މައުލޫމާތު

ޑރ. މުނާ ޕީ.އެޗް.ޑީ އަށް ކުރި ދަތުރު.... (ފުރަތަމަ ބައި)

މިއީ ވަރަށް ޅައުމުރުގައި ޕީ.އެޗް.ޑީ ހާސިލް ކޮށްފައިވާ، ޒުވާން ޑރ. މުނާއަށް، މުނާގެ ޕީ.އެޗް.ޑީ ދަތުރާއި ގުޅޭގޮތުން ކޮށްފައިވާ އިންޓަވިއުއެކެވެ. އިންޓަރވިއުއަށް ދިއުމުގެ ކުރިން ޑރ. މުނާއާއި އިންޓަވިއުއެއް ކުރުމުގެ ހިޔާލު އަޅުގަނޑަށް އައި ގޮތާއި ޑރ. މުނާއާއި އަޅުގަނޑު ބައްދަލުވި ގޮތާއި ޑރ. މުނާއާއި ގުޅޭ އަޅުގަނޑުގެ އެހެނިހެން ތަޖުރިބާތަށް ހިއްސާކޮށްލުން އެއީ ހަމަ މުހިންމު ކަމެއްކަމުގައި ދެކެމެވެ. ޑރ. މުނާއަކީ މިވަގުތު މޯލްޑިވްސް މީޑިއާ ކައުންސިލްގެ ޑައިރެކުޓަރ ޖެނެރަލްއެވެ. ޑރ. މުނާއާއި އަޅުގަނޑު ފުރަތަމަ ބައްދަލުވީ 2023 މާޗް 13 އިން 2023 މާޗް 21 އަށް މޯލްޑިވްސް މީޑިއާ ކައުންސިލާއި(އެމްއެމްސީ) އިންޑިއަން ހައިކޮމިޝަން ގުޅިގެން ކުރިއަށް ގެންދިޔަ ޓްރެއިނިން ޕްރޮގުރާމެއްގައި ބައިވެރިވުމަށް، ދިއްލީއަށް ފުރުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯރޓަށް ދިޔަ ހިސާބުންނެވެ. އެއާޕޯރޓަށް އަޅުގަނޑު ދިޔައީ މި ޕްރޮގުރާމް ގައި ބައިވެރިވާ ބައިވެރިގެން ހެޑް އޮފް ޑެލިގޭޓް، މޯލްޑިވުސް މީޑިއާ ކައުންސިލްގެ މެމްބަރު އަދި ސަން މީޑިއާގެ ހެޑު އޮފް ނިއުސްރޫމް، އަހުމަދު އާޒިފު އާއި އެކު، އެއް ކާރެއްގައެވެ. އެއާޕޯރޓަށް އަޅުގަނޑު ދިޔައިރު ދަތުރުގެ އެހެން ބައިވެރިންނާއި އެކު އެމްއެމްސީގެ ރައީސް އަހުމަދު މުސްތަފާ އާއި ސެކެޓްރީ ޖެނެރަލް އިބުރާހިމް ސަމީރުވެސް ހުއްޓެވެ. އެކަކު ފިޔަވައި އެންމެން ހަމަވުމުން އެމްއެމްސީގެ ރައީސާއި އެސް.ޖީ ދެއްވި އިރުޝާދާއި ލަފާގެ ތެރެއިން ދަތުރުގެ ބައިވެރިންގެ، ވެރިންގެ ގޮތުގައި ތިބި ހެޑު އޮފް ޑެލިގޭޝަން އާއި ޑިޕިއުޓީ ހެޑު އޮފް ޑެލިގޭޝަން ފާހަގަކޮށް ދެއްވިއެވެ. އެތަނުން ޑެޕިއުޓީ ހެޑު އޮފް ޑެލިގޭޝަން އަކީ ކޮބައިކަމާއި އެއީ މުނާ ކަން، އެނގުނެވެ. އަދި، މި އެނގުނީ ޑެޕިއުޓީ ހެޑު އޮފް ޑެލިގޭޝަން އަކީ އަންހެނެއްކަމާއި، ނަމަކީ މުނާ، ކަމެވެ. އެހެން މާބޮޑު އެއްޗެއް ނުއެނގުނެވެ. ފުރާގަޑި ޖެހިގެން ފުރާގިމަތައަށް އެންމެން ވަދެ ކިޔޫއަށް އެރި ހިސާބުން މުނާގެ އިސްނެންގެވުން ފެންނަން ފަށައިފިއެވެ. އެތަނުން ނިމި ފުރާމީހުންނަށް ބީއެމްއެލް އިން ވިއްކާ ޑޮލަރު ގަތުމުގެ ކަންކަމުގައިވެސް އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް ދިމާވި ދަތިތަށް ހައްލުކުރެވޭތޯ އެންމެ ފަހު ވަގުތާއި ހަމަޔަށްވެސް، އަމިއްލަފުޅަށް ކުރެއްވި މަސައްކަތްޕުޅު ތަކަކީ ދެވަނަ ކަމަކަށް އެންމެ އަޅައިގަތް ކަންތަކެވެ. މިދަތުރުގައި އަޅުގަނޑުމެންނަށް ދިމާވި އެންމެ ބޮޑު ދައްޗާއި ތުރާތަށް ދިމާވީ ދިޔަމަގުމަތީ މުމްބާއި އެއާރޕޯރޓުގައި ޖައްސައި އެއް ބޯޓުން އަނެއް ބޯޓަށް ބަދަލުވުމުގެ މަރުހަލާ ތެރޭގައި މުމްބާއި އެއާރޕޯޓްގެ ތެރެއިންނެވެ. އެ،ދަތި އުނދަގޫ މަޅިފަތީގައި އަޅުގަނޑުމެން ޖެހުނަ ނުދީ ސަލާމަތް ކުރެވޭތޯ މުނާ ކުރެއްވި މިންނެތް މަސައްކަތްޕުޅުތަކާއި އެކުވެސް މުމްބާއީގެ އެބޮޑު އެއާރޕޯޓުގެ އަތުބުރު ނޭނގޭ އަވަސް ހިދުމަތުގެ ސަބަބުން އެމަޅިފަތީގައި ނުޖެހިއެއް ނުވިއެވެ. އާދެ! އަޅުގަނޑުމެން އެންމެންވެސް ދެވަނައަށް ދަތުރުކުރާން އޮތް ބޯޓަށް އެރޭނޭ ގޮތެއްނުވެ އެއާރޕޯޓްގައި ތާށިވީއެވެ. އެންމެންމެ ޖެހުނު މި ސުންޕާ މަޅިފަތިން ސަލާމަތްކޮށް ދެން އޮތް މަގު ހޯދުމަށް މުނާ ކުރެއްވި މަސައްކަތްޕުޅު ތަކަކީ ހަމަ އާދަޔާ ހިލާފު ތައުރީފް ހައްގު މަސައްކަތްޕުޅު ތަކެކެވެ. މުނާގެ މިންނެތް މަސައްކަތާއި އިންޑިއަން ހައިކޮމިޝަންގެ އެހިއާއި އެކު އެރޭން އެރެއަށް ހުރިހާ ކަމެއް ހައްލުކޮށް، ދިއްލީއަށް ދެވިއްޖެއެވެ. ޖެހިގެން އައި ދުވަހު ހެނދުނު ޓުރެއިނިން ފެށުމުގެ ރަސްމިއްޔާތަށް އެންމެންވެސް އައިސް ކޮންމެ މީހަކަށްވެސް އެމީހެއްގެ ކުޑަ ތައާރަފެއް ދޭން ޖެހުނެވެ. މި ތައާރަފު ދިނުމަށް ފަހަރަކު މީހަކަށް އިޝާރާތް ކުރަމުން ގޮސް ރިޔާސަތުން "ޑރ. މުނާ" އޭ ބުނި ހިސާބުން އަޅުގަނޑަށް ލިބުނީ ސިހުމެކެވެ. އަޅުގަނޑު އެކަންޏެއް ނޫން އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަބަޔަކަށް އެކަންވީ ހައިރާންކަން ގެނުވި ކަމަކަށެވެ. ނޭނގި އޮތް އަދި ހިޔާލައްވެސް ގެނެވިފައި ނެތް ކަމެއް ކުއްލިޔަކަށް އެނގުމާއި އެހާ ޒުވާން ކުއްޖަކަށް ޑރ.މުނާ، ވުމާއި އެކުއެވެ. އަޅުގަނޑުމެންގެ ތެރޭގައި މުނާ އަކީ ޕީ.އެޗް.ޑީ ހޯލްޑަރއެއްކަން އެނގޭ، މީހެއް ދެމީހުންވެސް  ތިބިހެނެއް ހިޔެއްނުވެއެވެ. އެކަން އަޅުގަނޑުމެންގެ ތެރޭގައި ފަހުން ދެކެވުނު ވާހަކަތަކުން ސާފުވެ ޔަގީންވިއެވެ. އެދުވަހު ހަވީރު އަޅުގަނޑުގެ ހިތަށްއެރި އެއްކަމަކީ މިހާ ޅައުމުރެއްގައި އަންހެން ކުއްޖަކު އެހާ އުސް ހަރުފަތަކަށް އަރާއިރު ލައްކަ ގިނަކަންތަކާއި ހުންނާނީ ދިމާވެފައެވެ. އެހެންކަމުން ޑރ. މުނާގެ އިންޓަރވިއުއެއް ނެގޭތޯ ބަލާނަމެވެ. ހަތަރު ދުވަސް ފަހުން އަޅުގަނޑުގެ މި އުއްމީދު ޑރ. މުނާއަށް ހިއްސާކޮށްލުމުން ދެއްވީ ވަރަށްވެސް ފަހި،ފެހި ޖަވާބެކެވެ. އެހާމެ ބޮޑު ޔަގީންކަމެކެވެ. ދެން މި،ހިއްސާކޮށްލަނީ އެ އިންޓަވިއުއެވެ. މިއީ އެ، އިންޓަވިއުގެ ފުރަތަމަ ބައެވެ. [caption id="attachment_6206" align="aligncenter" width="1010"] ޑރ. މުނާ ކޮލެޖު ކުދިންނާއި އެކު[/caption] ފުރަތަމަ ފެށުމުގެ ގޮތުންވެސް ދަނަނަވާލަން އޮތީ އަޅުގަނޑު ހަމަ ވަރަށް އާދައިގެ ގޮތަކަށް ދަންނަވާލި ދަންނަވާލުމަކަށް މިހާ ފުރިހަމަ ގޮތެއްގައި އިޖާބަ ދެއްވާ މި، އިންޓަވިއުއާއިގެން ކުރިއަށް ދާން ނިންމެވީތީ ވަރަށް ބޮޑަށް އުފާކުރަމޭ! އަދި އަޅުގަނޑު، އަމިއްލަގޮތުންނާއި އިހަވަންދޫ.