ދިޔޯ ކޮލަމް: މިސްކިތްތަށް ބޭނުންކުރުމުގައި މިހާރަށްވުރެ ފަސޭހަވާން ޖެހެއެވެ.
މުޖުތަމައުގައި ހުރި ކޮންމެ ކަމެއްވެސް ހުންނާންވީ އެމުޖުތަމައު އެއްގައި އުޅޭ ބަޔަކަށް ފަސޭހަވާނޭ ގޮތަކަށް ނޫންތޯއެވެ. ބުރަޔާއި އުނދަގުލާއި ދައްޗާއި ތުރާލުން މިންޖުކުރެވިފައެއް ނޫންތޯއެވެ. ކިތަންމެ ކުޑަނަމަވެސް ފަސޭހައެއް ކޮށްދެވެން އޮތިއްޔާ ވާނީ އެފަސޭހައެއް ކޮށްދޭކަށް ނޫންތޯއެވެ.
މީގެ އަހަރުތަކެއް ކުރިން ސައިމޭޒެއްގެ ދޮށުގައި އިނދެ ރަށުގެ ކައުންސިލް މެމްބަރަކާއި ހިއްސާކޮށްލެވުނު އެއްވާހަކަޔަކީ ތައުބާ މިސްކިތުގެ ހަރިންމަ ފާރުގެ ވާހަކައެވެ. ފާރު ރޭނި ދުވަސްވަރުގައި އެފާރުގެ ކަންކަން އެގޮތަށް ކުރެވިފައި ހުއްޓަސް މިހާރު އެކަން އެގޮތަށް ހުރުމުން ކަމުނުދާ ވާހަކައެވެ. އާދެ! މިހާރު މިސްކިތުގެ ވަށައިގެން އާބާދުވެފައި ވާތީ މާދުރުންލައި ތަން ވަށައި ހިނގައި ތަނުގެ ދޮރާށިތަށް ހޯދާންޖެހޭ ވާހަކައެވެ. މިވާހަކަ ހަމަ ހިއްސާކޮށްލި ތަނާ ހަމަ ކުއްލިޔަކަށް ދެއްވި ޖަވާބަކީ ވަރަށްވެސް އުފާވެރި ޖަވާބެކެވެ. އެޖަވާބަކީ މިހާރު ތިޔަކަން އޮންނާނީ ނިންމާފައި ކަމަށާއި މިއަހަރު ތިކަން ހައްލު ކުރާނެ ވާހައެވެ.
ސުވާލަކީ އެކަން ހައްލުވެއްޖެބާވައެވެ. އަޅުގަނޑުގެ ޖަވާބަކީ ނޫނެކެވެ. ހައްލެއް ނުވެއެވެ. ތެދެކެވެ. ދެކުނުފަރާތުން ހަމަ އެއަހަރު ދޮރާއްޓެއް ހެދިފައި އެބަހުއްޓެވެ. އެއްކަމަކަށް ދޮރާށި ހެދިފައި ހުރި ހިސާބުވެސް ރަނގަޅެކޭ ދެންނެވޭކަށް ނެތެވެ. ވުޟޫ ކުރާ ބައިގެ ހުޅަނގުން އެދޮރޯށި ހެދިނަމަ މާ ރަނގަޅުވީސް ކަމުގައި ދެންނެވެން އެބައޮތެވެ. އެންމެ ރަނގަޅު ނޫނަސް ދޮރާށި ލެވުނުކަން އެއީ ވަރަށްވެސް ބޮޑުވަރެކެވެ. އެކަމަކު ހައްލަކީ އުތުރު ފަރާތުގައިވެސް ދޮރާށި ލުމެވެ. އެހެނީ މިސްކިތުގެ ފުރަގަހު މަގުން އުތުރުކޮޅުން އަންނަ މީހުންނެއްވެސް މިހާރަކު މަދެއް ނުވާނެއެވެ.
މިބަދަލު ގެންނާންވީ ހަމަ އެކަނި ތައުބާ މިސްކިތުގެ ވަށާ ފާރަކަށްވެސް ނޫނެވެ. މިބަދަލަކީ ނަސްރު މިސްކިތާއި ތައާވުން މިސްކިތުގެ ހަރިންމަ އަށް ވެސް ގެންނާން ހަމަ ރަނގަޅު ބަދަލެކެވެ. އަދި ރާއްޖޭގެ އެހެން ހިސާބުތަކުގައި ހުރި މިފަދަ މިސްކިތްތަކުގެ ހަރިންމަތަކަށްވެސް ގެންނާން ޖެހޭ ބަދަލެކެވެ.
