް އެހީތެރިވެދެވެނީއެވެ. މާތް ﷲގެ ރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ. ” لَعَنَ اللهُ الْيَهُوَدَ حُرِّمَتْ عَلَيْهِمُ الشُّحُومَ ، فَبَاعُوهَا ، وَأَكَلُوا أَثْمَانَهَا وَإِنَّ اللهَ عَزَّ وَجَلَّ إِذَا حَرَّمَ أَكْلَ شَيْءٍ حَرَّمَ ثَمَنَهُ ) رواه أحمد وأبو داود (3026 ) وصححه الألباني في صحيح الجامع برقم (5107) .” “މާތް ﷲ ޔަހޫދީންނަށް ލަޢުނަތް ލައްވާށިއެވެ. އެބައިމީހުންގެ މައްޗަށް ސަރުބީ ޙަރާމް ކުރެވިގެން ވީހިނދު، އެބައިމީހުން އޭތި (ވިރުވާފައި) ވިއްކާ އޭގެ އަގު ބޭނުންކުރިއެވެ. ނަމަވެސް ހަމަކަށަވަރުން މާތް ﷲ އެއްޗެއް ޙަރާމް ކުރައްވައިފިނަމަ އޭގެ އަގުވެސް (ގަނެވިއްކުންވެސް) ޙަރާމް ކުރައްވައެވެ.” ސިނގެރޭޓު ވިއްކުމަށް އެހީތެރިވުން ޙަރާމް ވެގެންވަނީ، ﷲ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވާ މިއާޔަތުގެ ސަބަބުންނެވެ. ( وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَى وَلا تَعَاوَنُوا عَلَى الإِثْمِ وَالْعُدْوَانِ ) المائدة/2 މާނައީ: “އަދި ހެޔޮކަންތައް ކުޅައުމާއި، تقوى ވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިވާށެވެ! އަދި ފާފަވެރިވުމާއި عداوة ތެރިވުމުގެ މައްޗަށް، ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރި ނުވާށެވެ!” [އަލް-މާއިދާ 5:2] އަދި ހަމަ އެހެންމެ، ނުބައި ކަންތައްތައް މަނާކުރުމަކީ ވާޖިބެއް ކަމަށް ވީހިނދު، އަދި މުންކަރާތްތައް ނަހީ ނުކޮށް އެކަމާ ދެކޮޅަށް އެއްޗެއް ނުބުނެ އެކަމަށް ތަރުޙީބުދޭ މީހަކަށް ފާޑުކިޔޭހިނދު، މުންކަރާތަކަށް އަރައިގަތުމަށް އެހީތެރިވާ މީހަކަށް ވާނީ ކިހިނެއްތޯއެވެ! ތިބާއަކީ ފިހާރައިގެ ވެރިމީހާ ކަމަށްވިޔަސް، ނުވަތަ މަސައްކަތް ކުރާ މީހެއް ކަމަށް ވިޔަސް، ތިބާ ސިނގެރޭޓު ވިއްކުމަކީ ޙަރާމް ކަމެކެވެ. ތިބާގެ މައްޗަށް އޮތީ ފިހާރައިގެ ވެރިމީހާއަށް ނަސޭހަތްތެރިވެ، ތިބާ ފާފައިން ސަލާމަތްވުމަށްޓަކައި ސިނގެރޭޓު ނުވިއްކާނެކަމުކައި އޭނާގާތުގައި ބުނުމެވެ. ﷲ އަޅުގަނޑުމެންނަށާއި ތިބާއަށް ތެދުމަގު ދައްކަވާނދޭވެ. އަދި އެންމެ މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲ އެވެ.   ފަތުވާގެ އަޞްލު ބައްލަވާ!
ތިބާއަކީ ފިހާރައިގެ ވެރިމީހާ ކަމަށްވިޔަސް، ނުވަތަ މަސައްކަތް ކުރާ މީހެއް ކަމަށް ވިޔަސް، ތިބާ ސިނގެރޭޓު ވިއްކުމަކީ ޙަރާމް ކަމެކެވެ. ތިބާގެ މައްޗަށް އޮތީ ފިހާރައިގެ ވެރިމީހާއަށް ނަސޭހަތްތެރިވެ، ތިބާ ފާފައިން ސަލާމަތްވުމަށްޓަކައި ސިނގެރޭޓު ނުވިއްކާނެކަމުކައި އޭނާގާތުގައި ބުނުމެވެ.
އައްޝައިޚު މުޙައްމަދު ޝާފިޢު