ދުނިޔޭގެ އެކި ސަރަހައްދުތަކުން ސާވޭގެ ނަތީޖާ
އިސްރާއީލުން ޣައްޒާގައާއި އަދި ދާދިފަހުން އީރާނާ ދެކޮޅަށް ހިންގަމުންދާ އަސްކަރީ ހަރުކަށި އަމަލުތަކުގެ ސަބަބުން، އިސްރާއީލުގެ އެންމެ ގާތް އެކުވެރި ގައުމުތަކުގައިވެސް އެ ގައުމުގެ އަގު ވަނީ ވަރަށް ބޮޑަށް ވެއްޓިފައެވެ.
1. މުސްލިމް ގައުމުތަކުގައި އިންތިހާ ނަފުރަތު
އިސްރާއީލާ މެދު އެންމެ ބޮޑަށް ނުރުހުން ފާޅުކޮށްފައިވަނީ މުސްލިމް އަޣްލަބިއްޔަތު އޮންނަ ގައުމުތަކުންނެވެ.
-
ތުރުކީ: 99% މީހުން އިސްރާއީލާ ދެކޮޅެވެ. (މީގެ ތެރެއިން 91% އަކީ "ވަރަށް ބޮޑަށް ނުރުހޭ" މީހުންނެވެ.)
-
ޕާކިސްތާން: 95% މީހުން ނުރުހުންވެއެވެ.
-
މެލޭޝިޔާ: 89% މީހުން ނުރުހުންވެއެވެ.
-
އިންޑޮނޭޝިޔާ: 86% މީހުން ނުރުހުންވެއެވެ.
2. އެމެރިކާއާއި ޔޫރަޕްގެ މަސްރަހު ބަދަލުވުން
އާންމުކޮށް އިސްރާއީލުގެ ދިފާއުގައި ތިބޭ ގައުމުތަކުގެ ރައްޔިތުންގެ ވިސްނުންވެސް މިހާރު ވަނީ ބަދަލުވެފައެވެ.
-
އެމެރިކާ (US): އެމެރިކާގެ 60 އިންސައްތަ މީހުން މިހާރު އިސްރާއީލާ މެދު ދެކެނީ ނެގެޓިވްކޮށެވެ. މިއީ 2025 ވަނަ އަހަރާ އަޅާބަލާއިރު 7 ޕޮއިންޓްގެ ކުރިއެރުމެކެވެ.
-
ޔޫރަޕް: ސާވޭ ކުރެވުނު ޔޫރަޕްގެ ހުރިހާ ގައުމެއްގެ ބޮޑު އަޣްލަބިއްޔަތެއް އޮތީ އިސްރާއީލާ ދެކޮޅަށެވެ. އެންމެ ކުރީގައި އުޅެނީ ސްޕެއިން އަދި ސްވީޑަން (78%) އެވެ. ނެދަލޭންޑްސް (76%)، އިޓަލީ (75%)، އަދި ޖަރުމަނުވިލާތް (73%) އެވެ.
3. ދެކުނު އެމެރިކާއާއި އެފްރިކާ
-
ދެކުނު އެމެރިކާ: އާޖެންޓީނާގެ ރައީސް ހާވިއޭ މިލެއި އަކީ އިސްރާއީލަށް ވަރަށް ބޮޑަށް ތާއީދުކުރާ ބޭފުޅެއް ނަމަވެސް، އެގައުމުގެ 55 އިންސައްތަ ރައްޔިތުން ތިބީ އިސްރާއީލާ ދެކޮޅަށެވެ. ބްރެޒިލްގެ 52% މީހުންވެސް އިސްރާއީލާ ނުރުހެއެވެ.