ކޮމް ގެ މެނޭޖްމެންޓްގެ ފަރާތުން ވަރަށް ބޮޑަށް ޝުކުރު އަދާކުރަމޭ ޑރ. މުނާއަށް! މިފުރުސަތުގަ ލަތީފުގެ ހުރި ޝައުގުވެރިކާމާއި އަދި މިފަދަ ކަމަކަށް އިސްނެންގެވި ކަމަށްޓަކައި ނުހަނު އުފާކޮށް ޝުކުރު ދަންނަވަން ތިފަރާތަށްވެސް. އަޅުގަނޑަށް އަދި އެނގެނީ ޑރ. މުނާ އަކީ ހަމަ ޑރ. މުނާކަން! އެހެންވީމާ ކުޑަ ތައާރަފެއް ދެއްވަފާނަންތޯ؟ އާދެ! އަޅުގަނޑަކީ ގއ. ވިލިނގިލީ މޫމިނާ މުހައްމަދާއި ހަމަ އެރަށު ރަޝީދު އަހުމަދުގެ އެންމެ ދޮށީ ދަރިފުޅު ފާތިމަތު މުނާ. އުފަން ރަށަކީ ގއ. ވިލިނގިލި. ގެއަކީ ވާދީއާގެ. އަޅުގަނޑުގެ ހަގަށް އާއިލާގައި ފަސް ކުދިން ތިބޭ އެއީ ދެ، ފިރިހެން ކުދިންނާއި ތިން، އަންހެން ކުދިން ތައުލީމީ ހަޔާތުގެ ފެށުމަކީ ކޮބައިތޯ؟ ތައުލީމީ ހަޔާތުގެ ފެށުމަކީ ގއ ވިލިގިނލީ ސުކޫލް! އެސުކޫލުގެ ގުރޭޑް 01 ން ފެށީ. [caption id="attachment_6213" align="alignleft" width="584"] ޑރ. މުނާ އޭނާގެ އާއިލާއާއި އެކު[/caption]   ޖީ.ސީ އޯލެވެލް ހެދީ ކޮން ސުކޫލަކުންތޯ؟ ހަމަ ގއ ވިލިގިނލީ ސުކޫލުން 2003ވަނަ އަހަރު. ރަނަގަޅު ނަތީޖާއެއް ލިބުނުތޯ ޖީ.ސީ އަދި އެސް.އެސް.ސީ އިމްތިހާނުން؟ ނޫން! އެއީ ރާއްޖެއަށް ޖީ.ސީ އަދި އެސް.އެސް.ސީ ތައާރަފުވި އަހަރުކަމުން އަޅުގަނޑު އުއްމީދު ކުރި ގޮތަކަށް ނޫން ނަތީޖާ ލިބުނީ! ޖީސީ އަށް ފަހު ދެން ގުޅިވަޑައިގަތީ މަސައްކަތާއިތޯ؟ ނޫނީ ހަމަ ކިޔަވާން ތޯ އުޅުނީ؟ މަސައްކަތާއި ގުޅުނީ. އެއިރުގެ ކަންކަން ހުރި ގޮތުން އެހެންގޮތެއް އެވަގުތަކަށްނެތް. ކޮބައިތޯ ތިޔަ ދެންނެވި ވާހަކައިގެ ތަފުސީލަކީ؟ އެއްކަމަކީ އަޅުގަނޑަކީ މަންމަޔާއި ބައްޕަގެ އެންމެ ދޮށީ ދަރިފުޅު ކަމަށްވެފައި އާއިލާގެ ކަންކަން ބަލަން ޖެހުން. އަނެއްކަމަކީ ރަށުގައި ހުރެގެން މަތީތައުލީމު އުނގެނޭނެ ފުރުސަތު ނެތުން. ދެން ބޭރުގެ މާއްދާތަކުން ފާސްނުވުން. ކޮން މަސައްކަތެއްތޯ ކުރެއްވީ؟ މަންމަމެންގެ ބުރަ މަސައްކަތާއި އެކު ގއ ވިލިގިނލީ އަތޮޅު އޮފީހުގެ ސެކްރެޓަރީ އެއްގެ ފަޒީފާއާށް ވަނީ. އެއިރު އުމުރަކީ 18 އަހަރު. ކޮން ދާއިރައަކުންތޯ މަތީތައުލީމަށް ފެށީ؟ ޑިޕްލޮމާގަ ނިންމީ ކުރިއަށް ދާނެ ދާއިރާ. ފުރަތަމަ ސެމިސްޓާގަ ނިސާމް ސޯ ކިޔަވައިދެއްވި ސްޓަޑީ ސުކިލްގައިޑުގަ ދެންނެވީ ކޮންމެ ކުއްޖަކުވެސް ލިޔާށޭ މިކޯސް ނިންމާފަ ވާން ބޭނުންވާ މީހެއް ނުވަތަ މަގާމެއް. ދެން އެދުވަހު އަޅުގަނޑު ލިޔުނީ އެޑްމިނިސްޓްރޭޓާ އަކަށޭ ނޫނީ އެޗް.