ހއ. އަތޮޅުން 2 ރަށާއެކު ޖުމުލަ 18 ރަށެއް ރިސޯޓް ތަރައްޤީކުރުމަށް ހުޅުވާލައިފި
ރިސޯޓު ތަރައްޤީކުރުމަށް ސަރުކާރުން 18 ރަށެއް ބީލަމަށް ހުޅުވާލައިފިއެވެ.
އާ ރަށްތައް އިޢުލާންކޮށްފައިވަނީ ދުބާއީ އެކްސްޕޯ 2020ގައި ކުރިއަށްދާ ރާއްޖޭގެ އިންވެސްޓްމަންޓް ފޯރަމްގައެވެ.
އަލަށް ބީލަމަށް ހުޅުވާލި ރަށްތަކުގައި ހިމެނޭ ހއ. އަތޮޅުގެ 2 ރަށަކީ، ބޮޑުމިނުގައި 10.90 ހެކްޓަރ ހުންނަ ހއ. މެދަފުށި އަދި ބޮޑުމިނުގައި 3 ހެކްޓަރ ހުންނަ ހއ.އަލިދުއްފަރުފިނޮޅެވެ.
އަލަށް ހުޅުވާލާފައިވާ ރަށްތަކުގެ ތެރޭގައި އެއްފަޅެއްގައި ކައިރި ކައިރީ ހުންނަ ރަށްތަކާއި ފަޅު ހިއްކައިގެން ރިސޯޓު ތަރައްޤީކުރުމުގެ ފުރުސަތުވެސް ހިމެނެއެވެ. މިފަހަރު ހުޅުވާލާފައިވާ ރަށްތަކަށް ބިޑު ހުށަހެޅުމަށް ވަނީ އެހެން ފަހަރުތަކާއި ހިލާފަށް ދިގު މުއްދަތެއް ދީފައެވެ. އެގޮތުން ބިޑު ހުށަހެޅުމުގެ ފުރުސަތު ވަނީ އަންނަ އަހަރުގެ ފެބްރުއަރީމަހުގެ ނިޔަލަށް ހުޅުވާލާފައެވެ.
މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 04 ނޮވެމްބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި އަދި 20 ޖަނަވަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައިވަރޗުއަލްކޮށް (ޒޫމް މެދުވެރިކޮށް) ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، ޓޫރިޒަމް މިނިސްޓްރީއަށް ހާޟިރުވެ ބީލަން ހުށަހެޅުއްވުން އެދިފައިވެ އެވެ.
ރިސޯޓް ތަރައްޤީކުރާ ފަރާތްތަަކަށް ސަރުކާރުން ގިނަ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ރިސޯޓް ތަރައްޤީކުރަން އެތެރެކުރާ މުދަލުން ނަގާ ޑިއުޓީ ކުޑަކުރުމާއި، 100 އިންސައްތަ ބޭރުގެ ހިއްސާ އޮންނަ ފަރާތްތަކަށްވެސް ރަށްތައް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
ރިސޯޓު ތަރައްގީކުރަން ހުޅުވާލި ރަށްތައް
- ހއ. މެދަފުށި - 10.90 ހެކްޓަރު
- ހއ. އަލިދުއްފަރުފިނޮޅު - 3 ހެކްޓަރު
- ހދ. ކުޑަފަރުފަސްގަނޑު - 1.20 ހެކްޓަރު
- ށ. ކުޑަޅައިމެންދޫ - 14.70 ހެކްޓަރު
- ރ. އެއްތިގިލި އަދި އަލިފުށި ފަޅުން 10 ހެކްޓަރު - 20 ހެކްޓަރު
- މ. ސީދީހުރާ އަދި ސީދީހުރާ ވެލިގަނޑު - 4.28 ހެކްޓަރު
- މ. މާއުސްފުށި - 10.40 ހެކްޓަރު
- ފ. އެނބުލުފުށި - 1.00 ހެކްޓަރު
- ފ. ޖިންނަތުގައު - 0.89 ހެކްޓަރު
- ތ. ކާއްޑޫ - 3.9 ހެކްޓަރު
- ތ. އޮޅުފުށި އަދި އޮޅުފުށިފިނޮޅު - 3.54 ހެކްޓަރު
- ލ. ކަށިދޫ - 3.1 ހެކްޓަރު
- ލ. ބޮޑުމުންޏަފުށި - 3 ހެކްޓަރު
- ލ. ދޮންބެރެހާ އަދި ހޮޅަރެހާ - 4.44 ހެކްޓަރު
- ގއ. މާރެހާ - 17 ހެކްޓަރު
- ގއ. ފުނަދޫވިލިގިއްލާ - 5 ހެކްޓަރު
- ގދ. ކަނޑަހަލަގަލާ - 7.4 ހެކްޓަރު
- ގދ. ފެރޭތަ ވިލިގިއްލާ އާއި ދެކާނބާ އާއި ކޮޑެރަޓާ އާއި އިތުރު ރަށެއް - 9.26 ހެކްޓަރު



