ޚަބަރު

ހޯރަ ޔުނައިޓެޑްގެ ސަޕޯޓަރުންނާއި ކުޅުންތެރިން މާރާމާރީހިންގި މެޗުން އެންވީކޭ މޮޅުވީކަމަށް ނިންމައިފި

ބިއުޓިފުލް ބްލޫ މައިކަޕް 2024 ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް، އެންވީކޭ ދަތުރުކޮށްފިއެވެ. މިރޭކުޅުނު ސެމީފައިނަލްގެ ފަހުމެޗްގައި އެންވީކޭ އަދި ހޯރަ ޔުނައިޓެޑް ބައްދަލުކުރިމެޗް، ހޯރަޔުނައިޓެޑްގެ ސަޕޯޓަރުންނާއި ބައެއް ކުޅުންތެރިން މާރާމާރީ ހިންގަންފެށުމުން، ކުރިޔަށް ނުގެންދެވިގެން ވަކިހިސާބަކުން ހުއްޓައިލީއެވެ. މެޗްގެ ފުރަތަމަ ހާފްގައި އެންވީކޭއިންވަނީ 2 ގޯލްޖަހައި ކުރި ހޯދާފައެވެ. މެޗުގެ ކުޅުން މެދުކަޑައިލީ މެޗްގެ ފަހު ހާފްގެ 29 ވަނަ މިނެޓްގައި، އެންވީކޭގެ ޕެނަލްޓީ އޭރިޔާ ތެރެއިން ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން، ރެފްރީ ޕެނަލްޓީ ނުދިނުމުން އުފެދުނު ހިތްހަމަނުޖެހުމުގެ ތެރޭގައެވެ.  މިހަމަނުޖެހުމުގައި ހޯރަ ޔުނައިޓެޑްގެ ސަޕޯޓަރުންނާއި ބައެއް ކުޅުންތެރިން ދަނޑަށް އަރައި މާރާމާރީ ހިންގަންފެށިއެވެ. މި މާރާމާރީ ތެރޭގައި މެޗްގެ ބޯލް ބޯއީ އަކަށް އަނިޔާވެގެން، އާމިނާދިޔޯ ސިއްޙީމަރަކަޒަށް ގެންދިއިރު، އެހެންބޯލް ބޯއީއެއްގެ ގައިގައި ހޯރަފުށީ ޓީމްގެ ކުޅުންތެރިއަކު ގޮނޑިއަކުން  ޖެހިތަން މިނޫހުން މެޗް ކަވަރުކުރުމުގައި ހަރަކާތްތެރިވި ޖާނަލިސްޓަށް ފެނުނެވެ. މީގެއިތުރުން ރެފްރީން ފަހައިދުވެ، ރެފްރީންގެ ގައިގައި ޖަހަން އެޓީމްގެ ކުޅުންތެރިޔަކު ދަގަނޑު ބުރިއެއްފަދަ އެއްޗެއް އެއްލިތަން ފެނުނުއިރު، ދަނޑުގައި ބަހައްޓާފައި ހުރި ބައެއްތަކެއްޗަށްވެސް ގެއްލުން ދިނެވެ. ދަނޑުގައި ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވަމުން ދިޔަނަމަވެސް، މެޗް ކުރިޔަށް ގެންދެވޭނެ ފަދަ މާހައުލެއް ނެތުމުން، މެޗު ހުއްޓައިލިކަން އިއުލާނުކުރިއެވެ. އަދި ފަހުންވަނީ މެޗުން އެންވީކޭ މޮޅުވިކަން އިޢުލާން ކޮށްފައެވެ. އެންވީކޭ މިމެޗުން މޮޅުވީ 2-0 އިންނެވެ. މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އެންވީކޭގެ އައިހަމްއެވެ. މިއީ އެންވީކޭ މައިކަޕްގެ ފައިނަލުން ޖާގަހޯދި 5 ވަނަ ފަހަރެވެ. އެޓީމަަށް މިމުބާރާތް ކާމިޔާބުކުރެވިފައިވަނީ 1 ފަހަރުއެވެ. އެންވީކޭއާއި ދެކޮޅަށް ފައިނަލްގައި ނުކުންނާނީ ކުޅިމަގެވެ. މިމުބާރާތުގެ ފައިނަލް މެޗް އޮންނާނީ ޖެނުއަރީ 1 ވާ ބުދަ ދުވަހުގެ ރެއެވެ.
.