އާރު މެނޭޖަރަކަށޭ ވާނީ. ކިހިނެއްތޯ މަތީ ތައުލީމުގެ ފުރުސަތު ލިބުނީ؟ ވަޒީފާގައި އުޅޭތާ އެއްއަހަރުވީތަނާ އެވިޑު ކޮލެޖުން ލީޑަރޝިޕް ލެވެލް3 ގެ ސެޓްފިކެޓް ކޯހެއް ރަށުގައި ހިންގުމަށް އިއުލާން ކޮށްފި. ދެން އަމިއްލައަށް އެކޯހަށް ވަދީ. އަސްލު އެކޯހުން ވަރަށް ގިނަ އެއްޗެހި ދަސްވެ، މުސްތާގު ސޯއާއި އަޅުގަނޑުގެ ލޮބުވެތި މަންމައާއި ބައްޕަގެ ސަބަބުން ހިއްވަރު ލިބުނީ. ނަމަވެސް އިތުރަށް ކިޔަވާން ރަށުން ބޭރަށް ދެވޭނެ ކަމުގެ އެއްވެސް އުއްމީދެއް ނުލިބޭ! އަދި އަޅުގަނޑު އެކަނި ރަށުން ބޭރަށް ފޮނުވާކަށް މަންމަމެން އެއްގޮތަކަސްވެސް ބޭނުމެއް ނޫން. އެހެން ހުއްޓާ އޭގެ ދެއަހަރު ފަހުން އަތޮޅު އޮފީހަށް މާލެއިން ވަޑައިގެންނެވި ވަފުދެއްގައި އަލީ ޝަރީފް އަދި މުހައްމަދު އިބުރާހީމް ކިޔާ ދެމީހަކު ވަޑައިގަތް. އެދެމީހުންނަށް އަޅުގަނޑު އަތޮޅު އޮފީހުގައި ކޮށްފައިހުރި މަސައްކަތްތައް ވަރަށް ކަމުދިޔަ. އަދި އަޅުގަނޑުގެ ހިންގުންތެރިކަމާއި ފަރުވާތެރިކަމަށް ވަރަށްބޮޑަށް ތައުރީފު ކުރުމަށް ފަހު އަޅުގަނޑު ގާތުގައި އަހައިފި. އިތުރަށް ނުކިވާ ތިމަގާމުގައި ހުންނާނީތޯ؟ ދެން އަޅުގަނޑު ކަން އޮތްގޮތް ބުނެފީމު. ކޯހަކަށް އެޕްލައި ކުރާނީ ކިހިނެއްކަން ވެސް ނޭނގޭ ވާހަކަވެސް ދެންނެވިން. ދެން އޭގެ ދުވަސްކޮޅެއްގެ ފަހުން އަޅުގަނޑަށް އެ، ދެބޭފުޅުން ގުޅުއްވީ. ވިދާޅުވީ ކޯސް އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރުމަށްފަހު ތައުލީމީ ސެޓްފިކެޓް ތަކާއި އެކު ފެކުސްކޮށް ދެއްވުމަށް. އަދި ދެންނެވި ކޯސް، ފީ ދައްކާލަދޭނީ އެދެބޭފުޅުން ކަމަށް އެ ކޮން ކޯހަކަށް ތޯ ފޯމު ތި ހުށަހެޅީ؟ ޑިޕްލޮމާ އިން ބިޒުނަސް އެ ކޯހަކީ. އެ ކޮން ކޮލެޖެއްތޯ؟ ނުނީ ކޮން ޔުނިވާސިޓީއެއްތޯ؟ މޯލްޑިވުސް ކޮލެޖު އޮފް ހަޔަރ އެޑިޔުކޭޝަން އެކޯހަށް ހޮވުނުތޯ؟ އާދެ! ނަސީބު ރަނަގޅު ކަމުން އެކޯހަށް ހޮވުނު. ވަރަށް އުފާވެފަ މަންމަ ގާތުގައިވެސް އެވާހަކަ ބުނީ. ދެން ކޯހަށް މާލެ ދާން ކިހިނެއްތޯ ހެއްދެވީ؟ ކުރިން ބުނުއްވައިފީމު މަންމަމެން މުނާ އެކަނި މާލެ ފޮނުވަން ހިތްހަމަ ނުޖެހޭ ވާހަކަ! ހިތްހަމައެއް ނުޖެހޭ! އަޅުގަނޑު ކޯހަށް މާލެދާން ފުރި ދުވަހަކީ އާއިލާގެ އެއްމެ ހިތްދަތި އެއްދުވަސް. އެކަމަކު ދިޔުމުގެ ކުރިން ޕޭލީވެއް ލިބޭތޯ އުޅުނީ. އޮފީހުން ޕޭލީވް ލިބޭނެ ކަމަށް ބުނުމުން ވަރަށް ހިތަހަމަޖެހުނު. އެއީ މަންމަމެންނަށް މުސާރަ ދެވޭނޭ ކަމުގެ އުންމީދު އޮތީމަ. އަދި މާލެގޮސް ކިޔަވައިގެން މަންމަމެން ކައިރިއަށް އައިސް އުފަލުގަ އުޅުވޭނެ ކަމުގެ ޔަގީންކަން ދިނުމުން އާއިލާގެ އެންމެން އެކަމަށް ހިއްވަރުދީ އުފަލާއި އެކު އެއްބަސްވީ. ކިޔަވާ ނިމެންދެންވެސް އުޅުނީ ޕޭލީވްގައި ތޯ؟ މިބުނީ އެކޯސް ފުރިހަމަކޮށް ނިންމީ އެގޮތަށް ޕޭލީވްގައި ހުރެގެންތޯ؟ ނޫން! އަޅުގަނޑު މާލެ އައިސް ތިންމަސް ވީތަނާ އެއިރު އޮތް ސަރުކާރު ބަދަލުވެއްޖެ. ދެން އޮފީހުން އަންގައިފި ކިވަންޖެހޭނީ ނޯޕޭލީވްގައި ކަމަށް. އެސިޓީ ލިބުމުން ހަމަ މުޅިން ހަދާނެގޮތް ހުސްވި. ދެން ކުރިއަށް ދެވުނީ ހެލްތު ޕޮރްޓެކްޝަން އެޖެންސީގެ މިހާރުގެ ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރާއި އެކަމަނާގެ ލޮބުވެތި ފިރިކަލުން އަލީ ޝަރީފްގެ އަގުނުކުރެވޭފަދަ އެހީތެރިކަމުގެ ސަބަބުން. ކޯހުގެ އެންރޯލްމަންޓާ، ފީދެއްކުމާއި ކޮލެޖަށްދާން ދަސްކޮށްދީ ލޮބުވެތި މަންމަ އެއް ފަދައިން އެހުރިހާ ކަމެއް ކޮށްދިނީ މައިމޫނާ އަބޫބަކުރު. އަދި ފުރަތަމަ އަހަރުގެ 2 ސެމިސްޓާގެ ފީވެސް ދައްކައިދިނީ މައިމޫނާ އަބޫބަކުރުގެ ދެމަފިރިން. އެއީ ގޮތް ހުސްވެފައި ހުރި މީހަކަށް ލިބުނު ކިހާބޮޑު ނިއުމަތެއްތޯ؟ އާދެ! އާދެ! އަދި އޮންނާނެނޫންތޯ އެއް އަހަރު. އެއަރުގެ ކަންކަން ކިހިނެއްތޯ ގެނަދިޔައީ؟ ސުނާމީ ކާރިސާއާއި ކުޅިގެން ދޫކުރި ލޯނުން އަޅުގަނޑުގެ ނަމުގައި މަންމަމެންނަށް 50،000 ރުފިޔާގެ ލޯނެއް ލިބުނު. އެއިން ކޯސް ފީގެ ބާކީ ދެއްކީ ތިދެންނެވީ ކޯސްފީގެ ވާހަކަ. އަދި ހުންނާނެނޯންތޯ އެހެނިހެން ވަރަށް ގިނަ ހަރަދުތަށް. އަމުދުން މާލޭގަ ވީމަވެސް. ކިހިނެއްތޯ އެކަންކަން ހަމަޖެއްސީ؟ ޑިޕްލޮމާގެ އެއްއަހަރު ނިމުނުތަނާ ކޮށްކޮ(ރިފާތު) މާލެ ގެނެސް ދެމީހުންވެގެން ތަނެއް ކުއްޔަށް ހިފީ. އަދި އިތުރު ދެ، ޕޮލިސް އަންހެން ކުދިންނާއި އެކު. އެތަނުގަ ކައްކާ ކެވޭނޭ ގޮތް ހެދުމަށްޓަކައި ބަދިގޭގެ ބައެއް ސާމާނު ގަނެދިނީވެސް މައިމޫނާއްތަ. އެވެސް އަޅުގަނޑުމެން ދެމައިން ގޮވައިގެން އަގޯރާއަށް ގޮސް. ކުލި ދައްކަނީ ހަތަރު މީހުން ބަހާލައިގެން. އަޅުގަނޑުގެ ކުލާސްގަޑިތައް އޮންނަގޮތުން ކިޔަވަންގޮސް އަދި ޓިޔުޝަން ދީފަ، ވަގުތެއް ނުވާތީ އަޅުގަނޑާއި ކޮށްކޮއާ ދެމީހުންގެ ކުލި ދައްކަން ކޮށްކޮ ދިޔައީ ފިހާރައަކަށް. އެތަނުން ލިބޭ މުސާރަ އެއްކޮށް ދައްކަނީ ގޭގެ ކުއްޔަށް. މަންމަމެންވެސް ލާރިކޮޅުކޮޅު ފޮނުވާ. އެކަމަކު އެޔަކުން ނުފުދޭ. ކިރިޔާ ކެވޭވަރުވެސް ނުވޭ. ގިނަފަހަރު ނުކައި ތިއްބަސް ރިހާކުރާ ބަތާ ތަންކޮޅެއް ގިނައިން ލިބޭތީ ހިތްހަމަޖެހިގެން ތިބެނީ. ދަތިވާ ވާހަކަ މަންމަމެން ގާތަކުވެސް ނުބުނަން. އަދި ބުންޏަސް މަންމަމެން ރަށުގައިވެސް އުޅެނީ ދަތިހާލުގައި ކަން އެނގޭތީ މަންމަމެންގާތުގައި ހުރިހާކަމެއްވެސް ރަނގަޅޭ ކިޔައިގެން ތިބެނީ. ކޮށްކޮވެސް އެއްއަހަރު އަޅުގަނޑަށްޓަކައި ފިހާރައެއްގެ ކޭޝިއަރަކަށް ހުރެގެން ކުލިދައްކާނެ ލާރިހޯދަން ވަރަށް ބުރަކޮށް މަސަކަތް ކޮއްދިން. [caption id="attachment_6209" align="aligncenter" width="605"] ޑރ. މުނާގެ ޑިގުރީ ގުރެޖުއޭޝަން[/caption] ޑިޕްލޮމާ ނިމުމުން ދެން ކިހިނެއްތޯ ކުރިޔަށް ދިޔައީ؟ ޑިޕްލޮމާ ނިމުމުން ސެޓްފިކެޓް ނުލިބެނީސް ޓައިމްސް ޕްރިންޓް ކިޔާ ފިހާރައެއްގެ ސޭޓަކަށް އަވަހަށް ވަދީ. އެތާގަ ހަމަސް ވަންދެން އުޅުނުތަނާ ޑީ.އެޗް.އެލް އިން ކުރި އިއުލާނަކަށް ކުރިމަތިލީ. އެއީ ސެކުރެޓަރީއަކަށް. ނަސީބަކުން ވަޒީފާ ލިބުމުން އެތާ ދެއަހަރު އުޅުމަށްފަހު މިނިސްޓްރީ އޮފް ހެލްތުގެ އެޗް.އާރު އޮފިސަރެއްގެ މަގާމަށް ބަދަލުވީ. ދެން އަލުން ކިޔެވުމާއިގެން އުޅުނީ ކޮންއިރަކު ކިހިނެއްތޯ؟ އެވަޒީފާ ލިބުމާއިއެކު ކިޔެވުން އަލުން ފަށައިފިން. ބެޗްލާސް އޮފް ބިޒުނަސް މެނޭޖްމަންޓް އެންޑު މާކެޓިން. މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންއިން. އެވަޒީފާއިން މުސާރައަށް ލިބެނީ 6000 ރުފިޔާ. ކުލި އަދި ކޯސްފީ ދައްކާފަ ކާންވެސް ލާރިއެއްނޯވޭ. ދެން ވަޒީފާ އަދާކުރަމުން ކޮލެޖަށް ދަމުން ގޭގެއަށް ޓިއުޝަން ދޭން ދިޔައީ. ކޮލެޖާއި ކައިރި ގޭގެއަށް. ކިހާވަރަކަށްތޯ ޓީއުޝަން ދިނީ އަދި ކިތަށް ކުދިންނަށް ޓިއުޝަން ދިނިންތޯ؟ ހަތަރު ކުދިން. 700ރ އާއި 1000ރ އާއި ދެމެދުގެ އަދަދެއް އަގުގެ ގޮތުގައި ނަގަނީ އެހާ ބުރަކޮށް އުޅުއްވަމުން ޑިގުރީން ފާސްވިތޯ؟ އާދެ! އެހުރިހާ ކަމެއް ކުރަމުން އެއްވެސް މާއްދާއަކުން ރިޕީޓްނުވެ އިރާދަ ކުރެއްވިއްޔާ ޑިގުރީ ނިންމާލެވުނު. ޑިގުރީއަށް ފަހުވެސް ހުރީ ހަމަ ކުރިން ހުރި ވަޒީފާގައި ތޯ؟ ނޫން ޑިގުރީ ނިމުމުން މުސާރަބޮޑު ވަޒީފާ އަކަށް ދާންވެގެން މިނިސްޓްރީ އޮފް ހައުސިން އެންޑު ޑިވެލޮޕްމެންޓުން އިއުލާންކުރި އެސިސްޓެންޓް ޑިރެކުޓަރ ގެ މަގާމާށް ކުރިމަތިލީ. ނަސީބު ރަނަގޅުކަމުން އެވަޒީފާވެސް ލިބުނީ އަޅުގަނޑަށް. ދެން އެވަޒީފާގައި އުޅެމުން މާސްޓާސް ހެދީ. މާސްޓާސް ހެދީ ކޮންތާކުން ކިހިނެއްތޯ؟ އެއީ ވިލާ ކޮލެޖުން ހިންގި އޯޕަން ޔުނިވާސިޓީ މެލޭޝިޔާގެ ކޯހުގައި. ކިޔެވީ މާސްޓާސް އޮފް ބިޒްނަސް. އެކޯސްވެސް ފުރިހަމަކޮށް ނިންމާލީ ވަޒީފާ އަދާކުރަމުން. [caption id="attachment_6211" align="aligncenter" width="530"] މާސްޓާސް އޮފް ބިޒުނަސް ނިންމުމަށް ފަހު ޑރ. މުނާ[/caption] މާސްޓާސް އަށް ފަހު ދެން ބަދަލުވީ ކޮން ވަޒީފާއަކަށްތޯ؟ ކޯސް ނިންމުމަށްފަހުވެސް މިނިސްޓްރީ އޮފް ހައުސިންގަ ދެއަހަރު އުޅުނިން. އެއަށްފަހު، މުސާރަބޮޑު ވަޒީފާއެއް ހޯދަން މަސައްކަތްކުރީ. އެގޮތުން އެތައްތަނަކަށް ކުރިމަތިލައި ސަރުކާރުގެ ހުރިހާ އިދާރާއަކަށް ކަހަލަ ގޮތަކަށް ޑިރެކްޓަރެއްގެ މަގާމުގެ އިންޓަވިއުއަށް ދެވުނު. އަބަދުވެސް ލިބެނީ ދެވަނަ ތިންވަނަ. އެންމެ ފަހުން 2016ވަނަ އަހަރު މީޑިޔާ ކައުންސިލްގަ އޮތް ޑިރެކްޓރ ކަމުގެ މަގާމު ލިބުނު ކަމަށް އެންގީ. ދެން އެހިސާބުން އެއަށްވުރެ މަތީ އެހެން ވަޒީފާއެއް ހޯދަން ނޫޅެ އެހިސާބުން ވަޒީފާ ހޯދުން ނިންމާލީތޯ؟ ނޫން! މީޑިއާ ކައުންސިލްގަ އުޅެނިކޮށް ފެނިއްޖެ ސިވިލްސާވިސް ކޮމިޝަނުން ޔޫތު މިނިސްޓްރީއަށް ޕާމަނެންޓް ސެކެޓްރީއެއް ހޯދަން އިއުލާން ކޮށްފަ އޮއްވާ. އަޅުގަނޑު ހިތަށް އެރީ ނުލިބުނަސް ވާ ގޮތެއް ބަލާލެވިދާނެތާއޭ! އެހެން ހިތާ ކުރިމަތިލީ. އެކަމަކު ހީކުރިގޮތާ ހިލާފަށް ސިވިލްސާވިސްގަ އޮންނަ އުސޫލުތަކާއި އެއްގޮތަށް އިންޓަވިއުތަކާއި ޓެސްޓްތަށް ހަދާ ހުރިހާ މަރުހަލާއެއް ކަޑައްތު ކުރުމަށް ފަހު އެންމެ މަތިން މާކުސް ލިބުނީ އަޅުގަނޑަށް. އެމަގާމަކީ ސިވިލްސާވިސްގެ އެންމެ މަތީ މަގާމަށްވެފައި އަޅުގަނޑު އަމިއްލައަށް ކުރަމުން އައި ބުރަ މަސައްކަތުގެ ނަތީޖާ ލިބިއްޖެ ކަމުގެ ފުރިހަމަ އިހުސާސް ކުރެވި އެދުވަހު އަޅުގަނޑަށް އުފަލުންގޮސް ރޮވުނު. ނަމަވެސް އިސާހިތަކު އުއްމީދުގެ ހުޅުކޮޅު ނިވި މާޔޫސްކަން ކުރިމަތިވެއްޖެ. އެކިހިނެއްވީތޯ އެހާ އަވަހަށް ހާލަތު ބަދަލުވީ؟ ވީގޮތަކީ މިނިސްޓަރުގެ ރުހުން ހޯދުމަށްފަހު، ވަޒީފާއަށް ނިކުތް ފުރަތަމަ ދުވަހު ސިވިލްސާވިސްއާއި ޔޫތު މިނިސްޓްރީގެ ވެރިންނާއި އެކު ބައްދަލުވުންތަށް ބާއްވާ އޮފީހުގެ މުއައްޒަފުންނަށްވެސް ތައާރަފުވެ ހެދުމަށްފަހު ގެއަށްގޮސް ވަންތަނާ ލިބުނު ފޯނުކޯލެއް. އެފޯނު ކޯލުން އަޅުގަނޑަށް އެންގީ މިނިސްޓަރ އަންގައިގެން ކަމަށް ބުނެ ވަކިކުރެވިފައިވާ ޕީ.އެސްގެ ރޫމް ނިމެންދެން އޮފީހަށް ނުނިކުމެ ގޭގައި މަޑުކުރުމަށެވެ. ހައިރާންވާން ޖެހުނީ އޮފީހަށް ދިޔައިރު ޕީ.އެސް ގެ ރޫމުގައި ކުރަންޖެހޭ އެއްވެސް މަސައްކަތެއް ނެތް އިރު ކުއްލިއަކަށް އެފަދަ ވާހަކައެއް ދެންނެވުމުންނެވެ. މާގިނައިރުތަކެއް ނުވެ އަނެއްކާވެސް ލިބުނު ފޯނުކޯލަކުން އެނގުނީ ގޯހެއް އުޅޭކަމެވެ. ކަންބޮޑުވެ ހާސްވެފައި ހުރެގެން މިކަން މި، ވީގޮތެއް ބަލަން ކުރި މަސައްކަތުން އެނގުނީ ޕޮލިޓިކަލް މޯޓިވް އެއްގައި އޭރު ތިއްބެވި ގއ. އަތޮޅުގެ ފަނޑިޔާރުންނާއި ސިޔާސީ މީހުން، ސުޖާއު އުސްމާނު އަދި ހަސަން ނަޖީބާއި ޝަހީބު، އަޅުގަނޑުގެ މައިންބަފައިންނާއި އޮތް ސިޔާސީ ހިތްހަމަނުޖެހުމެއްގައި މެޑަމް ފާތުންއަށް އަންގައިގެން މިނިސްޓަރަށް އެންގުމުން އެކަން އެގޮތަށް ކުރާން މިނިސްޓަރަށް މަޖުބޫރުވީކަން. މިކަމުގައި ސިވިލްސާވިސް ކޮމިޝަނަށްވެސް ގޮތް ހުސްވި. ސިވިލްސާވިސް ކޮމިޝަނާއި ޔޫތު މިނިސްޓްރީން ތިންމަސްދުވަސް ވަންދެން ވަކި އެއްޗެއް ނާންގާ މުސާރަވެސް ހިފެހެއްޓުމަށްފަހު އަޅުގަނޑު ގޭގަ ބެހެއްޓީ. ކޮބައިތޯ އެމީހުންގެ އެދުމަކީ؟ އެމީހުންގެ ޑިމާންޑަކީ މަންމައާއި ބައްޕަ ފާޅުގައި އެއިރު ވެރިކަމުގައި އޮތް ޕާޓީ(ޕީ.ޕީ.އެމް) އަށް ސޮއެކުރުން. ދަރިއެއްގެ ވަޒީފާ އަށްޓަކައި މަންމަމެން ބޭނުމެއްނުވި އެމީހުން ތިބި ޕާޓީ ބަދަލު ކުރާކަށް. މަންމަ އަޅުގަނޑަށް އެންގީ ތީ ދަރިފުޅުގެ މިންނެތް މަސައްކަތުން ދަރިފުޅަށް ހައްގުގޮތުގައި ލިބިފައި އޮތް ވަޒީފާ އެކޭ. އެހެންވީމާ ތި މަގާމްގެ ދިފާއުގައި ސިޔާސީ މީހުންގެ ފައިބުޑަށް ވެއްޓޭކަށް ނުޖެހެޔޭ. އަދި މަންމަ އަޅުގަނޑަށް ނަސޭހަތް ދީ ހިތްވަރު ދެމުން ދިޔައީ ތިހެން ތިކަމާއި މާޔޫސްނުވެ އަވަހަށް ޕީ.އެޗް.ޑީ ފެށުމަށް. އެކަމަކުވެސް އެކަންތަށް ވީގޮތެއް ބަލަން އަޅުގަނޑު ގުޅާފަ ވާހަކަ ދެއްކި ބައެއްމީހުން އަޅުގަނޑާއި ދިމާޔަށް ބުނަމުން ދިޔައީ ކިތަންމެ ވަރަކަށް ކިޔެވިޔަސް ތިމަންމެންގެ ވެރިކަމުގައި އިދިކޮޅުޕާޓީ މީހުންގެ ދަރިޔަކު އެފަދަ ބޮޑު މަގާމެއް އަދާކުރާކަށް ލާހިކެއް ނޫނޭ! ވަޒީފާއަށް ނިކުމެވޭނެ ގޮތެއް ނެތި މުސާރަ ނުލިބި އެހެން ހުންނާންވީމަ މުނާއަށް ކޮންކަހަލަ އަސަރުތަކެއްތޯ ކުރީ؟ ކޮބައިތޯ އެކަމުން ލިބުނު ގެއްލުން ތަކަކީ؟ އަޅުގަނޑަށް ވަރަށް ބޮޑެތި އަސަރުތަށް ކުރި. ވަރަށް ބޮޑެތި ގެއްލުން ލިބުނު. އެއީ ހަމަ އަޅުގަނޑުގެ ހަޔާތުގައި ކުރިން އައިސްފައި ނުވާފަދަ ހިތްދަތި ދުވަސްތަކެއް. އެހަބަރުތައް ނޫސްތަކަށް އެރުމުން މުޖުތަމައުގެ ބައެއްފަރާތްތަކުން ރައްދުކުރަމުން ދިޔަ ނެގެޓިވް ކޮމެންޓްތަކާއި އެކު އަޅުގަނޑުގެ ކެރިއާއަށް އެޅެމުން ދިޔަ ހުރަސްތަކަކީ ހަމަ ވަރަށް ހިތްދަތި ކަންތައްތަކެއް. އެ، ތިންމަސްތެރޭ ހަމަ ކޮންމެ ދުވަހަކީ ސުވާލުތަކެއްގެ ތެރޭގައި ނަފުސަށް ހަމަޖެހުމެއް ނުލިބި އުޅުނު ދުވަސްތަށް. އެއްވެސް ކަމަކާއި ނުލާ ވަޒީފާއަށް ނިކުތަ ނުދީ ގޭބަންދު ކުރީމާ ނަފުސާނީ އެތަށް ކަމެއް ދިމާވި. އެދުވަސްވަރު ނިދެނީވެސް ދުވާލަކު ދެ، ގަޑިއެއްހާ އިރު. މުސާރަ ނުލިބި މާލޭގަ ތަންތާގައި ކުއްޔަށް އުޅޭއިރު ކުލި ދައްކަން އުޅެންޖެހުނު ހާލު އެއްވެސް މީހަކަށް ތަސައްވަރެއް ނުކުރެވޭނެ. ކުއްލިޔަކަށް އެއްވެސް ކަމަކާއި ނުލާ ގޭގައި ބެހެއްޓިއިރު އާމްދަނީ ލިބޭނެ އިތުރު ގޮތެއްނެތް. އެކަމުގެ ސަބަބުން އަޅުގަނޑަށް ލިބުނު މާލީ، ޖިސްމާނީ އަދި ނަފުސާނީ ގެއްލުންތަކުގެ ބަދަލު ދުވަހަކުވެސް އެބޭފުޅުންނަކަށް އަދައެއް ނުކުރެވޭނެ. ދެން ކިހިނެއްތޯ ކުލި ދައްކާ ހެދީ އަދި އެހެނިހެން ހަރަދުތަށް ފޫބެއްދީ؟ ދެން ކުރިންވެސް ހޮބީއަކަށް ކުރަމުން އައި ފެހުމުގެ މަސައްކަތް އަގުނަގައިގެން ކުރަން ފެށީ. އޭގެ އިތުރުން ބައެއް ކުލާސްތަށް ނަގައިދީގެން އާމްދަނީ ހޯދީ. (ނުނިމޭ)
މުޙައްމަދު އަކުރަމް