-
އެފްރިކާ: ސާވޭއިން އިސްރާއީލަށް ކޮންމެވެސް ވަރެއްގެ ޕޮޒިޓިވް ނަތީޖާއެއް ލިބުނު ހަމައެކަނި ސަރަހައްދަކީ އެފްރިކާގެ ސަހާރާގެ ދެކުނުގެ ގައުމުތަކެވެ. ކެންޔާ (50%)، ގާނާ (49%)، އަދި ނައިޖީރިއާ (47%) މީހުން އިސްރާއީލާ މެދު ރަނގަޅު ވިސްނުމެއް ގެންގުޅެއެވެ. ނަމަވެސް ސައުތު އެފްރިކާގެ 58 އިންސައްތަ މީހުން ތިބީ އިސްރާއީލާ ދެކޮޅަށެވެ.
ޒުވާނުންނާއި ސިޔާސީ ފިކުރުގެ ތަފާތު
މި ސާވޭއިން މުޅި ދުނިޔެއިން ފާހަގަވި އަނެއް ކަމަކީ، އުމުރުން 18 އަހަރާއި 34 އަހަރާ ދެމެދުގެ ޒުވާނުން، އުމުރުން ދުވަސްވީ މީހުންނަށްވުރެ މާ ބޮޑަށް އިސްރާއީލާ ދެކޮޅުކަމެވެ. ހާއްސަކޮށް އުތުރު އެމެރިކާއާއި ޔޫރަޕްގެ ޒުވާނުންގެ މެދުގައި މިކަން ބޮޑެވެ.
އަދި ސިޔާސީ ގޮތުން "ވާތު ފިޔަ" (Left-wing) ނުވަތަ ލިބަރަލް ފިކުރުގެ މީހުންގެ މެދުގައި އިސްރާއީލާ މެދު އޮތް ނުރުހުން ވަރަށް ބޮޑެވެ. އެމެރިކާގައި އެކަނި ބެލިޔަސް، ލިބަރަލް ފިކުރުގެ 83% މީހުން އިސްރާއީލާ ދެކޮޅެވެ.
ބައިނަލްއަގުވާމީ މުހައްލިލުން ފާހަގަކުރާ ގޮތުގައި، ދުނިޔޭގެ މަރުހަލާގައި އިސްރާއީލާ މެދު މިފަދަ ނެގެޓިވް ވިސްނުމެއް އާންމުވެގެންދިޔަ މައިގަނޑު ސަބަބަކީ ފާއިތުވި ތިން އަހަރަށްވުރެ ގިނަ ދުވަހު އެ ގައުމުން އަވަށްޓެރި ގައުމުތަކާ ދެކޮޅަށް ހިންގަމުންދާ ވަރުގަދަ އަސްކަރީ ކެމްޕޭނެވެ. ހާއްސަކޮށް 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގައި ހިންގަމުންދާ ލޭއޮހޮރުވުން ބޮޑު ހަނގުރާމައާއި، ފަހުން ލުބުނާނަށާއި އީރާނަށް ދޭންފެށި ހަމަލާތަކުގެ ސަބަބުން އާންމު ރައްޔިތުން މަރުވަމުންދާ މަންޒަރުތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ދުނިޔެއަށް ބޮޑަށް ތިލަވުމަކީ ޒުވާނުންނާއި އާންމުންގެ ހިތްތަކުގައި ނަފުރަތު އުފެދުނު ސަބަބެކެވެ. މީގެ އިތުރުން، ބައިނަލްއަގުވާމީ ގާނޫނުތަކަށް ބެލުމެއްނެތި ނަތަންޔާހޫގެ ސަރުކާރުން ކުރިއަށްގެންދާ ހަރުކަށި ސިޔާސަތުތަކުގެ ސަބަބުން، ކުރިން އިސްރާއީލަށް ވާގިވެރިވި ހުޅަނގުގެ ގައުމުތަކުގެ އާންމު ރައްޔިތުންވެސް މިހާރު ދެކެނީ އިސްރާއީލަކީ ސުލްހައަށް ހުރަސްއަޅާ ގައުމެއްގެ ގޮތުގައެވެ.



