ޚަބަރު

ކައުންސިލްގެ ޖަލްސާތައް ލައިވްކުރަން ޝިފާޒާ ހުށަހަޅައިފި

އިހަވަންދޫ ކައުންސިލްގެ އާންމު ބައްދަލުވުންތައް ލައިވްކުރަން ކައުންސިލަރު މަރިޔަމް ޝިފާޒާ ހުށަހަޅުއްވައިފިއެވެ. ޝިފާޒާ ފޭސްބުކްގައި  ކުރެއްވި ޕޯސްޓެއްގައި ބަޔާންކުރައްވާފައި ވަނީ ކައުންސިލުން ކުރާ މަޝްވަރާތައް ރައްޔިތުންނަށް އިވެން ޖެހޭ ކަމަށާއި، ކައުންސިލުން ނިންމާ ނިންމުންތައް ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށެވެ. "ރައްޔިތުންނާ ސިއްރުކުރަން ޖެހޭ، ސިއްރުން ކުރަން ޖެހޭ އެއްވެސް ކަމެއް އޮވެގެން ނުވާނެ" ޝިފާޒާ ލިޔުއްވާފައިވެއެވެ. އައްޑޫ ސިޓީ ކައުންސިލްގެ އާންމު ބައްދަލުވުންތައް ލައިވްކުރަމުންދާކަން ބަޔާންކުރައްވަމުން، އިހަވަންދޫ ކައުންސިލްގެ ޖަލްސާތައް ވެސް ލައިވް ނުކުރެވެންވީ ބަހަނާއެއް އޮވެގެން ނުވާނެ ކަމަށް ޝިފާޒާ ލިޔުއްވާފައިވެއެވެ. ޖަވާބުދާރީވާ ޒިންމާދާރު ހާމަކަންބޮޑު ނަޒާހާތްތެރި ކައުންސިލަކަށްވުމަށްޓަކައި ތިން ކަމެއް ކުރަން ހުށަހަޅާނެ ކަމަށް ޝިފާޒާގެ ޕޯސްޓްގައި ވެއެވެ. އެއީ - ކައުންސިލްގެ އާންމު ބައްދަލުވުންތަކުގެ އެޖެންޑާ ހާމަކުރުން - ކައުންސިލްގެ އާންމު ބައްދަލުވުންތައް މީސްމީޑިއާގައި ލައިވްކުރުން - ކައުންސިލްގެ އާންމު ބައްދަލުވުންތަކުގެ ނިންމުންތައް އާންމުކުރުން އިހަވަންދޫން ވީހާވެސް އަވަހަކަށް ގޯތި ދޫކުރުމަށް ވެސް ޝިފާޒާ މި ފަހުން ކައުންސިލަށް ހުށަހެޅިއެވެ. އަދި ހޯރަފުށީ އެއާޕޯޓްގައި ޖެޓީ އެޅުމުގެ މަޝްރޫއު ލަސްވެފައި ވާތީ އެކަމާމެދު ކައުންސިލަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމަށް ވެސް ހުށަހަޅާފައި  ވެއެވެ. ނަމަވެސް މިއިން އެއްވެސްކަމެއް ކައުންސިލްގެ ޖަލްސާތަކަށް މިހާތަނަށް އެޖެންޑާކޮށްފައެއް ނުވެއެވެ.
މުޙައްމަދު އަކުރަމް