ދެން އޮތީ މިސްކިތުގެ ވާހަކައެވެ. މިސްކިތްތަށްވެސް ފަރުމާ ކުރެވިފައި ހުރީ ބަނޑަހަގެ ތަކެއްގެ ސިފަޔަށޭ ބުނުމަކުން ގޯހެއްނެތެވެ. ނަސްރު މިސްކިތާއި ސިއްދީގު މިސްކިތުގައި މިކަން ވަކިން ގަދައެވެ. މިސްކިތެއްގެ އެންމެ ފަސޭހަ ކަމަކީ މިސްކިތުގެ އަރިމަތިން ދޮރު ލާފައި ހުރުމެވެ. މިސްކިތްތަކުގައި އަރިމަތިން ދޮރު ލާން ޖެހޭކަމާއި އެކަމުގެ ފަސޭހަކަން ރާއްޖެގައި ހުރި ދުވަސްވީ މިސްކިތްތަކަށް ބަލާލުމުންވެސް ފެނެއެވެ. އަރިމަތީ ދޮރު ނެތުމުން ވާގޮތަކީ މިސްކިތަށް ނަމާދަށް ކުރިން އެރި މީހުން މިސްކިތުގައި ބަންދުވެ ހައްޔަރުވަނީއެވެ. ރަމަޟާން މިކަން ވަރަށް ބޮޑެވެ. ނިކުމެ ފައިބާގެން ދެވޭނެ ގޮތެއް ނޯންނަނީއެވެ. ޖަމާއަތުގެ ނަމާދާއި ގުޅިގެން ނޫނަސް މިމައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެއެވެ. ތިން ހަތަރުމީހަކު ސުންނަތް ކޮށްލަން މިސްކިތުގެ ތަންކޮޅެއް ފަހަތުގައި ހުއްޓަސް މިސްކިތް ބަންދުވާ ގޮތް ދިމާވެއެވެ. މިކަންވެސް ނަސްރާއި ސިއްދީގުގައި ވަކިން ބޮޑެވެ. އެހެން ވާނެ ނޫންތޯއެވެ. އެދެމިސްކިތުގައި ކުރިމަތިންވެސް ހުރީ އެންމެ ދޮރެކެވެ. ކުޑައޭ ކިޔާވަރުގެ ދެމިސްކިތެއްވެސް ނޫނެވެ.
ކޮންމެއަކަސް މިސްކިތްތަކާއި މިސްކިތުގެ ހަރިންމަތަށް ތަޅައިގެން ދޮރާއްޓާއި ދޮރާއި ދޮރުކަނި ނުލިޔަސް މިކަންކަމަކީ ދެން ކުރާ މިފަދަ މަސައްކަތެއްގައި އިސްކަންދީ ސަމާލުވެ އިސްލާހު ކުރަންޖެހޭ ކަންކަމެވެ. އޭރުން މިސްކިތްތަށް ބޭނުންކުރުމުގައި މިހާރަށްވުރެ މާބޮޑަށްވެސް ފަސޭހާ ވާނެ ކަމީ ޔަގީން ކަމެކެވެ. ކޮންމެ ފަސޭހަޔަކީ ވަރަށްބޮޑު ލުޔެކެވެ. (ނިމުނީ)
ގުޅުން ހުރެދާނެ ލިޔުން
ދިޔޯ ކޮލަމް: ކައުންސިލުގެ މިސްރާބު ބަދަލުކުރަން ޖެހޭ
16 - މޭ - 2023
އިހަވަންދޫ ހޮސްޕިޓަލުގެ މަސައްކަތް ހުއްޓުވުމުގައި އިހަވަންދޫ ކައުންސިލްގެ ދައުރު އެބައޮތް
24 - އޭޕްރީލް - 2023
ރައްޔިތުންގެ އެތައް ހާސް ރުފިޔާއަށް އަޅާލުމެއް ނެތި ވީރާނާވާން ދޫކޮށްލެވިފައި
11 - އޭޕްރީލް - 2023
އިހަވަންދޫން ބިން ކުއްޔަށް ދޫކުރަން ކުރި އިޢުލާންތައް ބާތިލްކޮށްފި!
25 - ޖޫން - 2026
މިއަދުން ފެށިގެން މަހުބޮލާއި ގޮހޮރުވެސް އަޅަންޖެހޭނީ އެކަމަށް ހާއްސަ ކޮށްފައިވާ ސަރަހަށްދަށް!
9 - ޖެނުއަރީ - 2026
އިހަވަންދޫގައި ތައްޤީކުރުމަށް އެއްބަސްވުމުގައި ސޮއެކުރި ޑޮކްޔާޑް، ވަޖީހުއާއި ހަމައިން ހުއްޓުނީތަ؟
18 - ނޮވެމްބަރު - 2025
އެންވީކޭ ބަލިކޮށް ޔުނައިޓެޑް ޔޫތުން ކައުންސިލް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި!
22 - އޮކްޓޯބަރު - 2025
ކައުންސިލް ކަޕްގެ ފައިނަލްގައި ވާދަވެރި އެންވީކޭ އަދި ޔުނައިޓެޑް ޔޫތުގެ ކުރިމަތިލުމެއް!
21 - އޮކްޓޯބަރު - 2025
ސްޕޯޓްސް އެރީނާގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ – މެމްބަރު ނަސީރު
19 - އޮކްޓޯބަރު - 2025
އިހަވަންދޫއިން ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު މާދަމާ ހަމަވަނީ!
23 - ޖުލައި - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް