ކުށްވެރިން އެކައުންޓު ބޭނުންކުރަނީ ކީއްވެ؟ (ފައިސާ ފަށަލަކުރުން)
ކުށް ކުރާ ފަރާތްތަކުން އަމިއްލަ އެކައުންޓުގެ ބަދަލުގައި އެހެން މީހުންގެ އެކައުންޓުތައް ބޭނުންކުރަނީ އެ ފައިސާއަކީ ކޮން ތަނަކުން އައި ފައިސާއެއްކަން އޮޅުވާލުމަށެވެ. މީގެ ތެރޭގައި މައިގަނޑު ދެ ކަމެއް ހިމެނެއެވެ:
-
އޮންލައިން ޖުވާގެ ފައިސާ ފަށަލަކުރުން: ރާއްޖޭގައި މަނާކޮށްފައިވާ އޮންލައިން ޖުވާ (Gambling) ކުޅޭ ސައިޓުތަކުން ލިބޭ ފައިސާއާއި، އެ ކުޅިވަރުތަކަށް ބޭނުންވާ ފައިސާ ދައުރުކުރަނީ އާންމުންގެ އެކައުންޓުތައް މެދުވެރިކޮށް "ލޭޔަރިންގް" ނުވަތަ ފަށަލަކުރުމުގެ ތެރެއިންނެވެ. މިއީ އެ ފައިސާގެ އަސްލު މަސްދަރު ފޮރުވައި، އެއީ ހަލާލު މުއާމަލާތެއްގެ ގޮތުގައި ދެއްކުމަށް ކުރާ ކަމެކެވެ.
-
ފޭރުމާއި ސްކޭމްގެ ފައިސާ: މީހުންނަށް އޮޅުވާލައިގެންނާއި އެކި ކަހަލަ ލިންކުތައް މެދުވެރިކޮށް ފޭރިގަންނަ ފައިސާ، ފުލުހުންނަށް ނުފެންނާނެހެން އެތައް އެކައުންޓެއްގެ ތެރެއިން ދައުރުކުރުވައެވެ. ކުއްޔަށް ހިފާ އެކައުންޓަކީ މި ފޭރޭ ފައިސާ ރައްކާކޮށް، ދޮވެލުމަށް ބޭނުންކުރާ "ޓްރާންސިޓް" ޕޮއިންޓެކެވެ.
ލިބިދާނެ ބޮޑެތި ގެއްލުންތައް
ފުލުހުން އިންޒާރު ދޭ ގޮތުގައި އެކައުންޓު ކުއްޔަށް ދިނުމަކީ ހަމައެކަނި މަދަނީ މައްސަލައެއް ނޫނެވެ. އޭގެ ނަތީޖާ ވަރަށް ހިތްދައްޗެވެ:
-
ޖިނާއީ ދައުވާ: މަނީ ލޯންޑަރިންގް ނުވަތަ ކުށް ކޮށްގެން ހޯދާ ފައިސާ ބަދަލުކުރުމުގެ ބައިވެރިއަކަށް ވެ، ޖަލު ހުކުމެއް އައުމުގެ ފުރުސަތު އޮވެއެވެ.
-
ބޭންކިން ޚިދުމަތް މެދުކެނޑުން: އެކައުންޓު ބްލެކްލިސްޓް ކުރެވި، މުސްތަގުބަލުގައި އެއްވެސް ބޭންކަކުން އެކައުންޓު ހުޅުވުމާއި، ލޯނު ނެގުމާއި، ކާޑުގެ ޚިދުމަތް ހޯދުމުން މަހުރޫމުވެދާނެއެވެ.
-
ފިޔަވަޅު އެޅުން: އެކައުންޓު ކުއްޔަށް ހިފާ މީހުންނާއި ދޭ މީހުން ދެނެގަނެ، ދައުލަތުގެ ކަމާބެހޭ ހުރިހާ އިދާރާތަކެއް ގުޅިގެން މިހާރު ވަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.
ފުލުހުން ވަނީ ސޯޝަލް މީޑިއާގައި މިފަދަ އިޝްތިހާރުތައް ޝެއާ ނުކުރުމަށާއި، އެފަދަ ކަމަކަށް ހިތްވަރު ނުދިނުމަށް އިލްތިމާސްކޮށްފައެވެ. އަދި އެފަދަ މުއާމަލާތެއް ހިނގާކަން ފާހަގަވެއްޖެނަމަ، ލަސްނުކޮށް ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރަށް ރިޕޯޓުކުރުމަށް ވަނީ އެދިފައެވެ.



